އެފްރިކާދިއިސްލާމްދުނިޔެ

މިސްރުގެ މަސްރަޙް އަނެއްކާ ވެސް އިތުރަށް ހޫނުވެއްޖެ

މިސްރުގައި ޒަމާންތަކަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ނިމުމަކަށް އައިސްފައިވާއިރު، މިހާރު އެޤައުމުގައި ވެރިކަންކުރާ ޢަސްކަރީ މަޖިލީހާ ދެކޮޅަށް ޤާހިރާގައި ކުރި މުޒާހަރާއަކަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 10 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވުވެ، މިސްރުގެ މަސްރަޙް އަނެއްކާ ވެސް އިތުރަށް ހޫނުވެއްޖެވެ.

މިސްރުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ހާމަކޮށްފައިވާގޮތުން މަރުވި 10 މީހުންގެ ތެރެއިން ހަތް މީހުން މަރުވެފައިވަނީ އެމީހުންގެ ގަޔަށް ވަޒަން އަރައިގެންނެވެ. އަނެއް ތިން މީހުން މަރުވެފައިވަނީ ހަމަލާތަކަށްފަހު ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. ޒަޚަމްވެގެން 440 މީހަކު ޤާހިރާގެ ހޮސްޕިޓަލްތަކުން ފަރުވާހޯދި އިރު މީގެތެރޭގައި ވަޒަން އަރައިގެން ޒަޚަމްވެފައިވާ މީހުންނާއި އެނޫންގޮތްގޮތުން ޒަޚަމްވެފައިވާ މީހުން ހިމެނޭ ކަމަށް ވެސް މިސްރުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ބުނެއެވެ. ޤާހިރާގައި ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިސްރުގައި ވެރިކަންކުރާ ޢަސްކަރީ މަޖިލީހާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު އެއްވެ އަޑުއުފުލީ ޤާހިރާގެ މައިދާނުއްތަޙްރީރުގެ ޤަސްރުލްޢައިނީ މަގުގައެވެ.

 އެއްވި މީހުން ގޮވަމުން ދިޔައީ މިސްރުގެ ބޮޑުވަޒީރު ކަމާލުލްޖަންޒޫރީ މަޤާމުން ދުރުކުރުމަށާއި އިސްލާޙް ކޮށްފައިވާ ދަސްތޫރުގައި ޢަސްކަރީ މަޖިލީހަށް ދީފައިވާ ބާރުތައް އުނިކުރުމަށާއި ރިޔާސީ އިންތިޚާބެއް އަވަހަށް ބާއްވައިގެން ރައީސަކު އިންތިޚާބު ކުރުމަށް ފަހު އެފަރާތާ ވެރިކަން ޙަވާލުކުރުމަށެވެ. އިންތިޚާބުކުރާ ރައީސަކާ ވެރިކަން ޙަވާލުކުރުމަށް ޢަސްކަރީ މަޖިލީހުން ފަސްޖެހެމުންދާ ކަމަށް ވެސް އިޙްތިޖާޖްކުރިމީހުން ތުހުމަތުކޮށްފައިވެއެވެ.

ޢަސްކަރީ މަޖިލީހާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެތަށްބަޔަކު މަރާލުމުން މިސްރުގެ އެކްޓިވިސްޓުން ވަނީ މިސްރުގެ ރައްޔިތުންގެ އިންޤިލާބު ޙިމާޔަތްކޮށް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލި ގޮތަށް ޢަސްކަރީ މަޖިލީހުގެ ވެރިކަން ވައްޓާލުމަށް ޓަކައި ޤާހިރާގެ މައިދާނުއްތަޙްރީރަށް ރައްޔިތުން ޖަމާވެ އަލުން މުޒާހަރާތައް ފެށުމަށް ގޮވާލައި މިކަމުގެ މަސައްކަތް ފަށާފައެވެ. މިގަޑުބަޑުތަކުގެ ސަބަބުން މިސްރުގެ މަސްރަޙް ވާނުނޭންގުމެއްގެ ތެރޭގައި ވާކަމަށް ޚަބަރުތައް ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *