ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެކަމުގެ ބިރުއެބައޮތްކަމުގައި ފްރީ ސީރިޔަން އަރމީ (އެފްއެސްއޭ) އިން ހާމަކުރައްވާފައިވާކަމުގައި އަލްބަޔާން ނޫހުން އިއްޔެ ޚަބަރުދީފިއެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ އާންމު ރައްޔިތުންނަށާއި އަދި އަޅުގަނޑުމެންގެ ހަނގުރާމަވެރިންނަށް ގޭސް މާސްކުތައް ފޯރުކޮށްދިނުމަށް. އެއީ އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ވަނީ ކެމިކަލް ހަތިޔާރު ތަކެއް ބޭރުކޮށްފައި،" ކާނަލް ރިއާޒް އަލްއަސަދު ދުބާއީ ޑެއިލީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
"ސަރުކާރުގެ ސިފައިން ރަސްޓާންފަދަ ހިސާބުތަކުގައި މިހާރުވެސް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަމަށް އަޅުގަނޑުމެންނަށް ވަނީ މަޢުލޫމާތު ލިބިފައި،" އޭނާ ހާމަކުރެއްވިއެވެ.
ދިމިޝްޤުގައި ދިރިއުޅެމުންއަންނަ ފަލަސްތީނުގެ ރައްޔިތުންތަކެއް އެފްއެސްއޭއާއި ގުޅެމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ހާމަކޮށްފާވެއެވެ.
1948ގައި އިޒްރޭލު އުފެދުނު ތާރީޚުން ފަށައިގެން ސީރިޔާގައި 500000 ފަލަސްތީނުގެ ރައްޔިތުން އަންނަނީ ދިރިއުޅެމުންނެވެ. ސީރިޔާގެ ސަރުކާރުންވަނީ އެޤައުމުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.
"އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު، ވަކީން ޚާއްޞަކޮށް ޒުވާނުންގެ ހަމްދަރުދީވަނީ ސީރިޔާގެ ރައްޔިތުންނާއި އެކު. އަދި މިހާރު ދިމިޝްޤުގައި ހަނގުރާމަ ފެށުމުން ދެއަތް އުރާލައިގެން މަޑުން ތިބުން އެއީ އަޅުގަނޑުމެންނަށް ކެތްކުރެވޭނެކަމެއް ނޫން،" ޔަރްމޫކް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރެފިއުޖީއަކު ނޫހަކަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...