އެކިމީހުނަށް އެކި ޙާލު ޖައްސަވައި، އެކި ގޮތްގޮތަށް އިމްތިޙާން ކުރައްވާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. އަދި އެއިން ކޮންމެ ޙާލެއްގައިމެ އަޅުތަކުން ޢަމަލުކުރަންވީ ގޮތް އުނގަންނައިދެއްވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.
ސިޙުރަކީ އޮތް އެއްޗެކެވެ. ﷲގެ އިޛުނަފުޅާއި ލައިގެން ޖެހޭވެސް އެއްޗެކެވެ. ބައްޔަކީ ވާއެއްޗެކެވެ. ވާންޖެހޭނެވެސް އެއްޗެކެވެ. ސަބަބަކީ ﷲ އެކަންކަން ލައްވާފައިވަނީ ބޭކާރު ގޮތެއްގައިކަމަށް ނުވާތީއެވެ. ބަލިޖެހުމުން އެކަމުން ދިފާޢުވެ ފަރުވާ ކުރުމަކީ ސަބަބުތަކުގައި ހިފުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކުރަން ޖެހޭ ކަމެކެވެ. އެހެނަސް ބަލި ޖެއްސެވުން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަވެގެންނެވެ. އަދި ޝިފާ ދެއްވޭނޭ ފަރާތަކީވެސް ހަމައެކަނި އެފަރާތެވެ. އަޅުތަކުންނަށް އޮތީ ސަބަބުގައި ހިފައިގެން ދުޢާކޮށް އެކަލާނގެ ޙަޟުރަތުން ވާގި އެދުމެވެ. ދުޢާ ކުރުން ވަނީ އަޅުތަކުންނަށެވެ. އެހެންނަމަވެސް އިޖާބަކުރެއްވުން ވަނީ ﷲ އަށް ޚާއްޞަ ވެގެނެނެވެ. އަޅަކު ކުރާހާ ދުޢާއެއް ވަގުތުން އިޖާބަކުރެއްވުން އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މަޖުބޫރުކަމެއް ނޫނެވެ. އިރާދަކުރެއްވުމާއި ކަންކަން ނިންމެވުން ވަނީ އެކަލާނގެއަށެވެ. އޭގައި އަޅުތަކުންނަށް ކުރެވޭނެ ޝަކުވާއެއް ނޯންނާނެއެވެ. އެކަލާނގެއަށް އީމާންވާ މީހަކުނަމަ އެކަލާނގެ ކުރެއްވި ކޮންމެ މިންވަރަކަށްމެ ރުހި، ތަބަޢަވާން ޖެހޭނެއެވެ.
ލިޔުމުގެ މިހާހިސާބަށް އައިއިރު މިކިޔަނީ ކީކޭބާއޭ، ކިޔަން މިއުޅެނީ ކީކޭބާއޭ ހިތަށް އަރާފާނެއެވެ. މައްސަލައެއް ނެތެވެ. ދައްކަން މިއުޅެނީ ހަމަ މިވާހަކައެވެ. ވިސްނައިދޭން މިއުޅެނީ ވިސްނެން ޖެހޭ ކަމެކެވެ. މުޖުތަމަޢުގެ މުލުން ލުހެވެމުންދާ ކަމެއްގެ ވާހަކައެވެ. މުސްލިމަކަށް ވީތީވެ ކޮންމެހެންވެސް ހުންނަން ޖެހޭ ކަމެއްގެ ވާހަކައެވެ. ޙައިރާންވެ ނުލައްވާށެވެ. ﷲއަށް އޮންނަ އިތުބާރާއި، އެކަލާނގެ އެއްކައުވަންތަ ކުރުމާއި، ތަވައްކަލް ކުރުމާއި ކެތްތެރި ވުމުގެ ވާހަކައެވެ. ދަތި ޙާލެއްޖެހުމުން ނުވަތަ ބައްޔެއް ޖެހުމުން ދޫކޮށްލެވެނީ އެންމެ ފަސޭހައިން މިކަންކަމެވެ. މިފަދަކަމެއް ޖެހުމުން މިމުސްލިމު މުޖުތަމަޢުން އަޅުގަނޑަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ކަންތަކުގެ ވާހަކައެވެ. ފިސާރި އަހަރުތަކެއް ވަންދެން ރުޤްޔާކޮށް ޤުރުއާނާއި އަޛްކާރުން މީހުނަށް ފަރުވާ ކުރުމުގައި އުޅެވިއްޖެއެވެ. މިވަރުގެ ކަމެއް ނުދެކެމެވެ. އަބަދުވެސް މިމައްސަލަ ކުރިމަތިވެއެވެ. މުޖުތަމަޢެއް ފަސާދަވާނީ މިހާވަރަށެވެ. މިބައިމީހުންގެ އަޤީދާއާއި އީމާންތެރިކަމުގެ ބަލިކަށިކަމާއެވެ. ﷲ އަޅަމެން އެންމެނަށް ހިދާޔަތު ދައްކަވައި މުއުމިނުން ކަމުގައި ލައްވާފާނދޭވެ.!
ކުރަންވީ ޝަކުވާއާއި ނުކުރަންވީ ޝަކުވާއާއި ވަނީ އޮޅިފައެވެ. ޤަބޫލުކުރަންވީ ގޮތާއި ޤަބޫލު ނުކުރަންވީ ގޮތް ވަނީ އޮޅިފައެވެ. ޝިރުކުވެރިންނާއި ސިޙުރުވެރިން (ސިޙުރު ހަދާމީހުނާއި، އަތްބަލާ، ފާލުބަލާމީހުންނާއި، ޖިންނީގެ އެހީގައި ކަންކަން ކުރާމީހުން) ގެ ދަޅަތަކުގައި ޖެހި ﷲ އަށް ޚާއްޞަ ކަންކަމުގައިވެސް އެމީހުނަށް ބަރޯސާވެ ހުރިހާވެސް ބަޔަކީ އެއީކަމުގައި ވަނީ ހީވެފައެވެ. ސުބްޙާނަﷲ. ޙާލަތުމިވަނީ މިހާވެސް ނުބައިވެފައެވެ. މިފަދަ ޝިރުކުގެ ކަންކަން ޢާއްމުވެ އީމާންތެރިކަން ދަށްވެއްޖެނަމަ އެތަނެއް ހަލާކުވެދާކަށް މާގިނަ ދުވަހެއް ނުވާނެއެވެ. ތަނެއް ހަލާކުވާނީ މިހާކެއް ވަރަށް ތޯއްޗެކެވެ. މިހެންކަމުން ތަޖުރިބާގެ ތެރެއިން އަޅުގަނޑު މިދައްކަން އުޅޭވާހަކަ ކަޝްފުކޮށް މިކަމުގައި މުޖުތަމަޢުގެ ޙާލަތު ބަޔާންކޮށްދޭނަމެވެ. ވަރަށްވެސް ސީރިއަސް މައްސަލައަކަށް ވާތީއެވެ.
ދޮރުން ދޮރަށް ރުޤްޔާ ކުރުމުގައި ޙަރަކާތްތެރިވަމުން އަންނަތާ އަހަރުތަކެއް ވީއިރު ގިނައިން އިވޭ ވާހަކަ އަކީ މިއީއެވެ. ގިނަފަހަރަށް އޮންނަނީ ސިޙުރުގެ ކޮންމެވެސް ކަންތައްގަނޑެއް ލައިގަނެފައެވެ. އެފަދަ މީހުންގެ ކިބައިން އެންމެ ގިނައިން އިވެނީ މިއަޑެވެ. " މިހާރު އެތައް ބަޔަކު ލައްވާ ފަންޑިތަ ހަދައިފީމެވެ. އެތައް ކަމެއް ކުރެވިއްޖެއެވެ. އެތައް ބޭހެއް ކޮށް އެތައް ފަރުވާއެއް ކޮށްފީމެވެ. އެތައް ދުޢާއެއް ކޮށްފީމެވެ. އެކަމަކު އަދިވެސް ރަނގަޅެއް ނުވެއެވެ." މިފަދަ ބަސްތަކެވެ. ހެޔޮވާނީ ކިހިނެއްހެއްޔެވެ. މިކިޔެނީ ކީކޭ ކަންވެސް މިބައިމީހުނަށް ހަމަ ނޭނގެނީ ބާއެވެ. ދިޔައީ ކޮންބައެއް ކައިރިއަށްތޯ އަދި ކުރީ ކީއްތޯ އަހާލުމުން ދެން ލިބޭ ޖަވާބުވެސް ވިދާޅުވާށެވެ. މާޔޫސީ އަޑަކުން އެބައިމީހުންގެ ދުލުން ބޭރުވަނީ މިފަދަ ޢިބާރާތްތަކެވެ. "މިވެނި ތަނެއްގައި އިންނަ މިވެނި އެވެނި މީހެއް ކައިރިއަށް ގޮސް ފާލުބެލުމުން ބުނީ ތީ ސިޙުރުގެ ކަމެކޭ. ތި ސިޙުރު ހެދީ ކަލޭގެ ވަރަށް ގާތް ނުވަތަ މިވެނި އެވެނި މީހެކޭ. ދެން ދިނީ ތަވީދުތަކެއް. ގޭގޭ އެކިތަނުގައި ހިއްޕާނެ ތަވީދުތަކަކާއި ގައިގަ އަޅާނެ ތަވީދު. ގާތްގަނޑަކަށް އެއިން ކޮންމެ އެއްޗަކަށްމެ 4000 (ހަތަރު ހާސް) ވަރަކަށް ރުފިޔާ ނެގި. މިހާރު 25000 (ފަންސަވީސް ހާސް ) ރުފިޔާ ވަރު އެމީހާއަށް ޚަރަދުވެއްޖެ. ވީކަމެއް ހަމަ ޙަރާމް !". މާތް ﷲ އިންސާނުން އިމްތިޙާން ކުރައްވާ ހެޔޮގޮތް އަންގަވައިދެއްވުމުންވެސް ބައެއްމީހުން މަގުފުރެދިގެންދާލެއް ސުންޕާކަމާއެވެ! އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަންވެސް ހަމަ ނޭނގެނީބާއެވެ. ނޫނީ ޤަބޫލުކުރަން ބޭނުން ނުވަނީ ބާއެވެ. ނުވަތަ ހަމަ އެއްވެސް ގޮތެއްނެތިގެން އެކަން ކުރެވެނީ ބާއެވެ. ފާލު ބެލުމަކީ ޝިރުކުގެ ޢަމަލެކެވެ. އެހެނީ ފާލުބެލެނީ ޖިންނީން ބޭނުން ކޮށްގެނެވެ. އަނެއް ގޮތަކީ ހިތުލަފައަކަށް ނުވަތަ ތަރިރުހަނދުގެ ދައުރުވުންތަކަށް ބަލާ ބުނެވޭ ވާހަކަތަކެކެވެ.
ކަން މިހެން އޮތްއިރު ފާލުބަލާ، އަތްބަލާ މީހުން ކައިރިއަށް ދިއުންވެސް ވަނީ ޙަރާމް ވެގެންނެވެ. އެފަދަ މީހެއް ކައިރިއަށް ގޮސް އެފަދަ ކަމެއް ކޮށްފިމީހާގެ ނަމާދު ވަކި މުއްދަތަކަށް ﷲ ޤަބޫލުނުކުރައްވައެވެ. އަދި އެމީހުން އެދެއްކި ވާހަކަ ނުވަތަ އެއިން ބައެއް ވިޔަސް އެއީ ތެދުކަމަށް ޤަބޫލުކޮށްފި މީހާ އިސްލާމް ދީނުން ބޭރުވެ ކާފަރެއް ކަމުގައި ވެގެން ދެއެވެ. މިކަމުގެ ސާބިތު ދަލީލުތައް ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. “مَنْ أَتَى كَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ) “رواه الإمام أحمد 2\429) މާނައީ: “ކާހިނެއްގެ ގާތަށް (ފާލުބަލާ މީހުން) ނުވަތަ އަތްބަލާމީހެއްގެ ގާތަށްގޮސް އެމީހުން ދައްކާވާހަކަ ތެދުކޮށްފިމީހާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފަރުވެއްޖެއެވެ.”
އަދިވެސް ޙަދީޘްފުޅުކުރެއްވިއެވެ. “مَنْ أَتَى عَرَّافًا فَسَأَلَهُ عنْ شَيْءٍ لَمْ تُقْبَلْ لَهُ صَلاةٌ أَرْبَعِينَ لَيْلَةً" (صحيح مسلم 4\1751) މާނައީ: ” އަތްބަލާމީހެއްގެ ގާތަށްގޮސް ކަމާކާއި ބެހޭގޮތުން ސުވާލުކޮށްފިމީހާގެ ނަމާދު 40 ރޭ ވަންދެން ޤަބޫލް ނުކުރެއްވޭ ހުއްޓެވެ.”
ވީއިރު މިއީ ކުޑަކަމެއް ހެއްޔެވެ؟ ނޫނެކެވެ. އެންމެ ބޮޑު އެއްކަމަކީ ، އެފަދަ މީހާގެ މައްޗަށް އެސާޅީސްދުވަހުގެ ނަމާދުވެސް ވާޖިބުވެ، އޭނާ އެނަމާދު ކުރަން ޖެހި، ކުރިނަމަވެސް ﷲ އެކަން އޭނާގެ ކިބައިން ޤަބޫލުނުކުރައްވާކަމެވެ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިފަދަ ކަންކަމުން މުޅި ދިވެހި އުއްމަތް ސަލާމަތް ކުރައްވާފާނދޭވެ.
ދެން އަނެއް ވާހަކައެވެ. މިއީ ރަނގަޅުގޮތުގައި ދީނުގައި ހުއްދަކުރެއްވި ގޮތަށް ރުޤްޔާ ކުރުވާ ބައެއްމީހުންގެ ކިބައިންވެސް ޢާއްމުކޮށް އިވޭ ވާހަކައެވެ. އެބައިމީހުން ހީކުރާ ގޮތުގައި ބަލި ރަނގަޅުވަނީ ރުޤްޔާ ކުރާމީހާގެ މޮޅުކަމުންނެވެ. ރާޤީއެއް އައިސް ކިޔަވާ އިރަށް މުޅިން އޭނާ ރަނގަޅުނުވެ ދެދުވަހެއް ވެލާއިރަށް ދެން އިވޭނީ މިއަޑެވެ. " އަދިވެސް ރަނގަޅެއް ނުވެއެވެ. ތިގޮތަށް ކުރިޔަސް ވަކި ވާކަމެއް ނެތެވެ. އިތުރަށް އުނދަގޫ ވަނީއެވެ. މިހާރު ރުޤްޔާކުރާތާ 1 މަސް ނުވަތަ މިވެނި އެވެނި ދުވަހެއް ވީއެވެ. އަދިވެސް މުޅިން ރަނގަޅެއްނުވެއެވެ. އަދިވެސް ސިޙުރު ބާޠިލެއް ނުވެއެވެ." ޙާލަތަކީ މިއީއެވެ. މިފަދަ މީހުން ހީކުރާ ގޮތުގައި ރުޤުޔާކުރާމީހާ ކިޔަވާ އިރަށް ނުވަތަ ކިޔަވާފައި ފެން ދޭއިރަށް ރަނގަޅުވާންޖެހޭނެއެވެ. މިއީ ދެން ހެއްވާ ކަމެކެވެ. އެންމެ ހެއްވާކަމަކީ މިފަދައިން ބުނާމީހުނާ ޙަވާލުކުރާ ކަންތަކާމެދު ކުރާ ސުވާލުތަކަށް ލިބޭ ޖަވާބެވެ. ރާޤީ ސުވާލުކުރެއެވެ "ކޮބާ ނަމާދު ބަރާބަރަށް ކުރަންތަ ؟ ދުޢާތަކާއި އަޛްކާރުތައް ކިޔަވަންތަ ؟ ކިހާވަރަކަށް ކިޔަވަންތަ؟ ޤުރުއާން ކިޔަވަންތަ ؟ ބުނި ހުރިހާ ސޫރަތްތަކެއް ކިޔަވަންތަ؟ " މިފަދަ މީހުންގެ ޖަވާބު އެނގިލައްވާތޯއެވެ. ވިދާޅުވާށެވެ. އެބައިމީހުންގެ ޖަވާބުތަކަކީ މިއެވެ. " ފަތިސް ނަމާދެއް ނުކުރެވޭ. ނޫނީ ކުރެވުނު ވަރަކުން ކުރަން. ދުޢާތްއްވެސް ބައެއް ދުވަސްދުވަހު ނުކިޔެވޭ އެއްކޮށެއް. ނޫނީ ހަނދާނެއް ނުހުރޭ. ބުރަކަމުން ޤުރުއާން ނުކިޔެވޭ. ބައެއް ސޫރަތްތައް ބައެއްފަހަރު ކިޔަވަން. !" އެބައިމީހުންގެ ޖަވާބަކީ މިއެވެ. އެހެންވީއިރު ދަންނާށެވެ. ﷲ ހަނދުމަނުކުރާ މީހާގެ މަތިން ﷲ ހަނދުމަކުރައްވާނެހެއްޔެވެ. ނުވަތަ އެފަދަ މީހަކަށް ﷲ އިޖާބަދެއްވާނެހެއްޔެވެ؟ ނުވަތަ އިޖާބަ ދެއްވަން ޖެހޭނެހެއްޔެވެ؟ މީހާ އުޅެންވަނީ ހިތުހުރި ގޮތަކަށެވެ. ﷲ ގެ ދީނާ ކައިރިނުވެ މިޔުޒިކާއި ލަވަޔާއި ފިލްމުތަކުގައި ދުވާލާއި ރޭގަނޑު ހޭދަކޮށް، ނެތިނުބައިމޮށުމާއި ޣީބަބުނެ، ޙަސަދަވެރިކަމުގައި ހިތް ކިލަނބުކޮށްގެންވާ ޙާލުވެސް ޝަކުވާ މިކުރަނީ ރާޤީއެއް ކިޔަވާލާއިރަށް ބަލި ފަސޭހަނުވާތީއެވެ. ޖޯކަކަށްވުރެ މިކަން މާ ސީރިއަސްއެވެ. ނުރައްކާ ބޮޑެވެ. ޝައިޠާނާ އެދޭ ހުރިހާކަމެއް ކުރަމުން، ތިމާއާ ދުރަށް ލާންވެސް މިއުޅެނީ ޝައިޠާނާއެވެ. އެހެނީ ސިޙުރު ޖެހުމާއި ޖިންނި ބައްޔަކީ ޝައިޠާނީ ކަންކަމެވެ. ނުބައި ކަމަކުން ނުބައި ކަމެއް ފުހެލެވޭނެހެއްޔެވެ. ނުވަތަ ތިމާ މަތިން އެހެންމީހުން ޤުރުއާން ކިޔަވާ ނަމާދުކުރުމުން ތިމާގެ ކިބައިން އެޝައިޠާނާ ދުރުވާނެހެއްޔެވެ. ހަމަހިލާ ނުވާނެއެވެ.
ނަމާދަކީ ވީވަރަކުން ކުރަން އޮތް އެއްޗެއް ނޫނެވެ. ހުރިހާ ޙާލަތެއްގައިވެސް ކުރުން ވާޖިބު އެއްޗެކެވެ. ޤުރުއާން ކިޔެވުމާއި ޛިކުރުތައް ކުރުން ދޫކޮށްލައިފިނަމަ ސިޙުރަކަސް ، ކިތަންމެ ބަލިކަށި ޖިންނިއެއް އަޅައިގަތަސް ޝައިޠާނާއަށް ތަބަޢަނުވެ، ނުވަތަ ޝިރުކުނުކޮށް ދުރެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ސިޙުރު ނުވަތަ ޖިންނި ޝައިޠާނުންގެ ބަލި ޖެހިފައިވާ މީހުން އެންމެ ރައްކާތެރިވާން ޖެހެނީ ފަތިސް ނަމާދަށެވެ. އަދި ރައްކާތެރިވުމަށް ކިޔަވަންޖެހޭ ހެނދުނާއި ހަވީރުގެ އަޛްކާރުތައް ކިޔެވުމެވެ. އަދި ގިނަގިނައިން ޤުރުއާން ކިޔަވާ ހެޔޮކަންތައް ކުރުމެވެ. ކަމެއް ނުޖެހޭ މީހާއަށްވުރެ ސިޙުރުފަދަ ކަމެއް ޖެހުމުން މިކަން ކުރަންޖެހޭ މިންވަރު ޖެހެނީ އިތުރު ކުރާށެވެ. މިޔުޒިކާއި ލަވަ އަޑުއެހުންފަދަ ކަންކަން ކުރާހާ ހިނދަކު ޝައިޠާނާ އޭނާގެ ކައިރީ ނަށަނަށާ ހިތްވަރުދޭން ހުންނާނެއެވެ. އެސޮރަށް ލިބޭނީ އިތުރު ބާރެކެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް ޙަޤީޤަތަކީ މިއެވެ. އެފަދަ ގޮތަކަށް ކަންތައް ވާނަމަ މިފަދަ ބަލިތަކަށް ޞައްޙަ ފަރުވާއެއް ނުވަތަ ޝިފާއެއް ނުލިބޭނެކަން ކަށަވަރެވެ. މިކަމާ ކޮންމެ މީހަކު ކޮންމެއެއްޗެއް ކިޔަސް ޗެލެންޖުކޮށް ގޮންޖަހަމެވެ. ރުޤުޔާއަކީ ސަބަބެކެވެ. ފަރުވާ ކުރުމަށް އޮތް ޞައްޙަ މަގެވެ. ރުޤުޔާ ކުރާމީހާއާއި ކުރެވޭ މީހާ ޤަބޫލުކުރަން ޖެހެނީ ބަލި ފަސޭހަ ކުރައްވަނީ ﷲ ކަމާއި، ކިޔެވޭ އެއްޗެއްގެ މޮޅުކަމުން ނުވަތަ ކިޔަވާ މީހެއްގެ މޮޅުކަމުން ނޫންކަމެވެ. ﷲ ގެ ވާގިފުޅާއެކު ކަމެވެ. އެކަލާނގެއަށް އިތުބާރާއި ޚުޝޫޢަތާއި ކެތްތެރި ކަމާއި އެކު ކުރުމުން ކަމެވެ. އެނޫން ގޮތަކަށް ޤަބޫލުކޮށްގެން ނުވަތަ ވިސްނުން ބަހައްޓައިގެން ރުޤްޔާ ކުރުން ހުއްދަނުވާނެއެވެ.
ތަވީދުތަކާއި އަކަތަކުން ޞައްޙަގޮތުގައި ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ދަންނާށެވެ. އޭގެން ސިޙުރު ހަދާމީހާ، ނުވަތަ އެތަކެތި އެހަދާދޭމީހާއަށް ދުނިޔަވީ މަންފާއެއްކޮށް ބަލިމީހާއަށް ދުވަސްކޮޅަކު ހިންދަމާލެވިދާނެއެވެ. ދުވަސްކޮޅެއް ފަހުން ހަމަ އެމީހާ ކައިރިއަށް ދާންނުޖެހޭނެގޮތަކަށް އެފަދަ ޝިރުކުގެ ތަކެތިން ފަރުވާކުރާ މީހުން ނުކުރާނެއެވެ. އޭގެ އިތުރުން އެތަކެތިން ފަރުވާ ކުރުމުން ދީނުން ބޭރުވެއެވެ. ސިޙުރު ހަދާ މީހުން، އަތްބަލާ، ފާލުބަލާ، އަކަތަވީދާއި ހުއްދަނޫން ގޮތްތަކަށް ފަރުވާ ކުރާމީހުން ކައިރިއަށް ފަރުވާކުރަން ދިއުން ހުއްދަނުވެއެވެ. ސިޙުރަކުން ސިޙުރު ބާޠިލުކުރުން (ނުޝްރާ) ވަނީ ނަހީ ވެގެންނެވެ. " سنن أبي داود ގައި އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. "إِنَّ الرُّقَي وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ" މާނައީ " ހަމަކަށަވަރުން ޝިރުކުގެ ޢިބާރާތަކުން މެތުރުމާއި ތަވީދު އެޅުމާއި، އިސްތިރި ހެދުމަކީ ޝިރުކުގެ ތެރެއިން ވާ ކަންކަމެވެ" މި ޙަދީޘްފުޅުގައި އެވާ التِّوَلَةَ އަކީ އަންހެނުން އެކަނބަލުންގެ ފިރިންނަށް ލޯބި ޖެއްސުމަށް ޓަކާ ހަދާ އުޅުނު ފަންޑިތައެކެވެ. އަދިވެސް ޙަދީޘްފުޅުކުރެއްވިއެވެ. "مَنْ تَعَلَّقَ تَمِيْمَةً فَقَدْ أَشْرَك" (السلسلةالصحيحة" 1 / 809 ( މާނައީ: "ތަވީދެއް އަޅައިފިމީހާ ފަހެ ހަމަކަށަވަރުން ޝިރުކު ކޮށްފިއެވެ". ޙަޤީޤަތަކީ މިއެވެ. ކަންމިހެން އޮތްއިރު މިއަދުގެ ޙާލަތު ވިސްނަވާށެވެ.
ރުޤްޔާ ކުރިޔަސް ރުޤްޔާ ކުރުވިޔަސް ހަނދާން ބަހައްޓާށެވެ. ޝިފާދެއްވަނީ ﷲ އެވެ. ބައްޔަކީ އިމްތިޙާނެކެވެ. ތަވްޙީދުކުރުމާއި ވަކީލުކުރުމާއި ކެތްތެރިކަމާއި ދުޢާއިން ހަމައެކަނި ﷲ ގެ ޙަޒުރަތުން ޝިފާއަށް އެދޭށެވެ. ބަލިފަސޭހަނުވެގެން ޝަކުވާ ނުކުރާށެވެ. ކެތްތެރިކަމާއެކު މިންވަރަށް އީމާންވެ، ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރަމުން ގެންދާށެވެ. ﷲ އާއިމެދު ޝައްކުނުކުރާށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ ﴿١٧﴾ (سورة الأنعام 18) މާނައީ: "އަދި الله، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދިވެސް ވަޙީކުރެއްވިއެވެ.
وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ۖ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ ﴿٥٣﴾ ( سورة النحل 53) މާނައީ: "އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ نعمة އެއް ވަނީ، اللَّه ގެ حضرة ންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިحال ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން دعاء ކޮށް ދަންނަވަނީ، ހަމަ އެކަލާނގެ حضرة އަށެވެ."
އަބަދުވެސް ﷲގެ މިބަސްފުޅުތައް ހަނދުމަކުރާށެވެ. وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾( سورة الشعراء80)
މާނައީ:" އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ”.. އަދިވެސް ހަނދާންކުރާށެވެ.
يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿١٦﴾
މާނައީ: ” اللَّه، އެކަލާނގެ ރުއްސަވާ މަގަށް تبع ވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެކަލާނގެ إذن ފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ.
ދިވެހިރާއްޖޭގެ ޢިލްމުވެރިންނަށް އިލްތިމާސްކޮށް ދަންނަވަމެވެ. އާދައިގެ މީހަކު ލިޔުނީތީ މިލިޔުން އެއްފަރާތްކޮށް ނުލައްވާށެވެ. މީގައި މިވާ ވާހަކަތަކަކީ މިހާރު މުޖުތަމަޢުގެ ޙާލަތެވެ. ވިސްނަވާށެވެ. ތިޔަބޭފުޅުންގެ ދަރުސްތަކުގައާއި ޢާއްމުވާހަކަތަކުގައިވެސް މިކަމަށް އަލިއަޅުވާލައްވާށެވެ. މިމަޢުޟޫ ހަނދުމަފުޅުކުރައްވާށެވެ. ޤައުމުގައި ބުދަށް އަޅުކަން ނުކުރިޔަސް ފެތުރިފައިމިވަނީ ޝިރުކުގެ އެންމެ ނުބައި އެއްވައްތަރެވެ. ސިޙުރުވެރިންގެ އަނިޔާގައި ހަނާވަމުންދަނީ އެތައް ބައެކެވެ. މިސިފަކޮށްދިނީ މިޤައުމުގެ ޙާލަތު ތަޖުރިބާއިންނެވެ. މިހާރުވެސް ކަން ހިނގަމުންދާ ގޮތެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. ނޫނީ ބަޔަކު ފޫހިފިލުވާލަން ކިޔާލަން ލިޔުނު އެއްޗެއްވެސް ނޫނެވެ. މީގެން އެންމެނަށް މަންފާއަކަށް އެދި ދުޢާކޮށް އެމަޤުޞަދުގައި ލިޔުނު އެއްޗެކެވެ. ޢިލްމުވެރިންނޭވެ. ވިސްނަވާށެވެ. މިކަމަށް ސަމާލުކަން ދެއްވާށެވެ. އަދި ސަރުކާރަށްވެސް މިގޮވާލަނީ މިފަދަ ކަންކަން ބަލައި މިކަމުގައިވެސް އަދި އެހެން ކަންކަމުގައިވެސް އިސްލާމީ ޝަރީޢަތާއި ޝަރީޢަތުގެ ޙައްދުތައް ޤާއިމްކޮށްދެއްވުމަށެވެ. ހަމަކަށަވަރުން މިއީ ޙައްޤުބަހެވެ.
“حَدَّثَنَا أَحْمَدُ بُنِ مَنِيْعُ , حَدَّثَنَا أَبُو مُعَاوِيَةُ عَنْ إِسْمَاعِيْلُ بُنِ مُسْلِمٍ عَنِ الْحَسَنِ بْنِ جُنْدُبٍ قَالَ , قَالَ رَسُولُ اللهِ حَدُّ السَّاحِرِ ضَرْبَةٌ باِ لسَّيْفِ.”
މާނައީ: ޙަސަނު ބުނި ޖުންދުބްގެ ކިބައިން އިސްމާޢީލު ބުނި މުސްލިމު ރިވާކުރެއްވިކަމަށް އަބޫ މުޢާވިޔަތުގެ ކިބައިން އަޙްމަދު ބުނި މުނީޢު ތިމަންނާއަށް (ތިރުމިޛީ އަށް) ވިދާޅުވިއެވެ. ރަސޫލުﷲގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ސިޙުރުވެރިޔާގެ ޙައްދަކީ ކަނޑިން ޖަހާ މަރާލުމެވެ.(ސުނަނު އައް ތިރުމީޛީ : 1462 ވަނަ ޙަދީޘް)
- ނިމުނީ -
ސަޅި ޢިބްރަތްތެރި ލިއުމެއް.
އެންމެ ފަހު ޙަދީޘްގައި “ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަވެ ޙަދީޘުފުޅުގައިވަނީ:” މިފަދައިން ގެންނަވާފައި ޙަދީޘްގެ ސަނަދު ބަޔާންކުރުމުން، ސަނަދުވެސް ހީވަނީ ރަސޫލާގެ ޙަދީޘްފުޅުގެ ތެރެއިން ވާބައެއް ހެނެވެ. އެހެންކަމުން ސަނަދު އުނިކޮށްލާފައި، ނުވަތަ “ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަވެ ޙަދީޘުފުޅުގައިވަނީ:” މިބައި އިޞްލާޙް ކޮށްލުން ރަނގަޅުވާނެ.
އަދި އެންމެ ފަހުން ގެނެސްފައިވާ ޙަދީޘްގައި، އޭގެ ޞައްޙަގޮތަކީ ޖުންދުބް ރަޟިޔަﷲ ޢަންހުގެ ބަސްފުޅެއްކަމަށް އައިސްފައިވާ ރިވާޔަތްތަކެވެ. ރަސޫލާގެ ޙަދީޘްފުޅުކުރެއްވި ޙަދީޘްފުޅެއް ނޫނެވެ. والله أعلم.
ަވަރަށް ފުރިހަމަ، ހަމަ ކަންތައް ވަމުންދާ ގޮތް ތިޔަ ލިޔެލީ.
ތިކުރާ މަސައްކަތުގައި މަތްﷲ ބަރަކާތްލައްވާށި ..އާމީން……….
ވަރަށް ފުރިހަމަ!!
ލިއުން ވަރަށް ފުރިހަމަ . ސިހުރުވެރިންގެ މަދަދު ހޯދާ މީހުންނަކީ ވެސް ސިހުރުވެރިންހާ ނުބައި ބައެކެވެ. މިފަދަ މީހުންގެ ކިބައިން ކުށެއްނެތް އަޅުތަކުން ރައްކާރެތިކުރައްވާންދޭވެ! އާމިން .
އާމީން
ﷲ ތިބާއަށް ހެޔޮރަޙްމަތް ލައްވާާާށި، އަދި ތިޔަ ކުރާ ބުރަމަސައްކަތަކީ އެހޮޢަމަލުކަމުގައި ލައްވާށި. އާމީން
ތެންކްސް…އެކަމު ކޮމެންޓެއް ކޮށްލާނަން” ޑޯންޓްމައިންޑް” ތަންކޮޅެއް ވާހަކަ ގިނަކަން ފާހަގަކުރެވޭ…. ތަންކޮޅެއް ކުރުކޮށް ބޭކާރުވާހަކަ ނުލާ ބުނާނަމަ ތިއަށްވުރެ ފުރިހަމަވީސް…. ދެން ސްވާލެއް އަޖުނާދުވެސް ޖިންނިބުނާ އެއްޗެތި ގަބޫލުކުރަންތަ؟ އެއީ ކިހާވަރެއްގެ ކަމެއްތަ ؟ އެމީހުން ތެދަށް ބުނާނެތަ؟؟؟؟؟؟؟؟؟؟
ލިޔުން ވަރަށް ރަނގަޅު، ޙަދީޘްތަކުގެ ޞައްޙަކަން ބަޔާންކުރައްވާފައި ވާކަން ވަރަށް ބޮޑަށް ފާހަގަކުރަން، މިއީ ވަރަށް މުހިއްމުކަމެއް ކަމުގައި ދެކެން، ހަމަމިގޮތަށް އެންމެ ފަހު ޙަދީޘްގެވެސް ދަރަޖަ ބަޔާންކޮށްލުން ވަރަށް ރަނގަޅުވާނެ، އަޅުގަނޑަށް އެނގިފައިވާގޮތުން ޞައްޙަގޮތަކީ އެންމެ ފަހު ޙަދީޘަކީ ރަސޫލާ ޙަދީޘް ކުރެއްވި ޙަދީޘްފުޅެއް ނޫނެވެ. އެއީ ޖުންދުބް ރަޟިޔަﷲ ޢަންހުގެ ބަސްފުޅެކެވެ. والله أعلم
ތިފަދަ ކޮމެންޓެއް ދެއްވިކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާ . ފަހަރެއްގަ ވެދާނެ ބައެއް މީހުންގެ ނަޒަރުގައި މާ ވާހަކަ ގިނައީ ކަމަށްވެސް ! ވާހަކަ މަދުކޮށްފަ މިވާހަކަ ބަޔާން ކުރަންޏާ ޖެހޭނީ ސިޙުރު ހަދާ މީހުން ކައިރިއަށް ނުދާށޭ އެއީ ޙަރާމްކަމެކޭ، ޙުކުމަކީ މިއޭ ބުނެ ނިންމާލަން. އެކަމު އެއިރުން ޖާހުލުންނަށް ނުވިސްނިދާނެތީ ބައެއްފަހަރު ދިގުކޮށް ، ބައެއް ބޭކާރު ވާހަކަ ތަކާއެކު މޮޔައިންނަށްވެސް ކިޔާފަ ވިސްނޭ ވަރަށް ލިޔަން ޖެހެނީ. މައުޟޫގެ މުހިއްމުކަމަށްޓަކާ ސަމްސަލުން ގިރާފަ ޖައްސައިގެން ބޯންދޭ އުސޫލުން ވިސްނަދެވޭތޯ ދިގުކުރަން ޖެހުނީ.”އެނީވޭޒް، ތެންކްސް ޓު ޔޫ ޓޫ”. ތިއީ މުހިއްމު ކޮމެންޓެއް.
އރާދަކުރެއްވިއްޔާ ޖިންނި ދައްކާހާ ވާހަކައެއް ޤަބޫލެއް ނުކުރަން. އެހެންނަމަވެސް ޖިންނި އެއްވެސް ޤަބޫލުކުރާކަހަލަ ވާހަކަ އެއް ބުނެފިއްޔާ ޖެހޭނީ ޤަބޫލުކުރަން. މިސާލަކަށް އަބޫހުރައިރާގެ ފާނަށް ކުރުސީގެ ފައިދާއެއް ބުނެދިނީވެސް ޝައިޠާނާ.
ހަމަ މިގޮތަށް މަދުން ނަމަވެސް ޖިންނި އެއް ކަމަކު ތެދެއް ހަދާފާނެ. އެކަމު ސާބިތުނުވަނީސް ނުވަތަ އެއީ ތެދެއް ކަމަށް ޤަބޫލުކުރެވޭ ވަރު ސަބަބެއް ސާބިތު ނުވަނީސް ޖިންނި ބުނާ އެއްޗެއް ޤަބޫލުކުރާކަށް ނުވާނެ. އެއީ ގެއްލުން ބޮޑު ފިތުނައެއް. މިސާލަކަށް ކަލެއަށް ސިޙުރު ހެދީ މިވެނި މީހެކޭ ބުނުމުން ސީދާ ހެކި ނުފެންނަނީސް ނުތަ އެފަދަ ޢަމަލުތަކެއް އެމީހެއްގެ ކިބައިން ނުފެންނަނީސް ޤަބޫލުކޮށްގެން ނުވާނެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
މީ ހަމަ ބެސްޓް ލިއުމެއް. ބޭކާރު ވާހަކައެއް ގިނައެއްނޫނޭ މީގަ…… މުޖްތަމަޢު ހޭލުންތެރިކުރުވުމަށް އަޖްނާދު އެ ޙިއްޞާކުރީ އޭނާގެ ގާތުން ފަރުވާ ލިބިގަންނަ މީހުން ގެ ފަރާތުން އޭނާއަށް އެކްސްޕީރިއެންސް ކުރެވިފައިވާ ކަންތައްތަކެއް. ތިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. އާމީން
ޝުކުރިއްޔާ!! ތިވެސް ވެދާނެގޮތެއް އަހަރެމެންކަހަލަ ޖާހިލުންނަށް ތަންކޮޅެއް އުނދަގޫވާނެ ވިސްނެން………”އެނީވޭ ލީވް އިޓް” އަހަރެން ބައެއްކަހަލަ މަޢުލޫމާތު ބޭނުން ލިބޭނެތަ؟ މިބުނީ ތިކަމާގުޅުންހުރި……ތެންކްސް… ﷲ ތިބޭފުޅާއަށް ހެޔޮރަހުމަށް ލައްވާށި!!!!
ލިޔުން ވަރަށް ފުރިހަމަ…މިލިޔުމުގަ ބޭކަަރު ވާހަކަ އެއްވެސް ނެއް އަދި ދިގެއްވެސް ނޫން… މިލިޔުން ކިޔަމުން ދާއިރު ވަރައްވެސް ޖޯޝީ އިހުސާސެއް ކުރެވޭ…
އެއްވެސް ޙާލެއްގައި “ޖާހިލު” އެތަނުގައި ބޭނުންކުރީ ވަކިމީހަކަށް ނިސްބަތްކޮށްފައެއް ނޫން. އެހެން ހީފުޅުވެލެއްވިނަމަ މަޢާފް ކުރެއްވުން އެދެން. މަޢުލޫމާތު ލިބޭނި އިންޝާﷲ.
ތަންކޮޅެއް އަވަހަށް ލިޔުންތައް ގެނެސްދިނުން ވަރަށް ރަނގަޅުވާނެހެން ހީވަނީ…
މިހާރުވެސް ގޯހެއްނޫން.
ވަރަށް ފުރިހަމަ ލިޔުމެއް… ތިޔަކުރައްވާ އިޙްލާސްތެރި މަސަތްކަތަށް އުފާވެރި ހިތަކުން ސާބަސް ދަންނަވަން..
ައުސްތާޒު، ތިކުރައްވާ މަސަކަތަށް ހެޔޮރަހުމަތްލަށްވާށި
މާޝާ ﷲ.. ވެލިދޫގެ ފަސްގަޑަށް އުފަން ވެލިދޫގެ މަންމަ އަކާއި ބައްޕައަކަށް ލިބިފައިވާ ޞާލިޙް ދަރިއެއްކަން މިއަދު އަޖްނާދު ތި ދަނީ ދައްކައި ދެމުންނެވެ. ﷲ އަޖްނާދު އަށް ހެޔޮގޮތް މިންވަރު ކޮށްދެއްވާ، ސިހުރުވެރިންގެ ކިބައިން މި ދީބު ސަލާމަތް ކުރެއްވުމަށް ތިޔަ ކޮށްދެއްވަމުންދާ ބުރަމަސައްކަތުގައި ބަރަކާތްލައްވާށި. އާމީން.