ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ޤައުމުކަމުގައިވާ އެމެރިކާއިން އަފްޣާނިސްތާނަށް އަރައި އެޤައުމު ސުންނާފަތިކުރިތާ 10 އަހަރުވެފައިވާއިރު އަފްޣާން ހަނގުރާމައިގައި އެންމެ ގިނަ ޢަދަދަކަށް އާންމުން މަރާލާފައިވަނީ މިދިޔަ އަހަރުކަމަށް އދ. އިއްޔެ ހާމަކޮށްފިއެވެ.
ޓެރަރިސްޓް އެމެރިކާގެ ނިއުޔޯކްސިޓީގައި ހުންނަ އދ.ގެ މައިމަރުކަޒުން ނެރުނު ރިޕޯޓުގައި ބުނެފައިވާގޮތުގައި 2011 ވަނަ އަހަރު ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން 3021 މީހުން މަރުވެފައިވާކަމަށެވެ، އަދި މަރުވި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ތާލިބާން ހަނގުރާމަވެރިންގެ ހަމަލާތަކުގެ ސަބަބުންކަމަށް އދ. އިން ތުހުމަތުކޮށްފައިވެއެވެ.
އދ. އިން މިހެން ހާމަކޮށްފައިވިނަމަވެސް ގިނަ ސިޔާސީ މާހިރުން ބުނާގޮތުގައި މިފަދަ ގިނަ ހަމަލާތަކަކީ އެމެރިކާގެ ޓެރަރިސްޓް ސިފައިންނާއި ނޭޓޯގެ ޓެރަރިސްޓުން އަފްޣާނިސްތާނުން ނުފައިބައި ތިބުމަށް ބަހަނާ ދެއްކުމަށް މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަށް ދޭ ހަމަލާތަކެކެވެ.
ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ދެވޭ ހަމަލާތަކެއް ކަމުގައިބުނެ ކާފިރުންގެ ސިފައިންދަނީ އާންމުން އުޅޭ ސަރަހައްދުތަކަށް ހަމަލާދީ އާންމުން މަރަމުންނެވެ.
މިދިޔަ އަހަރަކީ 10 އަހަރުވީ އަފްޣާން ހަނގުރާމައިގައި ރިކޯރޑް ޢަދަދަކަށް އެންމެ ގިނަ މީހުން މަރުވި އަހަރުކަމަށް ބުނާ އިރު މިދިޔަ އަހަރު އަފްޣާނިސްތާނުގައި ހިނގި ހަމަނުޖެހުންތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށާއި ހަނގުރާމައާ ގުޅުން ހުރި ހަމަނުޖެހުންތަކުގައި މަރުވި އާންމުންގެ އަދަދު ވެސް މަދުވެފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސްއިން ވަނީ މީގެ ހަފްތާއެއް ކުރިން އާންމުކޮށްފައެވެ.
ކޮންގްރެސްގެ ރިސާޗް ސާވިސް އިން އެކުލަވާލާފައިވާ މި ރިޕޯޓްގައި ބުނެފައި ވަނީ 2010 ވަނަ އަހަރު އަފްޣާނިސްތާނުގެ ހަމަނުޖެހުންތަކުގައި 2777 މީހުން މަރުވިއިރު މިދިޔަ އަހަރުގެ އެ އަދަދު އުޅެނީ 2262 ގައި ކަމަށެވެ. ރިޕޯޓްގައި ބުނެފައި ވަނީ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ތިރިވިއިރު މިދިޔަ އަހަރަކީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ވެސް ކުރިއަށް ވުރެ ލުއި އަހަރެއް ކަމަށެވެ.
އދ. އާއި އެމެރިކާގެ ކޮންގްރެސްއިން ނެރުނު ދެރިޕޯޓުގައި ވަރަށް ބޮޑު ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރުމުން އދ. އާއި އެމެރިކާގެ ކޮންގްރެސް އިން ނެރޭ މިފަދަ ރިޕޯޓް ތަކުގެ ސައްހަކަމާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...