
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދެއްކަވަނީ: އިސްލާމިކް މިނިސްޓަރު ޑރ. މަޖީދަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވުނީ އޮޅިވަޑައިގެން ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: މަޖިލިސް
އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަށް ރުހުން ދިނުމަށް ފެންނިވަޑައިގަންނަވާ ކަމަށް އިއްޔެ ވޯޓު ދެއްވުނީ އޮޅިގެން ކަމަށާއި އެކަމަށް ޑީއާރުޕީގެ ހުރިހާ މެމްބަރުންގެ ފަރާތުން ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެނާ އިއްޔެ މަޖުލީހުގައި މަޖީދަށް ވޯޓު ދެވުނީ އޮޅިވަޑައިގެން ކަމާއި އެކަމަށްޓަކައި ޑީ އާރް ޕީ އަދި ޑ.ރ މަޖީދަށް ރުހުން ނުދޭން ތިބި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން އޭނާ މާފަ އެދޭކަމަށެވެ. " އަޅުގަޑަށް ވޯޓު ދެވުނީ އޮޅުމަކުން. އެކަމަށްޓަކައި ޑީއާރްޕީގެ އެންމެހާ އަހުންނާއި އުހުންތުންގެ ކިބައިންނާއި އެކަމަށް އެދިތިބި ރައްޔިތުންގެ ކިބައިން މައާފަށް އެދެން، " ހަސަން ލަތީފް ވިދާޅުވިއެވެ.
ޑރ. މަޖީދަށް ރުހުން ދިނުމަށް ފާސްވީ ޑީއާރުޕީގެ މެމްބަރުން ތާއީދުކުރުމުން ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވުމުން ހަސަން ލަތީފް ވިދާޅުވީ، ޑރ. މަޖީދަށް ވޯޓުދޭންވީ ގޮތާމެދު ޑީއާރްޕީގެ އެއްވެސް ލީޑާޝިޕަކުން އެއްވެސް އެއްޗެއް އިއްޔެ އަންގާފައި ނުވާ ކަމަށެވެ. ހަސަން ލަތީފް މިހެން ވިދާޅުވެފައި ވާ އިރު އިއްޔެގެ ޖަލްސާގައި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ކެލާ ދާއިރާގެ މެންބަރު ޑރ. އަބުދުﷲ މައުސޫމު ވަނީ ޑ.ރ މަޖީދަށް ރުހުން ނުދެއްވާނެ ކަމަށް ބުނެފައި އެވެ.
ޕީޕީއެމްގެ މެމްބަރުންނަށް ރައްދު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ މެމްބަރަކު ކޮންމެ ގޮތަކަށް ވޯޓު ދެއްވި ނަމަވެސް އެކަމާ ދެކޮޅަށް އެހެން މެމްބަރުންނަށް ވާހަކަ ނުދެއްކެވޭނެ ކަމަށެވެ. އަދި އޭނާ އިއްޔެ ވޯޓު ދެއްވި ގޮތާ މެދު ބައެއް މެމްބަރުން ވާހަކަ ދައްކަވާއިރު ހެލްތު އިންޝުއަރެންސްގެ ބިލަށް އޭނާ ހުށަހެޅުއްވި ބައެއް އިސްލާހުތައް ފެއިލްވީ އިދިކޮޅު އެހެން ޕާޓީތަކުގެ މެމްބަރުންގެ ސަބަބުން ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.
ޑރ. މަޖީދަށް ރުހުން ދިނުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 73 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިސްލާމިކް މިނިސްޓަރަށް ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވީ 35 މެމްބަރުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...