ރިޕޯޓް އޯގަސްޓްމަސް، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހާއްސަ މަހެއް

އޯގަސްޓްމަސް، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހާއްސަ މަހެއް

އޯގަސްޓްމަސް، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހާއްސަ މަހެއް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ދިވެހިންނަކީ އަޅުވެތިކަމުގެ ހިތި ރަހަ ތަޖުރިބާކުރި ބައެކެވެ. އެހެންނަމަވެސް މާތްﷲގެ އިރާދަފުޅުން މިއަދު ދިވެހިންނަކީ މިނިވަން ދިދައެއްގެ ހިޔާ ދަށުގައި ތިބި ބައެކެވެ. ދިވެހިންގެ އަދިރި މާޒީ ވަނީ އަޅުވެތި ކަމާއި ދުރަށްލާފައެވެ. ދިވެހިންގެ ލޭގެ ޤުރުބާން ވަނީ ތާރީޚުގައި ފަވާލާފައެވެ. ބައިބައި ވުމާއި ވަކިވެ ގަތުމަކީ ގައުމުގެ ތެރޭގައި ނެތް އެއްޗެއް ކަމުގައި ހެދިއެވެ. ފައިދާ އާއި މަންފާ ލިބޭ ޚިޔާލުން ދިވެހިންގެ އަތްތައް ގުޅާލެވިފައިވި އުފާވެރި ދުވަސްތަކެއް ދިވެހިން ދެކިފައިވައެވެ. ދުޝްމަނުކަމާއި ޢަދާވާތްތެރިކަން ފަހާލުމަށްފަހު، އުޖާލާ މުސްތަޤުބަލަކަށް އެދި ތިބި ދިވެހިން ތަކެއްވެސް މިގައުމު ދެކިފައިވެއެވެ. އެހެން ނަމަވެސް މިއަދު ހާލަތު ބަދަލު ވެއްޖެއެވެ. މުޅި ގައުމު މިވަނީ ސިޔާސީ އޮއިވަރެއްގައި ޖެހިފައެވެ. އެގޮތުން މިދިޔަ ހައެއްކަ އަހަރުތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބޮޑެތި އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މިފަހަރު މި ބަލާލަނީ ވޭތުވެދިޔަ އަހަރުތަކުގެ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާފައިވާ އަދި މިއަހަރުގެ ތެރޭގައި ހިނގާފާނެ ކަމަށް ބެލެވޭ ބައެއް ފާހަގަކޮށްލެވޭ ކަންކަމަށެވެ

އެއީ 2004 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ދުވަހެކެވެ. މުޅި މާލޭގެ އެންމެންހެން ޖުމްހޫރީ މައިދާނަށް އެއްވެފައިވާ ކަހަލައެވެ. އެ މައިދާނުން ފެންނަމުންދަނީ ރުޅިވެރިކަން އޭގެ އިންތިހާއަށް ގޮސްފައިވާ މޫނުތަކެކެވެ. ވަކި ކަމެއް ހާސިލްކޮށްފައި ނޫނީ އެމައިދާން ދޫކޮށްފައި ނުދިއުމުގެ ވަރުގަދަ އަޒުމެއްގައި ތިބި ދިވެހި ދަރިންތަކެކެވެ. އޭރުގެ ސަރުކާރާއި މެދުގައި އެބައިމީހުންގެ ހިތްތަކުގައި އުފެދިފައިވާ ރުޅިވެރިކަމާއި ނަފުރަތުގެ ވަރުގަދަ އުދާސްތަކެއް ބޭރުކޮށްލުމުގެ އުއްމީދުގައި އުފުލެމުންދާ އަޑުތަކުން މުޅި އެމައިދާން ގުގުމަމުން ދެއެވެ. މިހާރުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިކޮށް ފެންނަ އެތައް މޫނުތަކެއް އެދުވަހުގެ އެމައިދާނުގައިވެސް ފެނިގެން ގޮސްފައިވެއެވެ. ހަމަ އެހަރަކާތްތެރިކަމާއި އެޖޯޝުގައެވެ. އަސްލު މައްސަލައަކީ ކޮބައިތޯއެވެ؟ "މިނިވަން ބަހުސް" ގެ ނަމުގައި އެދުވަސްވަރު މާލޭގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ އިސްބައިވެރިއަކު ފުލުހުންގެ މަރުކަޒަށް ހާޒިރުކުރެވުނީއެވެ. ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށެވެ. ފުލުހުންގެ މަރުކަޒުގައި ގިނައިރުވުމުގެ ސަބަބުން ވަމުންދާ ގޮތް ބެލުމަށް މީހުން އެއްވަމުން ދިއައެވެ. އެގޮތުން އެސަރަހައްދަށް އެއްވި މީހުންގެ ރުޅިވެރިކަން ގަދަވެ ޖުމްހޫރީ މައިދާން ފަޅާއި މުޅި މާލެއަށް ވެރިވީއެވެ. ނަތީޖާ އަކަށްވީ ކެކެމުން ދިޔަ ލޭގައި، އަމިއްލަ މީހުންގެ މުދަލާއި ސަރުކާރުގެ މުދަލާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީ، އެތަންތަނުގައި ހުޅުޖަހާ އަންދަން ފެށުމެވެ.                މި ދުވަހަކީ ދިވެހި ތާރީޚުގައި ކަޅު ދުވަހަކަށްވުމެވެ. ދިވެހި ދައުލަތަށާއި އާއްމު ފަރުދުންނަށް ލިބުނު ގެއްލުންތައް ބޮޑުވީތީއެވެ.

އާދެ އެދުވަހަކީ 2004 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހެވެ. ދުވަހުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ބޮޑުކަމުން އޯގަސްޓް 13 ވީ ހުކުރު ދުވަހު މާލެ އާއި މާލެ ކައިރި ރަށްތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އަމާންކަމާއި ސުލްހައަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން އެސް.އެމް.އެސް އާއި އިންޓަނެޓްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލެވުނެވެ. މި ދެ ދުވަހު ރާއްޖޭގައި ހިނގާ ގޮސްފައިވާ ކަންކަމާއި މެދު ބޭރުގެ މީޑިއާތައް މެދުވެރިކޮށް ބޭރު ދުނިޔެއަށް ދިވެހިރާއްޖެ އާއި ގުޅޭގޮތުން ނުރަނގަޅު ޚަބަރުތަކެއް ވެސް ދެވިގެން ގޮސްފައިވެއެވެ. ކުރު ގޮތަކަށް މި ބަލާލީ އޯގަސްޓް މަހު ރާއްޖޭގެ ސިޔަސީ މަޝްރަހުން ފާހަގަ ވެގެން ގޮސްފައިވާ ކަންކަމުގެ ތެރެއިން "ކަޅު ހުކުރު" ގެ ގޮތުން ހާއްސަވެފައިވާ 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13އަށެވެ.

މި ފަހަރު އެހެން ކަމެކެވެ. މިހާރު އަމަލު ކުރަމުންމިދާ އާ ޤާނޫނު އަސާސީ ވުޖޫދަށް އައީ ވެސް އޯގަސްޓް މަހެއްގައެވެ. އާދެ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އެހެން ކަމުން މިކަމަށްވެސް  ކުރު ގޮތަކަށް ބަލާލާނަމެވެ. 9 ޖޫން 2004 ވީ ބުދަދުވަހުގެރޭ އޭރުގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ޤައްޔޫމު ބޭއްވެވި ނުރަސްމީ ބައްދަލުވުމެއް އިސްލާމީ މަރުކަޒުގައި އޮތެވެ. މި ބައްދަލުވުމުގައި އޭރު އަމަލުކުރަމުން ދިޔަ ގާނޫނު އަސާސީ އިސްލާހުކުރައްވަން ފެނިވަޑައިގަންނަވައި ކަމާއި އެމަސައްކަތް ކުރުމަށްޓަކައި ރައްޔިތުންގެ ހާއްސަ މަޖިލީހެއް އެކުލަވާލައްވާނެކަން އިއުލާން ކުރެއްވިއެވެ. އެގޮތުން ޖެހިގެން އައި ޖުލައި މަހުގެ 19 ގައި ޚާއްސަ މަޖުލިސް އެއްކުރެއްވިއެވެ. އެ މަޖުލީހުގެ މަސައްކަތް ގާތްގަނޑަކަށް ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމާލާ އާ ގާނޫނު އަސާސީ ފާސްކުރީ 2008  ޖޫން 26 ގައެވެ.

އާ ގާނޫނު އަސާސީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސް ކުރުމާއި ގުޅިގެން އެ ގަނޫނު އަސާސީ ތަސްދީޤު ކުރުމުގެ ތާރީޚީ ރަސްމިއްޔާތު ބޭއްވުނީ 2008 އޯގަސްޓް 7 ވީ އަންގާރަ ދުވަހު ހެނދުނު ދިހައެއް ޖެހިއިރު ދަރުބާރުގޭ ގައި އެ ކަމަށް ހާއްސަ ކުރެވިފައިވާ ދަރުބާރެއްގައެވެ. 1991 ވަނަ އަހަރުގެ ޖެނުއަރީއިން  ފެށިގެން އަމަލުކުރަން ފެށި ގާނޫނު އަސާސީ އިސްލާހުކުރުމަށް ފަހު އެކުލަވާލި އާ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގަރާރުގައި ސޮއިކުރެއްވީ 10:33 ގައި  އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބުދުލް ޤައްޔޫމެވެ. މިދުވަސް ދިވެހިންނަށް ޚާއްސަވަނީ ތިން ބާރު ވަކި ކުރެވިފައިވާ ގާނޫނު އަސާސީއެއްގެ ފޮނި މީރުކަން ލިބިގެން ދިޔަ ދުވަހަކަށް ވާތީއެވެ.

ހިނގަމުން މިދާ 2012 ވަނަ އަހަރަކީ ވެސް ސިޔާސީ ގޮތުން ތަފާތު އެތައްކަމެއް މި ގައުމުން ތަމްސީލުވަމުންދާ އަހަރެކެވެ. އެގޮތުން މިއަހަރުގެވެސް އޯގަސްޓް މަހަކީ ދިވެހިރާއްޖޭގެ ތަރީޚުގައި ސިޔާސީ ގޮތުން ހާއްސަ ވެގެން ދާނެ މަހެކެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު މިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނާއި ގަވާއިދާ އެއްގޮތައްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އުފެއްދެވި އިންކުއަރީ ކޮމިޝަންގެ ތަހުގީގު ނިންމާ ރިޕޯޓް އާއްމުކުރަމަށް ކަނޑައަޅައިފަވާ ދުވަހަކީ މިހިނގާ އޯގަސްޓް މަހުގެ ތިރީސް ވަނަ ދުވަހެވެ. އެހެން ކަމުން މިދުވަސްވެސް ވެގެންދާނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަލަބޮލި ދުވަހަކަށެވެ. ސިޔާސީ ގޮތުން އައު ކަންތައްތައް ތަކެއް ފެނި، ކުރީގެ ކަންތައްތައް ތަކުރާރުވުމަކީވެސް ވުން ގާތް ކަމެކެވެ.

މިފަދަ ކޮންމެ ހާލަތެއްގައިވެސް އަޅުގަނޑުމެން އެންމެންގެވެސް އަޒުމަކަށް ވާންވާނީ އެއް އަޒުމެކެވެ. ހިޔާރުކުރަން ޖެހޭނީ  ސުލްހަވެރި ގޮތެވެ. ހަމަނުޖެހުމާއި ފަސާދައަށް ޖާގަ ނުދީ އެކުވެރިކަމާއި އެއްބައެއްވަންތަކަން ލާމަސީލު ވެގެން ދިއުމަކީ އަޅުގަނޑުމެން އެންމެން މިއެދޭ އެދުމެވެ. ސިޔާސީ މަޝްރަހަށް އަންނަ ކޮންމެ ހަލަބޮލިކަމަކީ އޭގެ އަސަރު އަޅުގަނޑުމެންގެ އާއިލާތަކުންނާއި އެކުވެރީންނާއި ވެރީންނަށް ކުރަންޖެހޭ ކަމެއްނޫނެވެ. އޭގެ ބަދަލުގައި އެފަދަ ކޮންމެ ހަލަބޮލިކަމަކާއި ނުތަނަވަސް ކަމަކުން އަޅުގަނޑުމެން ލިބެގަންނަންވީ އިބުރަތެކެވެ. ހޯދަންވީ ފިލާވަޅުތަކެކެވެ. އޭރުން މާތް ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެންގެ މި ލޯބިވާ ގައުމު ދާނީ ކުރިއަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.