2200 އަހަރުވީ ޤަދީމީ 'މަމީ' އެއްގެ ހަށިގަނޑުން ޕްރޮސްޓްރޭޓް ކެންސަރގެ އަސަރުފެނިއްޖެކަމަށް މިޞްރުގެ ޤާހިރާގެ އެމެރިކަން ޔުނވަރސިޓީގެ ޕްރޮފެއްސަރަކު ހާމަކޮށްފިއެވެ.
އެމެރިކަން ޔުނިވަރސިޓީ އޮފް ކެއިރޯގެ ޕްރޮފެއްސާ ސަލީމާ އިކްރާމް ހާމަކުރިގޮތުގައި މިހޯދުމުގެ ސަބަބުން ހާމަވާގޮތުގައި ޕްރޮސްޓްރޭޓް ކެންސަރަކީ މީހަކުއުޅޭ ވެށީގެ ސަބަބުން ޖެހޭ ބައްޔެއް ނޫންކަމަށާއި އެބަލި ޖެހެނީ ވާރުތަވެގެންކަމަށެވެ.
ޕޯޗުގަލްގައި އެމަމީ ދިރާސާކުރާ ޓީމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ސަލީމާ އިތުރަށް ހާމަކުރިގޮތުގައި އެމަމީއަކީ އުމުރުން ސާޅީސް އަހަރުގައި މަރުވެފައިވާ މީހެއްގެ މަމީއެވެ. އޭނާ ބުނިގޮތުގައި މިއީ ޕްރޮސްޓްރޭޓް ކެންސަރުގެ އަސަރުފެނިފައިވާ އެންމެ ދުވަސްވީ މަމީއެވެ.
"އެވޭލާ ޒަމާނުގެ ދިރިއުޅުމުގެ ހާލަތު ވަރަށް ތަފާތު. އޭރަކު ތިމާވެށި ކިލަބުކުރާފަދަ ތަކެއްޗެއް ނުހުރޭ. އަމިއްލައަށް ހަދާފަ ހުންނަ މަސްނޫއީ ކާބޯތަކެއްޗެއް ނުހުރޭ. މީގެން އަހަރެމެންނަށް އިނގެނީ މިއީ ވެށީގެ ސަބަބުން ޖެހޭ ބައްޔެއް ނޫންކަން،" އޭނާ ބުނެފައިވެއެވެ.
ޚިޔާލު