އޭޝިއާދުނިޔެ

ބަރުމާގެ ފުލުހުން އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގާފައިވޭ- ހިއުމަންރައިޓްސް ވޮޗް

ބަރުމާގެ އިރުއުތުރު ހިސާބުގެ ބުދިސްޓުން ހިންގާފައިވާ ޤަތުލުއާންމަށްފަހު އެޤައުމުގެ ސަލާމަތީ ބާރުން ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާއެއް ހިންގާފައިވާކަމަށް އެމެރިކާގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމުގައިވާ ހިއުމަން ރައިޓްސް ވޮޗްއިން ހާމަކޮށްފިއެވެ.

ހިއުމަން ރައިޓްސް ވޮޗްއިން މިހެން ހާމަކޮށްފައިވަނީ ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ބުދިސްޓުންނާއި ސަލާމަތީ ބާރުން ހިންގަމުންއަންނަ ލޭއޮހޮރުވުންތަކާއި ބެހޭގޮތުން އެޖަމްޢިއްޔާއިން މިއަދު ނެރުނު ރިޕޯޓެއްގައެވެ.

ބުދިސްޓުން ހިންގާފައިވާ ލޭއޮހޮރުވުމުގައި އެތަކެއް މުސްލިމުންނެއް ކަތިވަޅިންނާއި އަލިފާންރޯކޮށް މަރާލާފައިވެއެވެ. އަދި އަނިޔާ ލިބެމުންދާ މުސްލިމު އާބާދީއަށް އެހީފޯރުވުމަށް މަސައްކަތް ކޮށްފައިވާ ޖަމާޢަތްތަކަށް ބަރުމާގެ ސަރުކާރުން ހުރަސް އަޅާފައިވާކަން މިރިޕޯޓުގައި ފާހަގަކޮށްފައެވެ.

ބަރުމާގެ އެކި ފެންވަރުގެ މީހުންނާއި ކުރެވިފައިވާ 57 އިންޓަރވިއުއެއްގެ މައްޗަށް ބިނާކުރެވިފައިވާ މިރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބުދިސްޓުންގެ އަނިޔާވެރިކަން ހުއްޓުވުމުގެ ބަދަލުގައި އެޤައުމުގެ ސިފައިންވަނީ އެކަމަށް ހިތްވަރުދީ މުސްލިމު އާބާދީގެ ގިނަ އަންހެނުންގެ އިއްފަތްފޭރިގަނެ އެތަކެއް ބަޔަކު ޤަތުލުކޮށްފައެވެ.

ބަރުމާގައި އެތަކެއް ޤަރުނުއް ކުރީއްސުރެ ދިރިއުޅެމުން އަންނަ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނަކީ އެޤައުމުގެ ރައްޔިތުންކަމަކަށް ބަރުމާގެ ސަރުކާރުން ޤަބޫލެއް ނުކުރެއެވެ. އަދި އެރައްޔިތުންގެ އެތަކެއް އަސާސީ ޙައްޤުތަކެއްވެސް ސަރުކާރުންވަނީ ނިގުޅައިގަނެފައެވެ.

ބަރުމާގެ ސަރުކާރުން ހާމަކުރާގޮތުގައި މިމައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުން އެޤައުމުން ބޭރުވުންކަމުގައެވެ.

ލިބެމުން އަންނަ އަނިޔާތަކަށް ކެތްނުކުރެވިގެން އެތަކެއް މުސްލިމުންވަނީ ބޯޓުފަހަރުން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް ބަންގްލަދޭޝުން ހާމަކުރާގޮތުގައި ބަރުމާގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއީ ބަންގްލަދޭޝްގެ މަސްޢޫލިއްޔަތެއް ނޫނެވެ.

ބުދިސްޓުން ހިންގަމުން އަންނަ ލޭއޮހޮރުވުންތަކާއި ދެކޮޅަށް ދާދިފަހުން ނޯބެލް ޕީސް ޕްރައިޒް ލިބިފައިވާ ބަރުމާގެ ޑިމޮކްރަސީއާއި ހިއުމަންރައިޓްސް ގެ މަންމަގެ ނަމުން މަޝްހޫރިވެފައިވާ އަންގް ސަން ސޫ ކީ އެއްވެސް ބަހެއް ބުނެފައި ނުވުމުގެ ސަބަބުން އޭނާއަށް ގިނަބައެއްގެ ފާޑުކިއުންވަނީ އަމާޒުވެފައެވެ.

ގުޅުންހުރި

3 ޚިޔާލު

  1. އަންގްސަންސޫކީއަށް ނޯބަލްޕްރައިޒް ލިބުނީމަ ނިމުނީ؟
    ނިކަމެތި މުސްލިމުންނަށް މާތްﷲ ކެތްތެރިކަން ދެއްވާށި..އަދި މިއޮށްފަދަ މާތް މައްސަރުގައި އެބައިހުން އުޅޭނެ ޙާލަކީ ފަހެކޮބައިބާ؟
    ދެރަކަމަކީ މިޤައުމުމުގައިވެސް ތިކަހަލަ ދުނިޔެއާއި ހެދި ދޮގުހަދަމުން ނިކަމެތި މީހުން ވާވަށްދަމުންދާ މީހުން އުލޭތީ!
    ޑިމޮކްރަސީ އަކީ އިސްލާމް ދީން… އިސްލާމްދީނަށް ނަސްރުދެއްވާން ދޭވެ، އާމީން……

  2. الكفر ملة واحدة) ކުފުރުގެ ހުރިހާ އަހުލު ވެރިން ނަކީ މުސްލިމުން ނާއި ދެކޮޅު ވުމުގައި އެއްބަޔެއް އެކަޗެއް އަބަދުވެސް ކިޔާނެބަޔެއް، ކުފުރުގެ އަހުލުވެރިން މުސްލިމަކށް ހެވެއް ލާބަޔެއް ނޭދޭނެ، ކުފުރުގެ އަހުލުވެރިން އަބަދުވެސް އުޅޭނީ މުސްލިމުން ނިކަމެތިކުރަން، ދުނިޔެއިން މިހާތަނަށް ފެނިފައިވާ ހަޤީގަތަކީ މިއީ ނުންތޯ.؟ އދ ދުވަހަކުވެސް މުސްލިމު ޤައުމެއް ރަގަޅުކުރަން ކަމެއް ނުކުރާނެ އެތަނެއްގައި ފިތުނަ އުފެދުން ފިޔަވައި، ޔަހޫދީން ނަކީ ފިތުނަ އުފައްދަން ވަރަށް މޮޅުބަޔެއް! ޑިޕޮލޮމެޓިކު ތޮފި އަޅައިގެން އިސްލާހުގެ ޓެގު އަޅުވާޢިގެން ދުނިޔެފަސާދަކުރުން ނޫންކަމެއް މިކުފުރުގެ މީހުންނުކުރޭ!

  3. ކޮބާ! އަންނިގެ ފްރެންޑް ސޫޗީ ގެ ހަސީލަތް އެބަ އެނގެ އޭނުން މިހާރު!! މީ ހަމަ އެއް ކަހަލަ ބަޔެކޭ!!

Your email address will not be published. Required fields are marked *

More in އޭޝިއާ