އަފްޣާނިސްތާނުގައި ދާއިމީ ޞުލްހައެއް ޤާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ޣިލާނީ ވިދާޅުވެއްޖެއެވެ.
ޤަޠަރުގައި ފެށުމަށްހަމަޖެހިފައިވާ ޞުލްހައިގެ ވާހަކަތަކަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޣިލާނީ ވިދާޅުވި ގޮތުގައި ޠާލިބާނުންގެ ނުރައްކާތަކުން އަދި ސަރަހައްދަށް އެކި ޓެރަރިސްޓް ޖަމާޢަތްތަކުން ކުރިމަތިވާ ނުރައްކާތަކުން ދިފާޢުވުމަކީ އެންމެން ގުޅިގެން މަސައްކަތް ކުރެވިގެން ކާމިޔާބު ކުރެވޭނެ މަސައްކަތެއް ކަމަށެވެ.
ޕާކިސްތާނުން ސަރަހައްދީ ހަމަޖެހުމާއި ތަރައްޤީއަށް އަބަދުވެސް އިސްކަންދެއްވާކަން ފާހަގަ ކުރައްވަމުން އަފްޣާނިސްތާނުގެ ހަމަޖެހުމާއި ކުރިއެރުމަށް އަބަދުވެސް އެދޭކަމަށާއި އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގައި ޕާކިސްތާނު ސަރުކާރުން ފަސް ނުޖެހޭނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އަފްޣާނިސްތާނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެމެރިކާ އާއި އަފްޣާނިސްތާނާއި ޕާކިސްތާނު އަދި ޠާލިބާނުންގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނިކުންނާނެކަމަށް ޕާކިސްތާނުންވެސް އުއްމީދު ކުރެއެވެ.
މީގެކުރިން އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެފައިވާ ގޮތުގައި ވާހަކަތަކުން މިފަހަރު އެދެވޭ ނަތީޖާއެއް ނުފެނިއްޖެނަމަ، އޭގެ ސަބަބުން ދާއިމީ ޞުލްހައެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވަރަށްބޮޑު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...