މަސްތުވާތަކެތި އުފައްދާ އަދި އެތަކެތި ވިއްކުމުގެ ކުށުގައި، ޗައިނާގައި ދެ މީހަކަށް މަރުގެ ހުކުމް އިއްވައިފިއެވެ. ޒިންހުއާ ނޫސް އެޖެންސީން ޚަބަރުދޭ ގޮތުގައި، މި ދެމީހުންނަށް މަރުގެ ހުކުމް އައިސްފައިވަނީ، ކްރިސްޓަލް މެތަން ފެޓަމިން ނަމަކަށްކިޔާ މަސްތުވާތަކެތީގެ ބާވަތެއް ގިނަ އަދަދަކަށް އުފައްދާ އެތަކެތިން ވިޔަފާރިކުރުމުގެ ކުށުގައެވެ. މި ދެމީހުން މި މަސައްކަތް ކުރަމުން ދަނީ ޗައިނާގެ ދެކުނުގައި އޮންނަ ގުއޮންގް ޑޮންގް ޕްރޮވިންސްގައެވެ.
މަސްތުވާތަކެތި އުފެއްދާ އެތަކެތި ވިއްކުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ޗެން ތޯ ފޮމީއާއި، ޒީ ވެމިންގެ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށްވެސް ގުއަންގްޒޫ ޕްރޮވިންސްގައި ހުންނަ ދަ އިންޓަމީޑިއޭޓް ޕީޕްލްސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މި ދެމީހުންގެ ތެރެއިން ޗެން އަކީ އެ ޕްރޮވިންސްގެ ރައްޔިތެއް ނަމަވެސް އޭނާއަކީ ފަރަންސޭސްވިލާތުގެ ސިޓިޒަންޝިޕްވެސް އޮންނަ މީހެކެވެ.
ރަސްމީ އިދާރާތަކުން ހާމަކުރައްވާގޮތުގައި ޗައިނާގައި 2009ވަނަ އަހަރުވަނީ މަސްތުވާތަކެތީގެ މައްސަލަތައް އޭގެ ކުރީއަހަރާ އަޅައި ބަލާއިރު 16 އިންސައްތަ އިތުރުވެފައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން އާ ވައްތަރުތަކުގެ މަސްތުވާ އެއްޗިހި މިހާރަކަށް އައިސް ބޭނުންކުރަމުން ދާކަމަށް ޗައިނާއިން ހާމަކުރެއެވެ.
ޗައިނާއަކީ ދުނިޔޭން އެންމެ ގިނައިން މަރުގެ އަދަބު ދޭ ޤައުމެވެ. އެ ޤައުމުގައި ޖުމްލަ 68 ކުށަކަށް މަރުގެ އަދަބު ކަނޑައެޅިފައިވެއެވެ. އެހެންނަމަވެސް ހިތާމައަކީ، އިސްލާމީ ޤައުމެއްގައި މީހަކު މެރުމަށް ހުކުމް ކޮށްފިނަމަ ހުޅަނގުގެ ޤައުމުތަކަށް އެކަން ހަޖަމު ނުކުރެވޭކަމެވެ. އިސްލާމީ ޝަރީއާގައި މަދު ކުށްތަކަކަށް މަރުގެ އަދަބު ކަނޑައެޅިފައިވާއިރު، ޗައިނާގައި ވަރަށް އާދައިގެ ކަންކަމަށްވެސް ވަނީ މަރުގެ އަދަބު ކަނޑަ އެޅިފައެވެ. އެގޮތުން ދާދި ފަހަކާ ޖެހެންދެން ޕެންޑާ އެއް މާރަލިޔަސް އެމީހަކަށް މަރުގެ އަދަބު ދެވެމުން އައިސްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...