ސައުދީ އަރަބިއްޔާގެ އޮލިމްޕިކް ޓީމްގެ ދެ އަންހެން ކުޅުންތެރިންގެ ތެރެއިން ޖޫޑޯ މުބާރާތުގައި ބައިވެރިވާ ކުޅުންތެރިޔާ މުބާރާތުގައި ބުރުގާއަޅައިގެން ބައިވެރިނުވެވޭނެކަމަށް އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަނުން ދާދިފަހުން ނިންމާފައިވަނިކޮށް އެކުޅުންތެރިޔާއަށް ބުރުގާ އަޅައިގެން ބައިވެރިވުމުގެ ހުއްދަ އެފެޑެރޭޝަނުންނާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައޯސީ) އިން ދީފިއެވެ.
ވޮޖްދާން އަލީ ސިރާޖް އަބްދުއްރަޙީމް ޝަރްޚާނީ އަށް މުބާރާތުގައި ބުރުގާ އަޅައިގެން ބައިވެރިނުވެވޭނެކަމަށްެ އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަނުން މީގެ ކުރިން ނިންމުމުން ވޮޖްދާން ބުނެފައިވަނީ އޭނާ ބުރުގާ ނާޅާ މުބާރާތުގައި ބައިވެރިނުވާނެކަމަށެވެ.
ސައުދީ ނެޝަނަލް އޮލިމްޕިކް ކޮމިޓީގެ ތަރުޖަމާނު ހާމަކޮށްފައިވާގޮތުގައި އައިއޯސީ އާއި އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަނުން މިހާރުވަނީ ވޮޖްދާންއަށް ބުރުގާ އަޅައިގެން ބައިވެރިވުމުގެ ހުއްދަ ދީފައެވެ.
"އެމީހުންވަނީ ބުރުގާ ހުންނަންޖެހޭނެގޮތުގެ ފަރުމާއެއްދީފަ. އެހެންވީމަ ވޮޖްދާން މުބާރާތުގައި ބައިވެރިވާނީ އެފަރުމާއަށް ހުންނަ ބުރުގާއެއް އަޅައިގެން،" ރަޒާން ބަކްރު މައުލޫމާތުދިނެވެ.
ސައުދީ އަރަބިއްޔާގެ އޮލިމްޕިކްސް ޓީމްގައި މީގެ ކުރީ އަހަރުތަކުގައި ބައިވެރިވެފައިވަނީ މުޅިންވެސް ފިރިހެން އެތްލީޓުންނެވެ. ސައުދީއިން އޮލިމްޕިކްސްގައި ބައިވެރިވެފައިވާ ދެ އަންހެން ކުޅުންތެރިންނަނީ 18 އަހަރުގެ ޝަރްޚާނީ އާއި 800 މީޓަރުގެ ދުވުންތެރިޔާ ސާރާ އައްތަރުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...