އަރަބިދުނިޔެ

62 އަހަރަށްފަހު ފަލަސްތީނުގެ އާއިލާއެއްގެ މެންބަރުން ބައްދަލުވެއްޖެ.

ލިޔުނީ: ހުސެއިން ސާލިމް

ފަލަސްތީނަށް އުފަން މަހްމޫދު އަބްދުލް ހާފިޒާއި، އޭނަގެ ކޮށްކޮ މުޙައްމަދު، 62 އަހަރުފަހުން ފުރަތަމަފަހަރަށް ބައްދަލުވެއްޖެއެވެ. މި ދެ އަހުން ބައްދަލުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ޖޯޑަންގެ ވެރިރަށް އައްމާންގައި ހުންނަ އެމީހުންގެ ތިމާގެ މީހެއްގެ ގޭގައެވެ. މިހާރު އަބްދުލް ހާފިޒުގެ އުމުރުން 82 އަހަރު ވެފައިވާއިރު އޭނަގެ އެއްބަނޑު އެއްބަފާ ކޮށްކޮ، މުހައްމަދުގެ އުމުރަކީ 75 އަހަރެވެ.

ފަލަސްތީނުގެ އެއް އާއިލާއަށް ނިސްބަތްވާ މި ދެ އަހުން ވަކިވެފައިވަނީ 1948 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނުގައި ހިންގި ހަރަކާތްތަކާ ގުޅިގެންނެވެ. 1948 ވަނަ އަހަރު މުޅި ފަލަސްތީނުގެ އާބާދީގެ 60 އިންސައްތަ މީހުން އެމީހުންގެ އަމިއްލަ ގެދޮރުން ފައްސާލާ، އެ ބިންތައް އިޒްރޭލުން ވަނީ ފޭރިގަނެފައެވެ. އެ ލާއިންސާނީ ހަރަކާތްތަކުގައި ފަލަސްތީނުގެ 530 އަށްވުރެއްގިނަ ވިލެޖު އިޒްރޭލުން އަމިއްލަ ކޮށްފައިވެއެވެ. އެއް އާއިލާއަކަށް ނިސްބަތްވާ މި ދެ އަޙުންނަކީ އިޒްރޭލުން، އެމީހުންގެ ގެދޮރުން ނެރެ ބޭރުކޮށްލި 6 މިލިއަން މީހުންގެ ތެރޭގައި ހިމެނޭ ދެ އަޙުންނެވެ.

1948 ގެ ހާދިސާގައި، މި ދެ އަޙުންގެ ހުވަފަތްވެފައިވާ މަންމަ ވަނީ އޭނަގެ ބައެއް ދަރިން ގޮވައިގެން އިރާގަށް ހިޖުރަކޮށްފައެވެ. މަންމައާއެކު އީރާގަށް ގެންދިޔަ އެއްކުއްޖަކީ މިހާރު އުމުރުން 82 އަހަރުވެފައިވާ މަހްމޫދެވެ. ނަމަވެސް މިހާރު މަހްމޫދު ދިރިއުޅެމުން އަންނަނީ އޭނަގެ ނުވަ ދަރިންނާއެކު ސްވިޑަންގައެވެ. މުހައްމަދު މިހާރުވެސް ދިރިއުޅެމުން ދަނީ އޭނަގެ އުފަން ޤައުމު ކަމުގައިވާ ފަލަސްތީނުގައެވެ.

މިދެ އަހުން ބައްދަލުވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އަބްދުލް ހާފިޒްގެ ފިރެހެންދަރި އިންޓަނެޓު މެދުވެރިކޮށް އޭނަގެ ބައްޕަގެ އާއިލާގެ މެންބަރުން ހޯދައި އެންމެން ބައްދަލުކުރުވުމަށް އޭނާ ކުރި މަސައްކަތެވެ. އެމީހުންވަނީ ފަލަސްތީނުގައި ދިރިއުޅޭ އުމުރުން 86 އަހަރުވެފައިވާ އެމީހުންގެ ދައްތަ ގާތަށްވެސް ޒިޔާރަތްކޮށްފައެވެ.

1948 ވަނަ އަހަރު އިޒްރޭލުން ހިންގި ލާ އިންސާނީ ހަރަކާތްތަކުގެ ސަބަބުން އެތައް ސަތޭކަ ހާސް އާއިލާއެއް ވަނީ މިފަދައިން ރޫޅިގެން އަވަށްޓެރި އެކި ގައުމުތަކަށް ގޮސްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *