ދިއިސްލާމް ބޮޑު މުޒާހަރާ އާ ދެކޮޅަށް ޝައިޚް ފަރީދު ދެއްކެވި ވާހަކަތަކަށް ޝައިޚް ބީއޭ ނަސީމް ރައްދު ދެއްވައިފި

ބޮޑު މުޒާހަރާ އާ ދެކޮޅަށް ޝައިޚް ފަރީދު ދެއްކެވި ވާހަކަތަކަށް ޝައިޚް ބީއޭ ނަސީމް ރައްދު ދެއްވައިފި

ބޮޑު މުޒާހަރާ އާ ދެކޮޅަށް ޝައިޚް ފަރީދު ދެއްކެވި ވާހަކަތަކަށް ޝައިޚް ބީއޭ ނަސީމް ރައްދު ދެއްވައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

ޝައިޚް ބީއޭ ނަސީމް - ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

އިސްލާމްދީން ހިމާޔަތްކުރަން ގޮވާލައި ބާއްވާ ބޮޑު މުޒާހަރާ އާ ދެކޮޅަށް، އަންގާރަ ދުވަހުގެ ރޭ އެމްއެންބީސީ ވަން އިން ވަޤުތު ގަނެގެން، ޝައިޚް އިބްރާހީމް ފަރީދު ދެއްކެވި ވާހަކަތަކަށް އައްޝައިޚް އާދަމް ނަސީމް (ބީއޭ ނަސީމް) ރައްދު ދެއްވައިފި އެވެ.

ރޭޑިއޯ އެޓޯލްގެ "ހެނދުނު ފަރުވާ" ޕްރޮގްރާމްގައި އިއްޔެ ވާހަކަ ދައްކަވަމުން، ޝައިޚް ބީއޭ ނަސީމް ވިދާޅުވީ، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، އޭރުގެ ސަރުކާރާ ދެކޮޅަށް ޝައިޚް ފަރީދު ވެސް ބައިވެރިވެގެން ޖުމްހޫރީ މައިދާނުގައި ކުރި މުޒާހަރާއަކީ ބަޣާވާތަކަށް ނުވެފައި، އަންނަ ހުކުރު ދުވަހު ދީނުގެ ހިމާޔަތުގައި ކުރާ މުޒާހަރާ ބަޣާވާތަކަށް ވާންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ޝައިޚް ނަސީމް ވިދާޅުވީ 2004 އޯގަސްޓް މަހު ޖަލުގައި އަނިޔާކޮށް މަރައިލި ހަސަން އީވާން ނަސީމްގެ މަރުގެ ހާދިސާއާ ގުޅިގެން ޖުމްހޫރީ މައިދާނަށް ވަރަށް ގިނަ ބަޔަކު އެއްވި ކަމަށާއި އެ ވަރުގެ ބޮޑު އަދި ދިގުދެމިގެން ދިޔަ މުޒާހަރާއެއް މި ރާއްޖޭގައި ނުބާއްވާ ކަމަށާއި، އެ މުޒާހަރާ ހިންގުމުގައި އިސްކޮށް ހުންނެވީ ކޮން ދީނީ ޝައިޚެއް ކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ. އަދި އި "އެ މުޒާހަރާ ފަހުން ބަދަލުވެގެން ދިޔައީ ސީދާ ސަރުކާރު ވައްޓާލުމަށް" ކަމަށް ނަސީމް ވިދާޅުވި އެވެ.

ޝައިޚް ބީއޭ ނަސީމް ވިދާޅުވީ އެ މުޒާހަރާ ފުލުހުން ރޫޅައިލީ ވަރަށް ހަރުކަށިކޮށް ކަމަށާއި އެ ހާދިސާގައި ޝައިޚް ފަރީދަށް ވެސް ވަރަށް ބޮޑަށް އަނިޔާވި ކަމަށެވެ.

"އެހެންވީމާ އެއީ ބަޣާވާތަކަށް ނުވެފައި އިނގޭތޯ މިހާރު ދީން ހިމާޔަތްކުރަން ބަޔަކު އިޚްލާސްތެރިކަމާ އެކު މަޑުމައިތިރިކަމާ އެކު ނުކުންނަ އިރު އެ ކީއްވެގެންތޯއޭ ބަޣާވާތަކަށް ވާންވީ؟" ޝައިޚް ބީއޭ ނަސީމް ވިދާޅުވި އެވެ.

ޝައިޚް ބީއޭ ނަސީމް ވިދާޅުވީ އެމްއެންބީސީ ވަން ގައި ޝައިޚް ފަރީދު ދެއްކެވި ވާހަކަތައް އަޑުއައްސަވަން ވެސް ކެރިވަޑައިނުގެންނެވި ކަމަށެވެ. ޝައިޚް ފަރީދަކީ އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ކުރީގެ މެންބަރެކެވެ.

ޝައިޚް ނަސީމް ވިދާޅުވީ ބޮޑު މުޒާހަރާ އާ އިދިކޮޅަށް އެމްޑީޕީން ނުކުތުމަށް އެކި ފަހަރު ދައްކަނީ އެކި ވާހަކަތައް ކަމަށެވެ. އަދި މުޒާހަރާއާ އިދިކޮޅަށް ބަޔަކު ނުކުންނަނީ ދީން ހިމާޔަތްކުރުމާ ދެކޮޅަށް ކަމަށް ފާޅުގައި ބުނެފައިވާ ކަމަށެވެ.

"ތެދެންމެ އެއާ އިދިކޮޅަށް، ދީން ހިމާޔަތްކުރުމާ އިދިކޮޅަށް ބަޔަކު އެބަ ނުކުމެ އެހެން ހަމަ ބުނެފައި ދެއްތޯ. އެކަމު މިހާރު އެހެން އެއްޗެކޭ ބުނަނީ. އެހެންވީމާ މިހާރު އެބަ ބުނޭ ތިމަންމެންގެ ބޮލުގައި އާދެ އެމްޑީޕީގެ ބޮލުގައި ލާދީނީ ކަންތައް އަޅުވާތީއްޔޭ އެހެން ވެސް އެބަ ބުނޭ ތިމަންމެން މި ނުކުންނަނީ. އަނެއް ފަހަރު އެބަ ބުނޭ ތިމަންމެން ވެސް މި ނުކުންނަނީ ދީން ދިފާއުކުރާށޭ. ތިން ފަހަރު ތިން ގޮތަށް މި ވާހަކަ ވެސް އަތުވެއްޖެ،" ޝައިޚް ބީއޭ ނަސީމް ވިދާޅުވި އެވެ.

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ކުރީގެ ރައީސްކަން ކުރެއްވި ޝައިޚް ބީއޭ ނަސީމް ވިދާޅުވީ ޝައިޚް އެމްޑީޕީގެ ދީނީ މަޖިލީހުގައި ހުންނެވި ދުވަސްވަރު ވެސް ދީނީ ކަންކަމާ ގުޅިގެން ރައީސް ނަޝީދަށް ލަފާ އެރުވުމަށްޓަކައި ބައްދަލުކުރަން އެދުމުން ރައީސް އެ ކަމަށް އިޖާބަ ދެއްވާފައި ނުވާ ކަމަށާއި ފޮނުވާ ސިޓީއަކަށް ވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ރައްޔިތުންގެ އަޑު އިއްވެން އޮތީ މުޒާހަރާކޮށްގެން ކަމަށް ވެސް ޝައިޚް ނަސީމް ވިދާޅުވި އެވެ.

އެމްއެންބީސީ ވަން މެދުވެރިކޮށް ޝައިޚް ފަރީދު ބޮޑު މުޒާހަރާ އާ ދެކޮޅަށް ދެއްކެވި ވާހަކަތަކަށް ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންނާއި ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.