
1432 ވަނަ އަހަރުގެ އަޟުހާ ޢީދު ނަމާދު އިސްލާމީ މަރުކަޒު ފުރި ޖުމުހޫރީ މައިދާނުގައި ބަޔަކު ނަމާދު ކުރަނީ. | ދިއިސްލާމް ފޮޓޯ: އަޝްވާގު
ގާތްގަޑަކަށް 40 ހާސް މީހުންނަށް ސްޓޭޑިއަމްގައި ނަމާދު ކުރެވޭނެ ޖާގަ ހަމަޖެހިފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ދިއިސްލާމް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ 40 ހާސް މީހުންނަށް ދަތިކަމެއް ނެތި ސްޓޭޑިއަމްގައި ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށާއި އަންހެނުންނަށް ޓްރެކް ދަނޑު ހަމަޖައްސާއިރު ފިރިހެނުން ނަމާދު ކުރާނީ ޑރ ޒާކިރު ނައިކް ދަރުސް ދެއްވި ސްޓޭޑިއަމްގައި ކަމަށެވެ. "ގާތްގަޑަކަށް 40 ހާސް މީހުންނަށް ސްޓޭޑިއަމްގައި ނަމާދު ކުރެވޭނެ. އެއީ އަންހެނުންނަށް ޓްރެކް ދަނޑު ސަރަހައްދު. ފިރިހެނުންނަށް ޒާކިރު ނައިކް ދަރުސް ބޭއްވިތަން." އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުހައްމަދު ދީދީ ވިދާޅުވިއެވެ.
ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި ފިރިހެނުން ނަމާދު ކުރާ ސްޓޭޑިއަމް ފުރިއްޖެ ހާލަތެއްގައި ޖެހިގެން އޮތް ޓާފް ދަނޑުގައިވެސް ނަމާދު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.
އިސްލާމިކް މިނިސްޓަރ މީގެ ކުރިން މީޑިއާއަށް ވިދާޅުވެފައިވަނީ " އެތަނުގައި އީދު ނަމާދު ބާއްވަނީ އިސްލާމީ މަރުކަޒަށާއި އެހެން މިސްކިތްތަކަށް ލުޔެއް ހޯދަން. އަދި އީދު ދުވަހުގެ އެއްބައިވަންތަކާއި ދިވެހިންގެ އެކުވެރިކަން އާލާކުރުމަށް. " ކަމަށެވެ.
ހާމަ ތަނެއްގައި ޢީދު ނަމާދު ފުރަތަމަ ފަހަރަށް ކުރެވޭއިރު މިކަމަށް އިސްލާމިކް މިނިސްޓްރީއިން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...