ދުނިޔެ

ފިޖީގެ ކުރީގެ ބޮޑުވަޒީރު ޖަލަށްލުމަށް ޙުކުމްކޮށްފި

ކޮރަޕްޝަންގެ މައްސަލަތަކަކާއި ގުޅިގެން ފިޖީގެ ކުރީގެ ބޮޑުވަޒީރު ލައިސީނީއާ ގަރާސޭ އެއްއަހަރު ދުވަހަށް ޖަލަށްލުމަށް އިއްޔެ ޙުކުމްކޮށްފިއެވެ.

ކޯޓުގެ ލިޔެކިއުންތަކުގައި ބުނާގޮތުން 71 އަހަރުގެ ގަރާސޭގެ މައްޗަށްވަނީ ކޮރަޕްޝަންގެ ފަސް ޢަމަލެއް ސާބިތުވެފައެވެ. އަދި މިޙުކުމުގެ ސަބަބުން 2014 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި ގަރާސޭއަށް ކުރިމަތިނުލެވޭނެއެވެ.

ފިޖީގައި އެންމެ ފަހުން ޑިމޮކްރެޓިކް ގޮތުން އިންތިޚާބުކުރެވުނު ބޮޑުވަޒީރު ގަރާސޭވަނީ ފިޖީގައި ހައަހަރު ދުވަހު ބޮޑުވަޒީރުކަމުގެ މަޤާމް ފުރާފައެވެ. އަދި 2006 ވަނަ އަހަރު ފިޖީގެ މިހާރުގެ ލީޑަރު ފްރޭންކް ބައިނިމަރަމާގެނައި އިންޤިލާބުގައި ގަރާސޭވަނީ ވެރިކަމުން ބާލާފައެވެ.

މިޙުކުމާއި ގުޅިގެން ގަރާސޭއަށް ތާޢީދުކުރާ 300 އެއްހާ މީހުންވަނީ ހައިކޯޓުގެ ބޭރުގައި ހަޅުތާލުކޮށް ޙުކުމާއި ދެކޮޅަށް އިޚްތިޖާޖުކޮށްފައެވެ. އެމީހުން ބުނާގޮތުގައި ހައިކޯޓުގެ މިޙުކުމަށްވަނީ ސިޔާސީ ނުފޫޒުފޯރާފައިކަމަށާއި އަދި މިއީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ގަރާސޭއަށް ބައިވެރިވުމުގެ ފުރުސަތުގެ ނުދިނުމަށް ރާވައިގެން ކޮށްފައިވާ ޙުކުމެކެވެ.

ގަރާސޭއަށް ޙުކުމް އިއްވި ފަނޑިޔާރު ޕްރިޔާންތާ ފަރނެންޑޯ ހާމަކުރިގޮތުގައި މިޙުކުމަކީ ސީޔާސީގޮތުން ބާރުގަދަ މީހުންނަށް އޮއް ފިލާވަޅެކެވެ. އޭނާ ބުނެފައިވާ ގޮތުގައި ޢަދުލުއިންސާފުގެ ކުރިމަތީގައި ސިޔާސީގޮތުން ބާރުގަދަ މީހެކޭ އާންމުރައްޔިތެކޭ އެއްވެސް ތަފާތެއް ނޯންނާނެއެވެ. އަދި ކޮންމެ މީހަކު ކުރިކަމުގައިވިޔަސް ކުށްވާނީ ކުށަށް ކަމަށާއި އަދި އެކުށަކަށް އަދަބުދިނުމުގައި ވަކި މީހަކަށް ވަކިގޮތެއް ހެދުމަކީ އެއީ އިންސާފެއްނޫންކަމުގައި އޭނާ ހާމަކުރިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ