ވާހަކަ

ވާހަކަ: ބެލުން ތިރިކުރި ޒުވާނާ

ޅަ ޒުވާނެއްގެ ވާހަކައެކެވެ. އެމެރިކާގައި އުޅޭ މުސްލިމު ދަރިއެއްގެ ވާހަކައެވެ. މިޒުވާނާ އަކީ މޮރޮކޯގެ ވަރަށް ފަޤީރު ޒުވާން ފިރިހެނެކެވެ. މޮރޮކޯއިން އަހަންނަށް މިޒުވާނާ އެނގުނެވެ. އަދި ދެވަނަ ފަހަރަށް އެރަށަށް ޒިޔާރަތްކޮށްފައި އަހަރެން މިޒުވާނާ އާ ބެހޭގޮތުން މީހުނާ ސުވާލު ކުރީމެވެ. އެމީހުން އަހަންނަށް ޖަވާބު ދިނެވެ. (ماشاء الله) އޭނާ މިހާރު ދިރިއުޅެނީ ވަރަށް އުފަލުގައެވެ. އެހެންކަމުން އަހަރެން ސުވާލު ކުރީމެވެ.” އެކަން އެގޮތަށް ވީ ކިހިނަކުން ހެއްޔެވެ“ އެމީހުން ބުންޏެވެ. ”އޭނާ އަކީ މިހާރު މިލިއަނަރެކެވެ.“ ހައިރާން ވެފައި އަހަރެން ސުވާލު ކުރީމެވެ. ”އޭނާ މިލިއަނަރަކަށް ވީ ޖުވާ ކުޅެގެން ހެއްޔެވެ؟ ނުވަތަ އެހެން ކަމަކުން ހެއްޔެވެ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”ނޫނެކެވެ. އެފަދަ އެއްވެސް ކަމެއް ނުވެއެވެ.“

ދެން އެކަން ވީ ކިހިނެތް ބާވައެވެ؟ (سبحان الله)، އެއްދުވަހަކު އޭނާ ވަރަށް އުސްވެގެންވާ ޢިމާރާތެއްގެ ލިފްޓަކަށް އެރި އެވެ. އަދި އޭގައި ވަރަށް ގިނަ މީހުންތަކެއް އޭނާޔާ އެކުގައި ވުމަށް ﷲ ތަޤްދީރު ކުރެއްވި އެވެ. ލިފްޓު ނައްޓާލުމަށް ފަހު މީހަކަށް ފަހު މީހަކު ލިފްޓުން ފައިބަމުން ގޮސް އެ ލިފްޓިގައި ބާކީ ތިބީ އޭނާޔާއި އެމެރިކާގެ ވަރަށް ރީތި ޒުވާން އަންހެން ކުއްޖެކެވެ. އެތައް ބުރިއެއް ފަހަނަ އަޅާދަންދެން މިދެމީހުން ލިފްޓުގައި އެކަނި ވިއެވެ. މިވަގުތުތަކުގައި ޒުވާނާ ހަމައެކަނި ހުރީ ލިފްޓުގެ ތިރިއަށް ބަލަހައްޓައިގެންނެވެ. އެނާގެ ކަޅި ހުއްޓިފައިވަނީ ހަމައެކަނި އޭނާ އެބަލަމުން ދިޔަ ތަނާ ދިމާލަށެވެ. ލިފްޓުގެ ތެރޭގައިވާ އެހެން އެއްވެސް ކަމެއް ނުވަތަ އެއްޗެއް އޭނާއަށް އަށް ނުވެސް ފެންނަ ކަހަލަ އެވެ.

(سبحان الله)، ލިފްޓުގައި އެހުރިހާ ވަގުތެއް ވަންދެން ރީތި އަންހެން ކުއްޖަކާއެކުގައި ވީ ހިނދުގައި ވެސް އެންމެ ފަހަރަކު ވެސް އޭނާ އެކުއްޖާޔާ ދިމާލަށް ބަލާވެސް ނުމެލައެވެ. ނުހަނު ރީތި އަންހެން ކުއްޖެކެވެ. އެހާމެ ބޮޑު ފިތުނަވެރިކަމެކެވެ. އެހެނެއް ކަމަކު އޭނާ އޭނާގެ ނަޒަރު ލިފްޓުގެ ތިރި ފިޔަވާ އެހެން ތަނަކާ ދިމާލަށް ހަމަހިލާ އަނބުރައެއް ނުލައެވެ.

ލިފްޓުގައި މިދެމީހުން އެކަނިވެ ހޭދަކުރި ވަގުތުތަކުގައި އަންހެން ކުއްޖާގެ ހިތުގައި ބިރުވެރިކަން ހިނގަހިނގާ ހުއްޓެވެ. އެއީ އެޒުވާނާގެ ކިބައިން އޭނާއަށް ކުރިމަތިވެދާނެ ގޯނާއަކާމެދުއެވެ. އެކަމަކު އެޒުވާނާ އަންހެން ކުއްޖާޔާ ދިމާލަށް ބަލާވެސް ނުލައެވެ. ޒުވާނާގެ މިހަރަކާތްތައް އަންހެންކުއްޖާ ވަރަށް ރަގަޅަށް ބަލަމުން ދިޔައެވެ. އަދި ޝައްކެއްގެ ތެރޭގައި ހައިރާންވެފައި ހުއްޓެވެ.

ޒުވަނާ އޭނާގެ ބެލުން ތިރި ކުރި އެވެ. އަދި އަންހެން ކުއްޖާ ހުރީ ވަރަށް ބިރުގަނެފައެވެ. ޒުވާނާ ފައިބާން ޖެހޭ ބުރިއަށް ލިފްޓު މަޑުކުރުމުން ޒުވާނާ ލިފްޓުން ފޭބިއެވެ. ފަހަތުން އަންހެން ކުއްޖާވެސް ފައިބާ ޒުވާނާ އަށް ގޮވާލިއެވެ. (ﷲ ގެ ރަޙްމަތުން ޒުވާނާ އަށް އިންގިރޭސިބަސް ވަރަށް ރަގަޅަށް އެނގެއެވެ.) އަދި ޒުވާނާ އަކީ އުޖާލާ ވެގެންވާ މޫނެއްގެ ވެރިއެކެވެ. ޒުވާނާ މަޑުކޮށްލުމުން އަންހެންކުއްޖާ ސުވާލު ކުރިއެވެ. ”އަހަންނަކީ ފަހެ ރީތި ކުއްޖެއް ނޫންހެއްޔެވެ؟“ ޒުވާނާ ޖަވާބުދިނެވެ. ”އަހަންނަކަށް ނޭނގެއެވެ. އެހެނީ އަހަރެން ތިބާއަކަށް ނުބަލަމެވެ.“ އަންހެން ކުއްޖާ ހައިރަންވެފައިވާ ރާގެއްގައި އަނެއްކާވެސް ސުވާލު ކުރިއެވެ. ”ކީއްވެ ހެއްޔެވެ؟ ތިބާ އަހަންނަށް ނުބެލީ ކީއްވެ ހެއްޔެވެ؟ އަހަންނަކީ ރީތި ކުއްޖެއް ނޫން ހެއްޔެވެ؟“ ޒުވާނާ ޖަވާބު ދިނެވެ. ”އަހަރެންގެ ދީން އެކަން އަހަރެންނަށް މަނާ ކުރެއެވެ.“ (سبحان الله)

އަންހެން ކުއްޖާ ބުންޏެވެ. ”އަހަރެމެން އެލިފްޓުގައި އެކަނި ވީހިނދު ތިބާ އަހަންނަށް އެއްވެސް ގޯނާއެއް ނުކުރީ ކީއްވެ ހެއްޔެވެ؟ ގަދަކަމުން އަހަރެންގެ ޢިތްފަތްތެރިކަން ފޭރިގަތުމަށް މަސައްކަތް ނުކުރީ ކީއްވެހެއްޔެވެ؟! ނުވަތަ އެންމެ ކުޑަމިނުން ގަދަކަމުން އަހަރެންނަށް ދޮނެއް ނަމަވެސް ދޭން ނުއުޅުނީ ކީއްވެ ހެއްޔެވެ؟!“ (نعوذ بالله)

ޒުވާނާ ޖަވާބުގައި ބުންޏެވެ. ”ނޫނެކެވެ. އަހަރެން ﷲ ގެ ހަޞްރަތުން ރައްކާތެރިކަމަށް އެދެމެވެ. އަހަރެން ﷲ އަށް ބިރުވެތި ވަމެވެ.“

އަންހެން ކުއްޖާ އޭނާގެ ސުވާލުތައް ތަކުރާރު ކުރަމުން ދިޔައެވެ. ”ﷲ ކޮބާ ހެއްޔެވެ!؟ ތިބާ ތިވަރަށް ބިރުވެތިވާ ﷲ ވަނީ ކޮންތާކު ހެއްޔެވެ!؟“

އެހެންކަމުން ޒުވާނާ އަންހެން ކުއްޖާއަށް އިސްލާމް ދީނާ ބެހޭ ގޮތުން ކޮންމެސް މިންވަރެއް ކިޔާ ދިނެވެ.

މިވާހަކަތައް އަޑުއަހަން ހުރުމަށްފަހު އަންހެން ކުއްޖާ ބުންޏެވެ. ”އެންމެ ކުޑަމިނުން އަހަންނާ ދިމާލަށް ބަލާލުމަށް ވެސް މަނާ ކުރާ ތިބާގެ ތިޔަދީން، މީހަކަށް އެއްވެސް ބާވަތެއްގެ ގޯނައެއް ކުރުވާނޭ ފަދަ ޢަމަލެއް ކުރުމަށް ވެސް ހަމަކަށަވަރުން ހުއްދައެއް ނުދޭނެ އެވެ.“

ޒުވާނާ އާއެކޭ ބުނެ އަންހެން ކުއްޖާއަށް އެކަން އިތުރަށް އޮޅުން ފިލުވައިދިނެވެ.

ދެން އަންހެން ކުއްޖާ ބުންޏެވެ. ”އަހަރެންނާ ކައިވެނި ކުރުމަށް ތިބާ ޤަބޫލު ހެއްޔެވެ؟!“

ޒުވާނާ ބުންޏެވެ. ”އަހަރެންނަކީ މުސްލިމެކެވެ. ތިބާއަކީ ކޮން ދީނެއްގެ މީހެއް ހެއްޔެވެ؟“

އަންހެން ކުއްޖާ ބުންޏެވެ. ”އަހަންނަކީ މުސްލިމެއް ނޫނެވެ.“

ޒުވާނާ ބުންޏެވެ. ”ތިހެންކަމަށް ވާނަމަ ތިބާޔާ އަހަންނަކަށް ކައިވެނި ކުރެވޭކަށް ނެތެވެ.“

އަންހެން ކުއްޖާ ބުންޏެވެ. ”ތިހެންކަމަށް ވާނަމަ އަހަރެން ތިބާގެ ދީނަށް ވަންނާނަމެވެ. އޭރުން ތިބާ ކައިވެނި ކުރާނަމު ހެއްޔެވެ؟!“

ޒުވާނާ ބުންޏެވެ. ”އާއެކެވެ.“

ޒުވާނާ ޤަބޫލު ވުމުން އަންހެން ކުއްޖާ ސުވާލު ކުރިއެވެ. ”ދެން އަހަރެން ކަންތައް ކުރަންވީ ކިހިނަކުން ހެއްޔެވެ؟“

ދެން ޒުވާނާ ކިޔާދިނެވެ. ”މިވެނި އެވެނި ގޮތަކަށް ހަދާށެވެ.“

ކުރީގައި ޣައިރު މުސްލިމެއްކަމުގައިވި މި އަންހެންކުއްޖާ އިސްލާމްދީނަށް ވަނުމަށް ވީ ސަބަބެއް ކަމުގައި، ﷲ މި ޒުވާނާ ލެއްވިއެވެ. އެއީ މިޒުވާނާ ހަމައެކަނި އޭނާގެ ބެލުން ތިރި ކުރުމުގެ ސަބަބުން ނެވެ. އަހަރެމެންގެ ޒުވާނުން މިކަމާމެދު ފުންނަޒަރަކުން ވިސްނާ ނުލާނަމު ހެއްޔެވެ؟ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. އަދި އެހާމެ އަގުހުރި މަތިވެރި ކަމެކެވެ. އެއީ އަހަރެމެން ފަދަ ޢުމުރުން ދުވަސްވީ މީހުންނާމެދު ވުން އެކަށީގެންވާ ވަރުގެ ކަމެއް ވެސް ނޫނެވެ.

މިމުއްސަނދި އަންހެންކުއްޖާ ޒުވާނާޔާ ކައިވެނި ކުރުމަށްފަހު އޭނާގެ މުއްސަނދިކަން ޒުވާނާއަށް މުޅިން އެކަން ހަދިޔާ ކުރިއެވެ. ޒުވާނާގެ ކިބައިން އަންހެން ކުއްޖާއަށް ލިބުނީ (އިސްލާމް ދީނަށް ވަނުމުގެ) އެންމެ މަތިވެރި ނަސީބެވެ. އަދި ﷲ ގެ ރަޙްމަތްފުޅުން ރީތީގެ މިސާލެއްނެތްފަދަ އަންހެން ކުއްޖަކު އަނތްބަކު ކަމުގައި ޒުވާނާއަށް ލިބުނެވެ.

”ހުއްމުރް އަލް ނިޢާމް“ (ޖަމަލު ތަކުގެ ތެރެއިން އެންމެ ރަގަޅު ޖަމަލު) މި މިޘާލަށް ވުރެ ވެސް މަތިވެރި މިޘާލެކެވެ. އަދި ގިނަވެގެންވާ މުދާވެރިކަމެއް ﷲ ތަޢާލާ އޭނާއަށް ދެއްވެވިއެވެ. ހަމަކަށަވަރުން ﷲ ތަޢާލާގެ ޙައްޤު ވަޙީ ބަސްފުޅުގައި ވެއެވެ.
... وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا. وَيَرْزُقْهُ مِنْ حَيْثُ لا يَحْتَسِبُ ...
އަދި ﷲ އަށް ބިރުވެތިވާ އަޅާ ދަންނާށެވެ! އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެ އެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ. (ސުރަތުއް ތަލާޤް 2-3)

ﷲ ގަންދީ ބުނަމެވެ. ﷲ ގަންދީ ބުނަމެވެ. ﷲ އަށް ބިރުވެތި ވެއްޖެ އަޅަކަށް، ﷲ ތަޢާލާ އޭނާ ހީވެސް ނުކުރާ ކަހަލަ ގޮތްގޮތުން ރިޒްޤު ތަނަވަސް ކޮށްދެއްވަވައެވެ. ޒުވާނާ އޭނާގެ ބެލުން ތިރިކުރީ ﷲ ތަޢާލާ އެކަން ޙަރާމް ކުރައްވާފައިވާތީ އެވެ.

ގުޅުންހުރި

5 ޚިޔާލު

  1. haadhahaa asarugadha vaahakaekey….v best

  2. ވަރަށް ރީޠި ވާހަކަ

  3. ގަދަ ސްޓޯރީއެއް……!!!!!!!!!

  4. ސަޅި!!!!!!!!!!!

  5. ރީތި ވާހަކައެއް

Your email address will not be published. Required fields are marked *

More in ވާހަކަ