ދިވެހިން ފާހަގަކުރެވެނީ އަބަދުވެސް އެމީހުންގެ ދީނާމެދު ޣީރަތްތެރި ބަޔެއްގެ ގޮތުގައެވެ. އެހެންވީމަވެސް ތޯއްޗެކެވެ. އެންމެ ގިނައިން މައްސަލަ ހުށަހެޅޭ އަދި އެވުޒާރާއަކާ ބެހޭގޮތުން ވާހަކަ ދެކެވޭ އެއްވުޒާރާއެކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއެވެ. އެގޮތުން މިވުޒާރާގެ އެންމެ ފަހުގެ ޚަބަރުތައް ހޯދާލުމުގެ ނިޔަތުގައި ވުޒާރާ ގޫގުލްކޮށްލީމެވެ. ނޭނގި ނަމަވެސް މިފެށުނީ ވަރުގަދަ ދަތުރެއްކަން ލިޔުން ނިމެންދެން ކިޔާލެއްވުމުން އެނގިވަޑައިގަންނަވާނެއެވެ. ކޮންމެއަކަސް، ލިބުނު ނަތީޖާއިން އަޅުގަނޑަށް ދެވުނީ ތައްޔާރުކޮށްފައިވާ ބޮލޮގަކަށެވެ.
މިބޮލޮގުން ފެނުނު ލިޔުންއޮތީ ވުޒާރާއާ ފަންނާނުން(މުނިފޫހިފިލުވައިދޭ؛ ކުރެހުންތެރިން، މުމައްޘިލުން...)ތަކަކާ ބެހޭގޮތުންނެވެ. މިލިޔުމުގައިވަނީ މިވުޒާރާއާއި ވަޒީރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ދެން އެބޮލޮގުގައި ހުރީ ދިވެހިން ތައްޔާރުކޮށް ބަލަހައްޓާ ބޮލޮގްތަކަކާއި ސައިޓުތަކަކަށް ހުރި ލިންކުތަކެކެވެ. އަޅުގަނޑު ހީކުރީ މިލިންކުތަކުން މިލިޔުމާބެހޭ އިތުރު ތަފްޞީލް ލިބޭނެ ކަމަށެވެ. ނަމަވެސް އަނެއްކާވެސް އަޅުގަނޑަށް ލިބުނީ އިތުރު ޙައިރާންކަމެކެވެ. މިލިންކުތަކުގައި ހުރި ލިޔުންތަކުގައި ރާއްޖޭގައި ދީނީ މިނިވަންކަން ނެތުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ. އަދި ވަކިން ޚާއްޞަކޮށް އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުއްޓެވެ. އަޅުގަނޑު އެންމެ ބޮޑަށް ސިއްސުވާލި ލިންކަކީ ދިވެހިން ލިޔެ ތައްޔާރުކޮށްފައިވާ ބޮލޮގެކެވެ.
ދާދިފަހުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންވަނީ، ނަޞާރާދީނަށް ވަނުމަށް ހިތްވަރުދޭކަހަލަ މިޔުޒިކާއި ލިޔުމާއި އެހެނިހެންވެސް ތަކެތި ހިމެނޭ ސައިޓެއް ބްލޮކްކޮށްފައެވެ. އަޅުގަނޑަށް ކުރިން ދެންނެވި ބޮލޮގު ފެނުމުން ޔަޤީންވީ އެވުޒާރާއަށް މިބޮލޮގް އަދި ނުފެންނަ ނުވަތަ ފާހަގަނުކުރެވޭ ކަމެވެ. އެހެންނޫންނަމަ މިބޮލޮގް ބްލޮކްކުރިތާ ކޮންދުވެހެއް ހެއްޔެވެ! މިބޮލޮގް ލިޔެފައިވަނީ، ކުރިންވެސް ދެންނެވިހެން، ދިވެހި ބަހުންނެވެ. އަދި މިބޮލޮގް ބަލަހައްޓަނީ މުލްޙިދެއްކަން ލިޔުންތަކުގެ ރޫޙު ހުރިގޮތުން އެނގެއެވެ. މިމީހަކުވަނީ ހުރިހާ ދީންތަކަށް، ވަކިން ޚާއްޞަކޮށް އިސްލާމްދީނަށް މަލާމަތްކޮށް ފުރައްސާރަކޮށްފައެވެ. އަދުގެ މާއްދީ ހިތްތައް ގަޔާވާނެ ޒާތަށް މީނާވަނީ މަންޠިޤީ ޙުއްޖަތުދައްކާފައެވެ. އަޅުގަނޑު މިދައްކަނީ އެތަނުން އެންމެ ލިންކެއްގެ ވާހަކައެވެ. މައިސައިޓުގައި މިފަދަ ދިހަވަރަކަށް ލިންކު ހުއްޓެވެ. މިއިން ކޮންމެ ލިންކެއްގައިވެސް ރާއްޖޭގައި ދީނީ މިނިވަންކަން ނެތުން ވަނީ ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ. އަދި ޢަޤީދާއާއި ދީނެއްގެ ޙައިޘިއްޔަތުންނާއި ދިރިއުޅުމާއި ވެރިކަންހިންގުމުގު ނިޒާމެއްގެ ޙައިޘިއްޔަތުން އިސްލާމްދީނަށް ފުރައްސާރަކޮށް އާޑަކިޔާފައިވެއެވެ.
ދެންހުރީ ދީނީ މިނިވަންކަމަށް ގޮވާލާއި މިކަން ރާއްޖޭގައި އޮތް މިންވަރާބެހޭ (އަޅުގަނޑު ބެލިމިންވަރުން) އެކިއެކި ބައިނަލްއަޤްވާމީ ސައިޓްތަކެއްގެ ލިންކުތަކެކެވެ. މިތަނުން ލިންކަކުން އަޅުގަނޑަށް ދެވުނީ އޮސްޓްރޭލިޔާގެ ބޮލޮގަކަށެވެ. މިބޮލޮގުގައިވާ ލިޔުންވަނީ އިންސާނީ ޙައްޤުތަކާ ބެހޭގޮތުންނެވެ. އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި ރާއްޖެވަނީ މިދާއިރާއިން އިތުރަށް ކުރިޔަށް ހިނގަންޖެހިފައެވެ. ނަމަވެސް އަޅުގަނޑުގެ ސަމާލުކަން އަތުލައިގަތީ އެއްވެސް ޙާލެއްގައި އެޝައުޤުކުރުވަނިވި ލިޔުމާއި މޭބޮޑުވާ ޒާތުގެ ފޮޓޯތަކެއް ނޫނެވެ. ނަމަވެސް މިލިޔުމަށް ދިވެއްސަކު (ކަމަށްބުނެ) ކޮށްފައިވާ ކޮމެންޓެކެވެ. މި ކޮމެންޓުގައި ވާގޮތުންނަމަ މިމީހަކީ ރާއްޖޭގައި ދިރިއުޅޭ ނަސްލީގޮތުން ދިވެހި، ނަޞާރާއެކެވެ. އަދި އަލަށް ތަޞްދީޤުކުރެވުނު ޤާނޫނު އަސާސީގެ ދަށުން މީނާއަށާއި މީނާފަދަ އެހެންމީހުންނަށް ކުރިން އަޅުކަންކުރަމުން އައިގޮތަށް އަޅުކަންކުރުމަށް ދަތިވާ ވާހަކައެވެ. އަޅުގަނޑުގެ ސިކުނޑު ތަކުރާރުކުރާ ސުވާލަކީ، މަންސޫޚުވެގެންދިޔަ ޤާނޫނު އަސާސީގެ ދަށުން މިމީހުން އަޅުކަން ކުރަމުން އައީ ރާއްޖޭގެ ކޮންތާކު، ކިހިނެއްބާއެވެ؟ އަދި މީނާ އިތުރަށް ލިޔެފައިވާ ގޮތުންނަމަ އައު ޤާނޫނު އަސަސީގެ ދަށުން އޭނާފަދަ މީހުން ދިވެހި ރައްޔިތުންނަކަށް ނުވެއެވެ. އެހެނީ ޤާނޫނުބުނާ ގޮތުންނަމަ ކޮންމެ ދިވެހި ރައްޔިތަކުވެސް ވާންޖެހޭނީ މުސްލިމަކަށެވެ. (މިތާ މިމީހަކަށް މިވަނީ އޮޅިފައެވެ. މަންސޫޚު ކުރެވުނު ޤާނޫނު އަސާސީގައިވެސް މިމާއްދާ ހަމަ މިގޮތަށް ލިޔެވިފައިވެއެވެ.) އޭނާގެ އެދުމަކީ މިކޮމެންޓް ކިޔާ އޮސްޓްރޭލިޔާ ރައްޔިތުން މިކަމާބެހޭގޮތުން އެޤައުމުގެ ބޮޑުވަޒީރަށް ދެންނެވުމަށެވެ.
އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. މިއީ އެއްފަހަރުން ހަޖަމުކޮށްލުމަށް ދަތި އަދި ގިނަ މިންވަރެކެވެ. ކުރިން ދިވެހިސަރުކާރުންވަނީ އާބާދީގެ ގޮތުން ކުޑަނޫން މި ޖަމާޢަތް ވަންހަނާގޮތެއްގައި ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިކަމަށް ބުނެވެއެވެ. އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް މިކަން މިގޮތަށް ބޭއްވުމަށް ބޭނުންވެލެއްވީ ޔޯލައެވެ. ނުވަތަ ޒާތީ މަޞްލަޙަތެއް ކުރިއަށް ނެރުއްވީ ޔޯލައެވެ. ކޮންމެ ސަބަބަކާހެދި ނަމަވެސް، މިދެންނެވި ކަންކަން ކޮށްފައިވަނީ ދިވެހިންކަމުގައިވާނަމަ އަޅުގަނޑު ޙަޤީޤަތެއްކަމުގައި ޤަބޫލުކުރަމުންއައި ކަމެއް ދާދީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން އެ ދިޔައީއެވެ. ރާއްޖެއަކީ އަދު ސައްތައިންސައްތަ މުސްލިމް ޤައުމެއް ނޫންކަމުގައިވެސް ވީއެވެ. އޭރުން ދީނީ ގޮތުން ރާއްޖެ އޮތް ޙާލަތު ރަނގަޅު ކުރުމަށްވުރެއް ފުނޑުފުނޑުވެގެންދިޔަ ޤަބޫލުކުރުމުގެ އެތިއެތިކޮޅު އެއްކޮށް މަރާމާތުކޮށް މިހާރު އާއްމުކޮށް ހަދާހެން ސިކުނޑިއޭގެން ދޮވުންވެސް މާފަސޭހަވާނެއެވެ. ކޮންމެ ގޮތެއްވިޔަސް، މިހިސާބުން އުފެދޭ ސުވާލަކީ ދިވެހިން މިޙާލަތު ރަނގަޅުކޮށް ކުރިން ދީނީގޮތުން ތިބިގޮތަށް ރުޖޫޢަވުމަށް ބޭނުންވޭބާއެވެ؟ ނުވަތަ އަދު އެމީހުން ބޭނުންވަނީ އެއަށްވުރެއް އިތުރު، "އައުކަމެއް ތަޖުރިބާކޮށްލަން" ބާވާއެވެ؟ ކޮންމެއަކަސް މިއީ، މިހިތި "ޙަޤީޤަތަށް" އަޅުގަނޑުގެ ލޯ ހުޅުވުނު ގޮތެވެ.
މިފަދަ އިތުރު ހަތަރު ލިޔުމެއް ލިޔުމުގެ ބޭނުމަކީ، އިސްލާމްދީނަކީ އަދު އަޅުގަނޑުމެން ތަޙައްމުލު ކުރަމުންގެންދާ ހިތާމަވެރި ކަންކަމުގެ އަޞްލުނޫންކަން ޘާބިތުކޮށްދިނުމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އިސްލާމްދީން އަޅުގަނޑުމެންނަށް ހޯދާދީފައިވާ ފާގަތި ކަންކަމާ އަޅާބަލާއިރު މިއީ ވަރަށްވެސް މަދު މިންވަރެކެވެ. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން އެމައްސަލަތަކެއްގައި އިސްލާމްދީނަށް އިނގިލި ދިއްކުރަމުން ގެންދާ ކަންކަން އުފެދިގެންއައީ އެމާތްދީނުގެ ތެރެއިންނެއް ނޫނެވެ. (އެނޫން ދެން ކޯއްޗެއްބާއެވެ؟ ތިޔަބޭފުޅުން ގޮތެއް ނިންމަވާށެވެ.) އެހެނީ އިސްލާމްދީން އައީ މިފަދަ މައްސަލަތަކުގެ ޙައްލެއްގެ ގޮތުގައެވެ. މިފަދަ މައްސަލަތައް މަނާކުރުވާ ހުރަހެއްގެ ގޮތުގައެވެ. މިކަމުގައި ޝައްކަކަށް ޖާގައެއްނެތެވެ. މިލިޔުން ލިޔުމުގައި، ފަހަރެއްގައި އަޅުގަނޑުމިވަނީ މަގުގެއްލިފައިކަމަށް ވެދާނެއެވެ. ފަހަރެއްގައި އަޅުގަނޑު މިލިޔަނީ ހަލާކަށް އަޅުގަނޑު ހަލާލުވާފަދަ ބަސްތަކެއްކަމަށް ވެދާނެއެވެ. ނަމަވެސް އަޅުގަނޑު ޘާބިތުކަމާއެކު އިސްލާމްދީނުގެ ރިސާލަތު ދިފާޢުކުރަމެވެ. މާތްކަލާނގެ އަޅުގަނޑަށް ހިދާޔަތުގެ މަގު ދައްކަވާށިއެވެ. ތިބާޔަށްވެސް އެފަދަ މިންވަރު ކޮށްދެއްވާށިއެވެ. އާމީން!
ނޯޓް: މިއީ ފަސް ބައިގެ އެކުލެވިގެންވާ ސިލްސިލާ މަޒުމޫނެކެވެ. މިލިޔުން ފުރަތަމަ ޝާޢިއު ކުރެވިފައިވަނީ 2009 އޮކްޓޯބަރ 29 ގައި ނޫރުލްއިސްލާމް ވެބްސައިޓުގައެވެ.

















ޚިޔާލު