އެފްރިކާ

ގިނީ ބިސާއޮގެ ރައީސް މެލަމް ބަކާއީ މަރުވެއްޖެ

އެފްރިކާ ބައްރުގެ ހުޅަނގުގެ ޤައުމެއް ކަމަށްވާ ގިނީ ބިސާއޮގެ ރައީސް މެލަމް ބަކާއީ މަރުވެއްޖެއެވެ.

ފަރަންސޭސި ޢަސްކަރީ ހޮސްޕިޓަލެއްގައި ރޭގެ ވަގުތެއްގައި މަރުވި ބަކާއީ ގެ ޢުމުރަކީ 64 އަހަރެވެ. ބަކާއި، ފަރަންސޭސި ދޮގްރާސް ޢަސްކަރީ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނީ މިދިޔަ ޑިސެމްބަރ މަހުގެ ފަހުކޮޅުގައެވެ. އޭނާ މަރުވީ ކޮންބައްޔެއްގައިކަން ހާމަކުރުމަށް ފަރަންސޭސިވިލާތުންނާއި ގިނީ ބިސާއޮގެ މަސްއޫލުވެރިން މިހާތަނަށްވަނީ ދެކޮޅު ހަދާފައެވެ.

ގިނީ ބިސާއޮގެ ދަސްތޫރު ބުނާގޮތުން ރައީސް މަރުވެއްޖެ ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ޙާލަތެއްގައި އެމަޤާމް ވަގުތީ ގޮތުން އަދާކުރާނީ ޕާލަމެންޓްގެ ރައީސެވެ. ނަމަވެސް 90 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވައިގެން އައު ރައީސަކު އިންތިޚާބުކުރަންޖެހޭނެއެވެ.

މިދިޔަ ޑިސެމްބަރމަހު ބަކާއި މަރުވިކަމުގެ ޚަބަރެއް ފެތުރިފައިވީނަމަވެސް އޭނާގެ އަނބިކަނބަލުންނާއި ސަރުކާރުން އެކަން ދޮގުކޮށްފައިވެއެވެ. އަނބިކަނބަލުން ބުނެފައިވާ ބަކާއިގެ ޙާލު ދަށަށްދާ ކަމަށާ ނަމަވެސް މަރުނުވާ ކަމުގައެވެ. ސަރުކާރުން ބުނެފައިވަނީ ރައީސްގެ ޙާލާއި ބެހޭގޮތުން ރައްޔިތުންނަށް ފުރިހަމަ މަޢްލޫމާތު ފަހުން ފޯރުކޮށްދޭނެ ކަމުގައެވެ. ނަމަވެސް ބަކާއި މަރުވުމަށްފަހުވެސް ސަރުކާރުން ރައްޔިތުންނަށް އެއްވެސް މަޢްލޫމާތެއް ފޯރުކޮށްދީފައިނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެފްރިކާގެ ހުޅަނގުގައިވާ ގިނީ ބިސާއޮއަކީ 1974 ގައި ޕޯޗުގީޒުންގެ ކިބައިން މިނިވަންކަން ލިބިފައިވާ ފަގީރު ޤައުމެކެވެ. މިނިވަން ކަމަށްފަހު އެޤައުމުގައި ސިޔާސީ ކަތިލުންތައް ހިންގައި ޢަސްކަރީ އިންޤިލާބުތައް އައިސްފައިވެއެވެ. ބަކާއި ރައީސް ކަމުގެ މަޤާމަށް އިސްވީ 2009 ވަނަ އަހަރު ހުރި ރައީސް ޖުވާވް ބަރނާޑޯ ވިއޭރާ މަރާލުމާ ގުޅިގެންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *