ޙަލަބުންނާއި އަދި އިދްލީބުން ސީރިޔާ ސިފައިންގެ 150 އަށް ވުރެ ގިނަ މީހުން ފްރީސީރިޔަން އަރމީ (އެފްއެސްއޭ) އިން ހައްޔަރުކޮށްފިކަމަށް ސީރިޔާގެ އެކްޓިވިސްޓުން ހާމަކޮށްފިއެވެ.
12 ގަޑިއިރަށް ދެމިގެންދިޔަ ހަމަލާތަކަކަށް ފަހު ސިފައިންގެ އިމާރާތެއް ގޮއްވާލައި ހަނގުރާމަވެރިންވަނީ އިދްލީބް ސަރަޙައްދުގެ މާރިތުއްނޫމާން އަވަށުން 50 ސިފައިންނާއި 14 އޮފިސަރަކު ހައްޔަރުކޮށްފައިވާކަމަށް ސީރިޔަން އޮބްޒަރވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެއެވެ. އަދި ސީރިޔާގެ އުތުރުގައި އޮންނަ ޙަލަބުން ސިފައިންގެ 100 މީހަކު ހައްޔަރުކޮށްފައިވާކަމަށް ހަނގުރާމަވެރިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ހާމަކޮށްފައިވެއެވެ.
ހަނގުރާމަވެރިން އާންމުކުރި މިވީޑިއޯގައި ކުލަހެދުމުގައި ތިބިމީހުންތަކެއް ގެއެއްގެ ފެންޑާމަތީގައި އިށީނދެގެން ތިބޭތަންފެނެއެވެ. އަދި އެމީހުންނަކީ ޝަބީހާ ސިފައިންކަމަށް ފްރީ ސީރިއަން އަރމީގެ މެމްބަރެއްކަމަށް ބުނާ މީހަކު ކެމެރާއަށް ދިމާލަށް ބަލާފައި ހާމަކުރެއެވެ.
"އަހަރެންނަކީ ކާނަލް މުޙައްމަދު ރާޝިދު މުޙައްމަދު...އަހަރެން ހައްޔަރުކުރެވުނީ ޙަލަބަށް ވަންނަ ހިސާބުން،" ހައްޔަރުކުރެވިފައިވާ މީހުންގެ ތެރެއިން މީީހަކު ބުނެއެވެ.
ޙަލަބުގައި ސީރިޔާގެ އަނިޔާވެރި ސިފައިންނާއި އެފްއެސްއޭގެ ހަނގުރާމަވެރިންދަނީ ވަރަށް ވަރުގަދައަށް ހަނގުރާމަކުރަމުންނެވެ. އަދި އެފްއެސްއޭއިން ބުނާގޮތުގައި މިހާރު މިފަށާފައިވާ ހަމަލާތަކަކީ އެއީ "ހުރިހާ ހަނގުރާމަތަކުގެ މައިހަނގުރާމަ" އެވެ. ބައްޝާރުލް އަސަދުގެ އަސްކަރިއްޔާއިންދަނީ އާންމުންނަށް ބެލުމެއްނެތި ޙަލަބުގެ ހުރިހާ ހިސާބަކަށް ހަމަލާދެމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...