ޕާކިސްތާނުގެ އަސްކަރިއްޔާ އިން އެގައުމުގެ ސަރުކާރާ ދެކޮޅަށް އިންގިލާބެއް ރާވަމުން އަންނަ ކަމަށް މިދުވަސްކޮޅު ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ޕާކިސްތާނުގެ އަސްކަރީ ލީޑަރު ޖެނެރަލް އަޝްފާގް ކަޔާނީ މިތުހުމަތުތަކަށް ރައްދު ދެއްވައިފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާ އިން ކަޔާނީގެ ރަސްމީ ބަޔާނެއް އާންމުކޮށްފައި މި ވަނީ އިންގިލާބެއް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކައާއި ދެކޮޅަށް ޕާކިސްތާނުގެ އިސް ފަނޑިޔާރު ވެސް ތެދުވެ ވަޑައިގެން އެކަން ދޮގުކުރައްވާފައި ވަނިކޮށެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ އިންގިލާބެއް ގެންނަން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނުކޮށްލައިގެން އުޅެނީ ޕާކިސްތާނުގެ އަސްލު މައްސަލަތަކަށް އޮތް ސަމާލުކަން ގެއްލުވާލަން ކަމަށެވެ.
އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި އަސްކަރިއްޔާގެ އެއްވެސް ބިރެއް ޕާކިސްތާނު ސަރުކާރަށް ނެތް ގޮތަށް ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއްގައި ގައުމީ މަސްލަހަތު ފުށު ނާރާ ގޮތަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށެވެ. އަސްކަރިއްޔާ އިން ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ ސަރުކާރު ވައްޓާލަފާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު ޒަރްދާރީއަށް ވަނީ ސިއްހީ މައްސަލަތަކެއް ވެސް ކުރިމަތިވެ ވަޑައިގެންފައެވެ.
ޕާކިސްތާނުގެ އެތެރޭގެ މައްސަލަ އިތުރަށް ހޫނުވެފައި ވަނީ އަސްކަރިއްޔާ އިން ސަރުކާރު ވައްޓާލަފާނެ ކަމަށް ވިދާޅުވެ ޕާކިސްތާނުގެ އެމެރިކާ ސަފީރު އެމެރިކާއަށް ސިޓީއެއް ފޮނުއްވުމާ އެކުގައެވެ. އެ މައްސަލާގައި ސަފީރު ވަނީ މަގާމުން ދުރު ވެސް ކޮށްފައެވެ.
ސަރުކާރު ވައްޓާލަން ރާވަމުންދާ ކަމުގެ ތުހުމަތުގެ އިނގިލި ބައެއް ފަރާތްތަކުން ޕާކިސްތާނުގެ އަސްކަރިއްޔާ އަށް އަމާޒުކޮށްފައިވާއިރު މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގެ އަސްކަރިއްޔާ އިން ސަރުކާރުގެ މައްޗަށް ވެރިވެގެންފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގެ ސަރުކާރު ވައްޓާލުމުގެ ރޭވުންތައް ފަށާފައިވަނީ އެމެރިކާ ސިފައިން ޕާކިސްތާނުގައި އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން މަރާލުމާ ގުޅިގެންނެވެ. އެ ހަރަކާތަކީ އެމެރިކާގެ އަސްކަރިއްޔާގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި ހަރަކާތެކެވެ.
ސަރުކާރާ ދެކޮޅު ރޭވުންތަކެއް އަސްކަރިއްޔާ އިން ރާވަމުންދާ ކަމަށް ތުހުމަތުކޮށް ޕާކިސްތާނު ސަރުކާރުން ވަނީ މިހާރު އެމެރިކާގެ އެހީ އަށް ވެސް އެދިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...