ކޮލަމިސްޓް މިކަމާއިމެދު ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ!

މިކަމާއިމެދު ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ!

މިކަމާއިމެދު ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދިވެހިން ޢާއްމުގޮތެއްގައި މަސައްކަތް ކޮށްއުޅެނީ ދުވާލުގެ ވަގުތުތަކުގައެވެ. ބައެއްކަހަލަ މަސައްކަތްތައް ކޮށްއުޅޭމީހުން ހަވީރު ހައެއްޖެހުމުން އެބައިމީހުންގެ މަސައްކަތް ނިންމާލާއިރު އަނެއްބައިމީހުން ރޭގަނޑު ހަތެއް އަށެއް ޖަހާލީމައި މަސައްކަތް ނިންމާލައެވެ. ގަނޑުކޮށް މުދާވިއްކާ ގިނަފިހާރަތައް މަޣްރިބުނަމާދުގެ ބަންގިއަށް ބަންދުކުރާގޮތަށް އެދުވަހެއްގެ ވިޔަފާރި ނިންމާލައެވެ. ރަށުތެރޭގައި ހިންގާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ބޮޑެތި ފިހާރަތަކާއި ކަންމަތީފިހާރަތައް އަދި ފޭރާންވިއްކާ ފިހާރަތައް ބަންދުކުރާ ގަޑިއަކީ ރޭގަނޑު އެގާރައެވެ. އެގާރައިގެ ފަހުން ދުވަހުގެ މަސައްކަތް ނިމުނީއެވެ.

 ދިވެހިރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދި ހަލާކުވެފައިވާ ވާހަކައާއި އަދި މިހާރުވެސް ވީދެމުންދާވާހަކައަކީ ވަރަށްގިނައިން އިވެމުންދާ އަޑެކެވެ. މިވާހަކައަކީ މިފަހަކަށްއައިސް ހުރިހާފެންވަރެއްގައިވެސް ދެކެވެމުންދާ ވާހަކައެކެވެ. ޚާއްޞަކޮށް ސިޔާސީ ޕޯޑިއަމްތަކުގައި މިވާހަ ދެކެވޭލެއް ގިނައެވެ. ނަމަވެސް މިކަމަށް ހައްލެއްހޯދައިދޭން ޝައުޤުވެރިވާ ބަޔަކު ނުފެނެއެވެ. ހައްތަހާވެސް ފެންނަނީ ވީދިހަލާކުވެފައިވާ ފޭރާން އިތުރަށް ހަލާކުކުރެވޭތޯ ކުރެވޭ މަސައްކަތެވެ. މަގުއޮޅިފައިވާކަމަށް ސިޔާސީފަރާތްތަކުންނާއި ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާ ޒުވާނުން އެގޮތުގައި ކުރިއަށް ދިއުމަށް މަގުފަހިކޮށްދެވެމުންދާ މަންޒަރެވެ.

 ރޭގަނޑު ދަންވަރު، ސައިހޮޓާ ކެފޭތަކާއި ވިޔަފާރިގެތައް ހުޅުވާފައި ބެހެއްޓުމަކީ މިހާރަކަށްއައިސް ވަރަށް ޢާއްމުކަމެކެވެ. ސައުވީސް ގަޑިއިރު ޚިދުމަތްދޭތަންތަނުގެ ގޮތުގައެވެ. މިކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢް އަށް ކޮންމެހެން ބޭނުންވާ ކަމެއްތޯ ބަލައިލަންޖެހެއެވެ. އަދި މިކަމުން ވިޔަފާރިވެރިޔާއަށް ކޮންމެވެސް ވަރެއްގެ މަންފާއެއް ލިބޭއިރު މުޖުތަމަޢަށް ލިބެނީ ފައިދާއެއްތޯ ނުވަތަ ގެއްލުމެއްތޯ ވިސްނާލުން މުހިންމެވެ. މިގޮތުން އެދަ ފިހާރަތަކާއި ކެފޭތަކުން ދަންވަރު ގަޑީގައި ޚިދުމަތް ލިބިގަންނަނީ ކޮންބައެއްތޯ އާއި ލިބިގަންނަނީ ކޮންކަހަލަ ޚިދުމަތްތަކެއްތޯ ބަލާލަންޖެހެއެވެ. މިކަން އަމިއްލައަށް ތަޖުރިބާކޮށްލުމަށްޓަކައި ދެތިންރޭ މަސައްކަތްކޮށްލީމެވެ. ދަންވަރުގެ ތަފާތު ގަޑިތަކުގައި އެފަދަ ފިހާރަތަކާއި ކެފޭތަކަށް ވަދެލީމެވެ. އާއްމުކޮށް ފިހާރަތަކުން ވިކޭތަންފެނުނީ ތަފާތުވައްތަރުތަކުގެ ލުއިބުއިންތަކާއި ބިސްކޯދު އަދި ސިގިރެޓާއި ސުޕާރީގެ އިތުރުން ރީޗާޖުކާޑާއި ފެނެވެ. ޚިދުމަތްލިބިގަންނަ މީހުންގެ %99.95 އަކީ ޒުވާނުންނެވެ. މަސައްކަތެއްގައި އުޅެފައި އައި ބައެއްގެ ކިބައިންފެންނާނެ އެއްވެސް އަލާމާތެއް އެއިން ޒުވާނެއްގެ ކިބައިން ނުފެނުނެވެ. ލަފާކުރޭގޮތުގައި އެބައިމީހުންނަކީ ހޭލާއުޅެންޖެހުމުގެ ސަބަބުން ކޮންމެހެންބޭނުންވާ ޒަރޫރީއެއްޗެއް ގަނެލަންދާ ބައެއްނޫނެވެ. ހޭލާތިބޭއިރު ބޭނުންވާ ތަކެތި ލިބެންހުންނާތީ ހޭލާތިބޭ ބައެކެވެ. މާރާމާރީ އާއި ވައްކަން އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ ގޮތުގައި ފުލުހުން ޢާއްމުކޮށްދައްކާ ފޮޓޯތަކުން ފެންނަ ޒުވާނުންވެސް އަޅާގޮތަށް ހެދުންއަޅާފައި އަދި ބޮލާއި ކަންފަތްވެސް އެގޮތަށް ހުންނަ ޒުވާނުން މިފަދަ ފިހާރަތަކުން ފެނުނުލެއް ގިނައެވެ. ގެއަށް ބޭނުންވާ އެއްޗެއް ގަނެލަންދާ މަދުބަޔަކު ގާތްގަޑަކަށް ބާރަ، ބާރަގަޑިބައި ވެލަންދެކަށް މިހާރަކަށްއައިސް އެފަދަ ފިހރަތަކަށް ވެދެއުޅެއެވެ. އެފަދަ ބައެއްމީހުނާއި ވާހަކަ ދައްކައިލުމުން އެނގުނީ ސައުވީސް ގަޑިއިރު ހުޅުވާފައި ހުންނާތީ އެގަޑީގައި ފިހާރައަށް ދަނީ ކަމެވެ. އެގާރަ ޖަހާއިރު ބަންދުކުރާނަމަ އެއިގެކުރިން، ގަންނަންޖެހޭ ތަކެތިގަނެ ނިންމާލާނެކަމަށް ވެސް އެމީހުން ބުންޏެވެ.

 ސައުވީސް ގަޑިއިރު ޚިދުމަތްދޭ ކެފޭތަކަށްވެސް ދަންވަރު ގަޑީގައި ދިޔައީމެވެ. އެފަދަ ތަންތަނުގައި ހިނގާކަންތައްތައް ބަލާލުމުގެ ބޭނުމުގައެވެ. އެތަންތަނުންވެސް ފެނުނީ ހަމައެއްކަހަލަ މަންޒަރުތަކެކެވެ. ޚިދުމަތްލިބިގަންނަން ގޮސްތިބީ ހަމައެފަދަ ޒުވާނުންނެވެ. މަސައްކަތެއްގައި އުޅެފައި ހައިހޫނުކަން ފިލުވާލަން އަންނަބައެއްގެ ކިބައިން ފެންނާނެ އެއްވެސް އަލާމާތެއް އެއިންމީހެއްގެކިބައިން ފެންނަންނެތްއިރު، މުހިންމުބޭނުމެއްގައި ހޭލާއުޅެންޖެހިފައިވާ ބައެއްކަމަށް ޤަބޫލުކުރަން ދައްޗެވެ. އަޅުގަނޑު އެތަނުގައި އިންއިރު އެމީހުން އެކެފޭގައި ހޭދަކުރި ވަގުތު ގިނަވެފައި އެތަނުގައި ދެކެވުނު ވާހަކަތަކުން އަޅުގަނޑަށް އިވުނުއަޑުތަކަށް ބަލާފައެވެ.  މަސައްކަތަށް ލަސްވެދާނެތީ އަވަހަށް ނިންމާލާފައި ދާންއުޅޭ އެއްވެސް މީހަކު ނުފެނެއެވެ.  ހޭލާތިބެލަން ރަގަޅު މާހައުލެއްލިބިފައިވާތީ ހޭލާތިބެނީކަހަލައެވެ. ކޮންމެވެސް މަޖާވާހަކައެއްގައި ތިބެގެން ކޮފީއާއި ސިގިރެޓް ބުއިމުގައި މަޝްޣޫލުވެގެން ތިބީއެވެ. ކޮންމެއަކަސް މިފަދަ ކެފޭތަކުން ފެނުނު މަންޒަރާއި ދޭތެރޭ ވިސްނާލީމައި އަޅުގަނޑަށް ފާހަގަ ކުރެވުނީ ހޭލާތިބެންޖެހޭތީ ކެފޭއަށް އަންނަނީ ނޫންކަމެވެ. ކެފޭއަށްދާންޖެހޭތީ ނުވަތަ ދާނެ ކެފޭތަކެއް ހުންނާތީ ހޭލާތިބެނީ ކަމުގައެވެ.

 ކުދިކުދި ރަށްތަކެއްގައި މީހުންދިރިއުޅޭ މިޤައުމަށް ސައުވީސްގަޑިއިރު ޚިދުމަތްދޭ ފިހާރަތަކެއް ބޭނުންވޭބާވައޭ ހިތަށް އަރައެވެ. އެއްގަމުމަގުންކުރާ ދަތުރުތަކެއް މިތާކުނެތެވެ. ދިވެހިންގެ ދަތުރުފަތުރު ހަމަޖެހިފައިވާގޮތުން ރަށްރަށުގައި ރޭކުރަމުން ދަތުރުކޮށެއް ނޫޅެއެވެ. އަދި އެއްރަށުން އަނެއްރަށަށް ސައުވީސްގަޑިއިރު ދަތުރުފަތުރުކޮށްއުޅޭ ފެރީތަކެއްނެތެވެ. ސައުވީސްގަޑިއިރު މަސައްކަތްކުރާ ކާރުޚާނާތަކެއްވެސް ނެތެވެ. ވީއިރު ސައުވީސްގަޑިއިރު ފިހާރަހުޅުވައިގެން މިދެވެނީ ހަމަކޮންމެހެން ބޭނުންވާ ޚިދުމަތްތަކެއްތޯ ބަލައިލަން އެބަޖެހެއެވެ. ވިޔަފާރިގެތަކުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔަށް އިތުރުވާ ހަސަކޭތަ ރުފިޔާގެ ބޭނުމުގައި ދެވޭހުއްދައެއްބާވައެވެ. ވިޔަފާރިވެރިޔާއަށް ކޮންމެވެސްވަރެއްގެ މާއްދީ ފައިދާއެއް ލިބޭއިރު މިކަމުގެ ސަބަބުން މުޖުތަމަޢްއަށް ކުރަނީ ފައިދާތޯ ނުވަތަ ލިބެނީ ގެއްލުންތޯ ވިޔަފާރިވެރިން ވެސް ބަލާއިލުން މުހިންމެވެ. ފުރުޞަތުތަކެއް މިހޯދައިދެވެނީ ކޮންބަޔަކަށްތޯ ވިސްނަވާލެއްވުން ކީއްތޯއެވެ؟  މިކަމާއިމެދު ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.