އޭ އިންސާނާއެވެ! ތިބާ ހަޔާތުން ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަވުން ދާކަން އިނގޭ ހެއްހެޔެވެ؟ ދުނިޔޭގައި ވޭތުކުރަން ލިބިފައި މިވާ މަދު ދުވަސްކޮޅުގެ ތެރޭގައި ކުރަންޖެހިފައިވާ ކަންތައްތައް ކިތަންމެހާވެސް ގިނަގުނައެވެ. މިއެންމެހާ ކަންތައްތައް ހެޔޮމަގުން ކުރުމަށްޓަކައި އިތުރަށް ތިބާ ވިސްނަން ޖެހޭ އެތައް ކަމެއް ހުންނާނެކަން ހަމަ ޔަގީނެވެ. މިހެންކަމުން އެކަންތައްތަކަކީ ކޮބައިތޯ ބަލާ އެކަންތައްތަކާ މެދު ފުންކޮށް ފިކުރުކޮށް ވިސްނުން ހިންގާލުމަށް ތިބާގެ އަގުހުރި ވަގުތުތަކުގެ ތެރެއިން ކުޑަ ހިނދުކޮޅެއްގެ ބޭނުން ހިއްޕެވުން ކީއްތޯއެވެ؟
ދިރިއުޅުމުގައި ތަފާތު އެތައް މަރުހަލާތަކެއް ކަޑައްތު ކުރަންޖެހެއެވެ. އުފަލާ ހިތްހަމަޖެހުމުގެ އެތައް ހިނދުކޮޅެވެ. ހަމަ މި ބީދައިން ހިތާމައާއި ހިތްދަތިކަމުގެ ވެސް އެތައް ދަނޑިވަޅުތަކެކެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ހިތްތިރިކުރުމާއި ހިތްވަރުކުރުމާއިއެކު މަޔޫސްމުވެއްނެތި ކެތްތެރިވުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ދުނިޔޭގެ ދިރިއުޅުމަކީ މިފަދަ އެންމެހާ ކަންތައްތައް ހިމެނިގެން މެނުވީ ފުރިހަމަވެ ބާއްޖަވެރިވާނެ އެއްޗެއް ނޫނެވެ. އެގޮތުން ހިތްވަރާއެކު ގަދައަޅާ މަސައްކަތްކުރުމަކީ ކާމިޔާބުގެ ކުރިބޯށްޓައް ވާސިލްވެވޭނެ އެންމެ ފުރިހަމަ މަގެވެ. މިކަންކަމާމެދު ފިރުކޮށްލުމަށް ކުޑަހިނދުކޮޅެއްގެ ބޭނުން ހިއްޕަވާށެވެ.
ކޮންމެ މީހަކީވެސް އެމީހަކު ހިތް އެދޭ ކަމެއް ހާސިލުވުމަށް އެދޭނެ މީހެކެވެ. އަދި އެ އެދުންތަށް ހާސިލުކުރުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރާނެ މީހެއްވެސް މެއެވެ. އެގޮތުން ތިބާގެ ހިތްއެދޭ ކަމެއް ހާސިލު ނުވާ ކޮންމެ ފަހަރަކީ ނާކާމިޔާބުގެ ފަހަރެއް ކަމުގައި ނުބަލާށެވެ. އޭގެ ބަދަލުގައި އެއީ ކާމިޔާބުގެ ބަނދަރަށް ވާސިލުވުމުގެ ކޮޅުމަތި ކަމުގައި ބަލާށެވެ. އޭރުން ތިބާ ހިތްއެދޭ ކަންތައް ހާސިލުވުމަކީ މާދުރުގައި އޮންނާނެ ކަމެއްނޫނެވެ. އޭގެ ބަދަލުގައި އެފަދަކަންކަމުގައި މާޔޫސްވެ ގޮޮތް ހުސްވުމަކީ ކަމިޔާބު ހޯދުމަށް އެޅޭ ހުރަހަކަށް ވެދެއެވެ. އަޅުގަނޑު މިދަންނަވާ އެއްޗެއްގެ ތެދުކަން ދުނިޔަވީ މިސާލުތަކުން ހެކިދެއެވެ. އެގޮތުން ބޮޑު ތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްެޖެ ސަލާމަތްކުރި ގޮތާއި އިންޑިޔާއަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި އެގައުމުގެ މިނިވަންކަމުގެ ބަޠަލު މަހާތަމާ ގާންދީ ކުރެއްވި މަސައްކަތްޕުޅަށް އެކަނި ބަލާލުމުންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދާނެއެވެ.
އަޅުގަނޑުމެން ކޮންމެ މީހަކީވެސް އުފެދުމުގައި ތަފާތު އެތައް ސިފަތަކަކާއި ހުނަރުތަކެއް ގުދުރަތުން ލައްވާފައިވާ ބައެކެވެ. މިހެން ކަމުން ތިބާއަށް ގުދުރަތުން ލިބިފައިވާ ހުނަރަކީ ކޮބައިތޯ ބަލައި އެހުނަރު އެހެން މީހުންނަށް ވާސިލުކޮށްދިނުމުގެ މަތިވެރި މަސައްކަތުގައި ތިބާގެ ހަޔާތުން ކުޑަ ހިނދުކޮޅެއްގެ ބޭނުން ހިފުމަކީ ވަރަށް ވެސް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. މި ފދަ މުހިއްމު ކަމަކަށްޓަކައި ހޭދަކޮލެއްވޭ ވަގުތަކީ އެއީ ގެއްލިގެންދާ ވަގުތެއް ކަމުގައި ނުބަލާށެވެ. އޭގެ ބަދަލުގައި އެއީ ތިބާއަށް ވެސް ދަސްވެއުގެނޭ އާ ފިލާވަޅެއް ކަމުގައި ދެކޭށެވެ. އަދި އެއީ ތިބާގެ ހަޔާތައް ލިބޭ އިތުރު އާރޯ ކަމަކާއި ރޯޝަންކަމެއް ކަމުގައި ހަދާށެވެ. ތިބާގެ ފުށުން އެހެން މީހަކަށް އެއްޗެއް ދަސްވުމަކީ އެއީ ޖުމުލަކޮށް މުޅި މުޖުތަމައުއަށް އޭގެ ލާބާ އާއި މަންފާ ކުރާނެ ކަމެކެވެ. ތިބާ އަށް ލިބިފައިވާ ހުނަރަކީ ތިބާގެ ގައިގައި އެކަނި ހުރުމަށް އެދޭ ހުނަރެއްގެ ބަދަލުގައި އެހުނަރަކީ ގިނަ ބަޔަކާ ހިއްސާކުރެވިގެންދާ ހުނަރަކަށް ވުމަކީ އެއީ ތިބާއަށްވެސް އެންމެ ފައިދާ ހުރި ގޮތެވެ.
ހުރިހާގޮތަކުން ބެލި ކަމުގައި ވިއަސް އަޅުގަނޑުމެން މިހާރު އުޅެމުން މިދާ ވެށްޓަކީ ހަލަބޮލި، ނަމާން އަދި އެހާމެ ނާޒުކު ވެށްޓެކެވެ. ސިޔާސީ ތަފާތު ވިސްނުމާއި ލާދީނީ ފިކުރުތަކުން ފުރިފައިވާ އޮޅުން ބޮޅުން ގިނަ ވެށްޓެއްގައެވެ. މި ފަދަ ވެށްޓެއްގައި ތިބާގެ ވިސްނުން އަނެކާގެ ވިސްނުމާއި އެއްގޮތް ވުން ލާޒިމެއް ނޫނެވެ. އެހެން ނަމަވެސް ތިބާގެ ވިސްނުން އަނެކާގެ ވިސްނުމާ އެއްގޮތް ނުވާ ކޮންމެ ފަހަރަކީ އަނެކާގެ ވިސްނުމަކީ ބޯދާ، ބަލިކަށި، ބާތިލު ވިސްނުމެއް ކަމުގައި ދެކުމަކީ އެންމެ ބުއްދިވެރި ގޮތެއްނޫނެވެ. އަނެކާގެ ވިސްނުމާއި ފިކުރަށް ތިބާ އިޚްތިރާމުކުރަން ޖެހެއެވެ. ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ އަތް އިސްކުރެވޭ ފަހަރެއް ކަމުގައި ވެއްޖެނަމަ މި ހަލަބޮލި ވެށި އިތުރަށް ހަލަބޮލިވެ ލޭ އޮހޮރުވުންތަށް އިތުރުވެގެން ދިއުމީ ދުރުގައި އޮތް ކަމެއް ނޫނެވެ. މިހެން ކަމުން މުޖުތަމައެއްގައި އުޅޭ އެންމެންގެ ހިޔާލު އެއްގޮތް ނުވާނެ ކަން ދަނެ އެންމެންގެ ހިޔާލާ ފިކުރަށް ތިބާއަށް އިހުތިރާމް ކުރެވޭތޯ ވިސްނާލުމަށްޓަކައި ކުޑަ ހިނދުކޮޅެއްގެ ބޭނުން ހިފުން މުހިންމު ކަމުގައި ދެކެމެވެ.
ދުނިޔެ ތަރައްގީވެ ކުރިއަރައިގެން ގޮސްފައިވާ މިފަދަ ދުވަސްވަރެއްގައި ކޮންމެ މީހަކުވެސް މި ވަނީ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި މަޝްއޫލުވެގެން އުޅެން ފަށާފައެވެ. ތމާ އަދާ ކުރަންޖެހޭ ވާޖިބުތައްވެސް ރަނގަޅަށް އަދާނުކުރެވި ދާ މި ފަދަ ދުވަސްވަރެއްގައި ތިބާގެ އަގުހުރި ވަގުތު ތަކުގެ ތެރެއިން ކުޑަހިނދުކޮޅެއް މިފަދަ ކަންކަމާ މެދު ފުންކޮށް ވިސްނާލުމަށްޓަކައި ބޭނުން ހިފުމަކީ އެއީ ގެއްލިގެން ދާ ވަގުތެއްނޫނެވެ. އޭގެ ބަދަލުގައި އެއީ މުސްތަޤުބަލަށްޓަކައި ކުރަހާލެވޭ ޗާޓެކެވެ. ހަޔާތައް އަލިކުރާނެ ދަންމަރެއްގެ ހުޅުދާންވުން ކަމުގައި ހަދާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...