އޭޝިއާ މުޒާހަރާތަކަށްފަހު ގަރުބަޗޯފް އެންމެފަހުން ޕޫޓިންއަށް ފާޑުވިދާޅުވެއްޖެ

މުޒާހަރާތަކަށްފަހު ގަރުބަޗޯފް އެންމެފަހުން ޕޫޓިންއަށް ފާޑުވިދާޅުވެއްޖެ

މުޒާހަރާތަކަށްފަހު ގަރުބަޗޯފް އެންމެފަހުން ޕޫޓިންއަށް ފާޑުވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަޝިޔާގައި ނިމިގެން ދިޔަ އާންމު އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ ކުރަމުން ގެންދާ މުޒާހަރާގައި އެގައުމުގެ ވެރިރަށް މޮސްކޯގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުތްއިރު ކުރީގެ ސޯވިއެޓް ލީޑަރު މިޚައިލް ގަރުބަޗޯފް ރަޝިޔާގެ ބޮޑުވަޒީރު ލަޑީމިއާ ޕޫޓިންގެ އިސްތިއުފާ އަށް ގޮވާލައްވައި ފާޑުވިދާޅުވެއްޖެއެވެ.

"މިނިވަން އިންސާފުވެރި އިންތިހާބަކަށް" އެދި މޮސްކޯގެ މަގުތަކަށް އިއްޔެ ނުކުތް އިދިކޮޅު މީހުންގެ އަދަދު 29،000 އަށް އެރި ކަމަށް އެގައުމުގެ ފުލުހުން ބުނި ނަމަވެސް މުޒާހަރާ އިންތިޒާމްކުރި ފަރާތްތަކުން ބުނެފައި ވަނީ މުޒާހަރާގައި 120،000 މީހުން ބައިވެރިވި ކަމަށެވެ. ޕޫޓިން ރަޝިޔާގެ ލީޑަރު ކަމަށް ވަޑައިގެންނެވިފަހުން ފާއިތުވި 12 އަހަރު ތެރޭގައި މިވަރުގެ މުޒާހަރާއެއް އޭނާއާއި ދެކޮޅަށް ބާއްވާފައެއް ނުވެއެވެ.

މުޒާހަރާގެ އިސް ބައިވެރިން ބުނެފައި ވަނީ ކުރިއަށް އޮތް މުޒާހަރާގައި މިލިއަން މީހުން ބައިވެރިވާނެ ކަމަށާއި ރައްޔިތުން ބޭނުންވަނީ އަލުން އިންތިހާބު ބޭއްވުމަށް ކަމަށެވެ.

ޕޫޓިން އަށް ފާޑުވިދާޅުވަމުން 80 އަހަރުގެ ގަރުބަޗޯފް، ރޭޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ ޕޫޓިން އަށް މިހާރު ވެސް ތިން ދައުރުގެ ވެރިކަން ކުރެއްވިއްޖެ ކަމަށާއި މިއީ އޭނާ ރަޝިޔާގެ ވެރިކަން ދޫކޮށްލަންވީ ވަގުތު ކަމަށެވެ. ރައީސްގެ ގޮތުގައި ދެ ދައުރު ފުރުއްވުމަށް ޕޫޓިން މިހާރު ހުންނެވީ ބޮޑުވަޒީރު ކަމުގެ މަގާމުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ވެސް ޕޫޓިން ނުކުމެ ވަޑައިގަންނަވާނެއެވެ. ނަމަވެސް ގަރުބަޗޯފް ވިދާޅުވީ ޕޫޓިން މިހާރު އަމަލުކުރައްވަން ޖެހިވަޑައިގަންނަވަނީ އޭނާ ކުރިން އަމަލުކުރެއްވި ގޮތަށް ކަމަށެވެ.

އެއް އިރެއްގައި ޕޫޓިންގެ ބޮޑު ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންނެވި ގަރުބަޗޯފް ވިދާޅުވީ ވެރިކަމުގައި ޕޫޓިން ރައްޔިތުންނަށް ކޮށްދެއްވި ރަނގަޅު ކަންތަކުގެ ވާހަކަ ދައްކަން އޭނާ އެދިވަޑައިގަންނަވާ ނަމަ އެންމެ ބުއްދި ވެރި ގޮތަކީ މިހާރު ވެރިކަން ދޫކޮށްލެއްވުން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.