އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި ﷲ ސުބުޙާނަހޫ ވަތައާލާގެ އިރާދަފުޅާ ރަހުމަތްވަންތަކަމުން އަޅުގަނޑުމެންނާއި ބައްދަލު ކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. އަހަރު ތަކުގެ ތެރެއިން މަތިވެރިވެގެންވާ މަހެކެވެ. ނަމަވެސް ހިތާމައަކީ މި މަސްވަރަކީ ކުޅިވަރާ މަޖަލުގެ މަސްވަރުކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ކަމެވެ.
ރަމަޟާން މަސް މިއަދު އަޅުގަނޑުމެންނަށް ވެފައިމިވަނީ ކުޅިވަރުގެ މައްސަރަކަށެވެ. މުބާރާތްތަށް މެކުހަށްޖަހާ މައްސަރަށެވެ. ސަކަރާތްޖެހުމާއި ހުސްވަގުތު ބޭކާރުކުރުމުގެ މައްސަރަކަށެވެ. އިންސާނާ އަށް ﷲ ދެއްވި ސިކުނޑިއަށް އަޅެ ފަހެ ނުވެސްނެނީ ހެއްޔެވެ؟ ތިބާގެ ހަޔާތުގައި ލިބޭ މި ކުޑަ ދުވަސްކޮޅު، ކުޅިވަރާ މަޖަލުގައި ދުއްވާލަން ހެޔޮވާނެ ހެއްޔެވެ؟ މާދަމާ ތިބާޔާ މަރު އައިސް ބައްދަލު ކުރާހިނދު، މި މާތް މައްސަރު ގައި ތިބާ މަސްޢޫލުވެ އުޅުނު ކުޅިވަރުތައް ތިބާއަށްޓަކައި ކޮށްދެވޭނީ ފަހެ ކޮންކަމެއްހެއްޔެވެ؟ ކުޑަ ވަގުތުކޮޅަށް ނަމަވެސް ވިސްނާވާ ބައްލަވާށެވެ.
ގައުމުގެ އިސްވެރިންނޭވެ. މި މާތް މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ. އަޅުގަނޑުމެންނަކަށް ސިޔާސީ ނާޗަރިންގީގައި މަސްޢޫލުވެގެން ތިބެވޭކަށެއްނެތެވެ. ނެތިމޮށުމާއި މީސްތަކުންގެ އަބުރާއި އިއްޒަތް ނަގާލުމުގައި ވަގުތުތައް ހޭދަކުރުމުގައި ތިބެވޭކަށެއްނެތެވެ. ސިޔާސީ ކޯޅުންތަކުން އެއްކިބާވެލެއްވާ މި ބަރަކާތްތެރި މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް އަވަސްވެ ގަންނާށެވެ. ގައުމުގެ އެއްބައިވަންތަކަށް ދެމެހެއްޓުމަށް އަވަސްވެގެންނާށެވެ.
ގައުމުގެ މުއްސަނދިންނޭވެ. ތިބާގެ މުދާ ރަމަޟާން މަހަށް ޙާއްސަ ކުޅިވަރުތަކަށާއި ފައިދާއެއް ނެތް ޕްރޮގްރާމްތަކަށް ހޭދަކުރުމަކަށް ވަގުތެއްނެތެވެ. އަދި އާޚިރަތުގައި ގެއްލުންދެނެވި ގޮތުގައި ތިބާގެ މުދާ އިސްރާފުނުކުރައްވާށެއެވެ. ތިބާގެ މުދާ އޭގެ ޙައްޤުވެރި ފަރާތްތަކަށް އަދާކުރައްވާށެވެ. ތިބާގެ މުދަލަކީ ހަމަޔަޤީނުންވެސް ތިބާ ދެ ދުނިޔޭގެ އުފަލުންވެސް މަޙްރޫމްކޮށްލާފާނެ އެއްޗެކެވެ. މިބަރަކާތްތެރި މައްސަރުގައި ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދާ ދިނުމުގައި ތިބާގެ މުދާ ހޭދަކުރައްވާށެވެ. ގިނަ ގިނައިން ޞަދަޤާތް ކުރައްވާށެވެ. އާޚިރަތުގެ ކޮށްތު ލިބިގަންނާށެއެވެ.
މީޑިޔާތަކުގެ އަހުލުވެރިންނޭވެ. މި ބަރަކާތްތެރި މައްސަރުގައި ހަވާނަފްސަށް ތަބަޢުވެގެން، މީސްތަކުން ހަމަ މަގުން އެއްކިބާކުރުމަށް ބާރު ނާޅުއްވަވާށެވެ. މި މާތް މައްސަރުގައި ދެ ދުނިޔޭގައިވެސް ތިބާޔަށް ލާބަޔާ މަންފާ ހުރިކަމައެއް މީސްތަކުންނަށް ގެނެސްދިނުމަށްޓަކައި އަވަސްވެ ގެންނާށެވެ. އެހާރާއި މިހާރާއި ފުޓްބޯޅަ މުބާރަތް ތަކާއި ރަހަ ތަފާތާއި އަދި މަސްރޭސް ފަދަ ޕްރޮގްރާމްތަށް ގެނެސްދީގެން ތިބާއަށް އާޚިރަތުގައި ކުރަނީ ކޮންފައިދާއެއްހެއްޔެވެ؟
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ރަމަޟާންމަހާ ބައްދަލުވުމުން ހެޔޮ ކަންތައްތައް ކުރުމަށް ވަކިން ބޮޑަށް ހީވާގި ވެލައްވައެވެ. ނަމަވެސް ތިޔަބައިމީހުންގެ ތެރެއިން ގިނަ މީހުން ތި ހީވާގިވަނީ އެއްވެސް މަންފާއެއް ނެތް ކުޅިވަރާއި އާޚިރަތުގައި ތިބާ ގެއްލުން ކުރުވަނިވި ޕްރޮގްރާމްތައް ހަދައި މީސްތަކުންނާހަމައަށް ގެނެއުމަށެވެ. އާޚިރަތުގައިވެސް ލާބަޔާއި މަންފާ ކުރާނެ ޕްރޮގްރާމްތައް ހެދުމުގައި ހީވާގި ވެލެއްވާށެވެ. ޘަވާބާއި ދަރުމައިން ފުރިގެން މިވާ މައްސަރުގައި މީޑިޔާގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވާށެވެ. ދުނިޔޭގެ ޤާފިލުކަމަށް ހެއްލިގެންތިބި މީހުންނޭވެ. މާދަމާ ﷲގެ ދަރުބާރުގައި ތިބާޔާ ސުވާލުކުރެވޭނެ ކަމާމެދު ވިސްނަވާށެވެ.
އެންމެހާ ލޮބުވެތި ޤައުމުގެ މުވައްޠިނުންނޭވެ. މި ބަރަކާތްތެރި މައްސަރުގައި ތިބާގެ ތި ނިކަމެތި ނަފްސް ހަވާ ނަފްސަށް ވިއްކާނުލައްވާށެވެ. ޘަވާބާއި ދަރުމައަށް އެދިގެން ﷲއަށް އަޅުކަންކުރުމުގައި ވަގުތުތައް ހޭދަކުރައްވާށެވެ. ރޭ އަޅުކަމުގައި މަސްޢޫލުވެލެއްވާށެވެ. ތަޤުވާގެ ފޭރާމުން ފޭރާން ލިބިގަންނާށެވެ. ފައިދާއެއްނެތް ޓީވީ ޕްރޮގްރާމްތަކުގެ މަސްތުގައި ޖެހި ރޭ އަޅުކަމުން މަހުރޫމްވެ ނުލައްވާށެވެ.
ވަގުތު ވަރަށްވެސް ކުޑައެވެ. އަންނަ ރަމަޟާން މަސް ތިބާޔާ ބައްދަލު ކުރާނެކަމުގެ ޔަޤީންކަން އޮތީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންނާބާއެވެ. ވީމާ ކުޅިވަރާއި މަޖަލުގައި ތިބާގެ ނަފްސް ވިއްކާލައިގެން ތިބެން ހެޔޮވާނެހެއްޔެވެ؟

















ވަރަށް ފުރިހަމަ ލިޔުއްވުމެއް. ލިޔުންތެރިޔާއަށް ހެޔޮ ވިސްނުން ދެއްވާ މަސައްކަތުގައި ބަރަކާތް ލައްވާށި!.