ދިއިސްލާމް ރައީސް ނަޝީދު ވަގުތުން ހައްޔަރުކޮށް އިންސާފްވެރި ޝަރީއަތެއް ކުރުމަށް ސަންދާނު ލުތުފީ ގޮވާލައްވައިފި

ރައީސް ނަޝީދު ވަގުތުން ހައްޔަރުކޮށް އިންސާފްވެރި ޝަރީއަތެއް ކުރުމަށް ސަންދާނު ލުތުފީ ގޮވާލައްވައިފި

ރައީސް ނަޝީދު ވަގުތުން ހައްޔަރުކޮށް އިންސާފްވެރި ޝަރީއަތެއް ކުރުމަށް ސަންދާނު ލުތުފީ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ގައުމަށް ދިމާވެފަ މިއޮތް ހާލަތުން ސަލާމަތްވުމަށް ރައީސް ނަޝީދު ހިފާ ހައްޔަރުކޮށް ، މި ހިނދުން މިހިނދަށް ، ދިވެހި ރާއްޖޭގެ ގާނޫނުގެ ބެލެނިވެރިޔާ ކަމުގައިވާ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓަށް ހާޒިރުކޮށް ، އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ކުރުމަށް އިބްރާހީމް ލުޠުފީ (ސަންދާނު ލުތުފީ) ގޮވާލައްވައިފިއެވެ.

ސްވިޒަލެންޑްގަ ހުންނަވާ އިއްޔެގެ ވަގުތެއްގަ އިންޓަނެޓްގައި ނެރުއްވި އޯޑިއޯ މެސެޖްގައި ވަނީ  ގައުމު މިވަނީ ފާލުން ނެއްޓި އަޑި ނޭނގޭ ފުންވަޅުގަނޑަކަށް ވެއްޓުމުގެ ތުންފަތްމަތީގައި ކަމަށާއި ،  އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މާހައުލެއް ރާއްޖޭގަ ފަހިކޮށްދީފައިވާކަމަށެވެ.

އިޖްތިމާއީ ފޭރާން ވީދި އިސްތިގްލާލާއި މިނިވަންކަން ގެއްލިދާނެކަމުގެ ބިރު ބޮޑުވެފައިވާކަމަށާއި ،   އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާއި ދެމެދު ދީނުގެ ނަމުގައި ނުރައްކާތެރިކަން ބޮޑުވެގެންވާ ހަނގުރާމައެއްވަނީ އިއުލާންކޮށްފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އިގްތިސާދު ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަށް ވަރުގަދަ ބިންގަލެއް އަޅާފަވާކަމަށާއި ، މުޅި ގައުމުގެ ހުރިހާ ހިސާބެއްގަވެސް ކަރަޕްޝަން މެކުހަށް ޖަހާފަ ވާކަމަށް ލުތުފީގެ އޯޑިއޯ ބަޔާނުގައި ވެއެވެ.

ސިއްހީ ނިޒާމް ވަނީ އަލުން ދިރުވުމަށް މަރާލާފައިކަމަށާއި، ދުލާ ގަލަމުގެ މިނިވަންކަން ވަނީ އަހުލާގީ މިންގަނޑުން އެއްކިބާވެފައި ކަމަށާއި، ރާއްޖޭގެ ދީންގަބޫލް ނުކުރާ ކިތަންމެ ކުދިންނެއް ތިބިކަމީ ޒަހަރު ފަދަ ހިތި ހަގީގަތެއް ކަމަށް ލުތުފީ ވިދާޅުވިއެވެ.

މިގައުމުގައި ދިމާވެގެން އުޅޭ ހުރިހާ މައްސަލަތަކެއްގެ ފެށުމަކީ އަދުލު އިންސާފު ގާއިމް ނުކުރެވުން ކަމަށާއި،  ދީނާ ސިޔާސަތު ވަކިކޮށް ވެރިކަން ހިންގާ ގައުމުތަކުގަވެސް ހަމަޖެހުން ގެނެސްދެނީ މޫނަށް ކަނދުރާއަށް ބެލުމެއްނެތި އިންސާފު ގާއިމްކުރުންކަމަށް އަޅުގަނޑުމެން ގަބޫލްކޮށް، ހުޅަނގުގެ ތަހްޒީބުން އުގެނި ތިބެ ވެރިކަން ހޯދަން ކުރި މަސައްކަތް ކާމިޔާބުވެ، ވެރިކަން ލިބުމުން އިންސާފް ގާއިމްކުރުމަށް އަޅުގަނޑުމެން ނުކުތީ ހަތަރު އަނގޮޅި ކަންމައްޗަށް ކަމަށް ލުތުފީ ވިދާޅުވިއެވެ.

ކޯޓްތައް ގާއިމްކުރީ ދުވާރު މަތީގަކަމަށާއި، ހުކުމް އިއްވަނީ ދެހަސްމުންގެ ޣައިރު ހާޒިރުގަކަމަށާއި ، ރާއްޖޭގެ ގާނޫނު ނަގަހައްޓަން އޮތް ސްޕްރީމް ކޯޓްގައި ތިބީ މޮޔައިންކަމަށް ބުނެ ކޯޓްގެ ކަރާމަތާއި އިއްޒަތް ނަގާލާ،  އުއްތަމަ ފަނޑިޔާރުކަމަށް އަޅުގަނޑުމެން ގެނައީ މެދު މަދަރުސީ ތައުލީމް ލިބިފަ ނުވާ ފިލްމް ސްޓާރެއްކަމަށް ލުތުފީ ވިދާޅުވިއެވެ.

ދަށުކޯޓްތަކަކީ ކުރީގެ ސަރުކާރުގެ ވެރިންގެ ބާރުގެ ދަށުގައި ހުރިތަނެއްކަމަށް ބުނެ ހައިޖާނު ހަދާ ، އިންސާފު ގާއިމުކުރުމުގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ހެދި ނަމަވެސް އެ ކޮމިޝަންގެ ރިޕޯޓްތައް ތިޖޫރީގައި ހުއްޓާ މިއަދު މި ފެންނަނީ ބޭރުގެ ނޫސްތަކުގައި އެވާހަކަތައް ޖަހާތަންކަމަށް ލުތުފީ ވިދާޅުވިއެވެ.

ކަރަޕްޓްވެފައި ތިބި މީހުންކަމަށް ގޮވި މީހުންނާއި ސިއްރުން ބައްދަލުކޮށް ގުނާ އަދަދު ނުކުރެވޭ ވަރަށް ފައިސާ ދީގެން ގެންގޮސްފަވާކަމަށާއި، ނުގަނެވުނު މީހުން ހިމާޔަތް ދިނުމުގެ ނަމުގަ އާރަށަށް ގެންދިޔަކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީގެ އޯޑިއޯ މެސެޖްގައި ވަރަށް ކެރިހުރެ މާތް ﷲ ގަންދީ ހުވާކޮށް ވިދާޅުވެފައިވަނީ ”ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބުރުސޫރަ ރީތި ޖިންސުއްލަތީފުން ގެންދަވާ ، ސީދާ ރައީސް ނަޝީދު އެކަބަލުންނާއި ބައްދަލުކުރައްވާ ، އަންހެންކަނބަލުން ލައްވާ ކުރުވަން ދަންނަވަން ލަދުހުތުރު ކަމެއްކަމަށް ވީނަމަވެސް ، އިސްލާމްދީނާއި ގައުމު ހިމާތްޔަތްކުރެއްވުމަށްޓަކާ މިނޫން އެހެން ގޮތެއް ނެތްކަމަށް ވިދާޅުވެ، ދަންނަ ބޭކަލުންގެ ބަރަހަނާ ފިލްމު ތިމަން މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުޅުވުމުގެ ހުރިހާ ވަސީލަތެއް ދިވެހި ރާއްޖޭގެ ބައެއް މިޝަންތައް މެދުވެރިކޮށް ހަމަޖައްސާފައިވާކަމަށާއި، ދަންނަ ބޭކަލުންގެ ބަރަހަނާ ފިލްމު ކުޅެދިނުމަށް އެދިވަޑައިގެން ، ޗާޓުން ބޭރުން ، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ގަބޫލުފުޅު ނުކުރައްވާ ދަންނަ ބޭކަލުންތަކެއްގެ  ބަރަހަނާ ފިލްމް ކުޅުވަން ސީދާ ރޭއްވެވުމަކީ މުޅި ދިވެހި އުއްމަތުގެ މެޔަށް ހަންޖަރެއް ކޮއްޕާލުންފަދަ ނުބައި ނުލަފާ، ދަށު ދަރަޖައިގެ އަމަލެއް”   ލުތުފީ ވިދާޅުވެފަވެއެވެ.

ލުތުފީ ވިދާޅުވެފަވަނި އެ އަމަލަކީ ރާއްޖޭގެ ގާނޫނު އަސާސީ  ވީދާ ކުދިކޮށް ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އަކީ ޖަންގަލީގެ ގާނޫނޭ (ރައީސް) ވިދާޅުވުން ފަދަ އަމަލެއްކަމަށެވެ.

ރައީސް ނަޝީދާ، ލުތުފީއާއި އަދި ވަކި ކުލައަކަށްވުރެ މިގަމުގެ ހައިބަތާ ގަދަރު ބޮޑުވާނެކަމަށާއި،  ރައީސް ނަޝީދު ކާމިޔާބުގައި ހިތް ތިރިކުރެއްވި ގޮތަށް ، ނާކާމިޔާބުގައި ހިތްވަރު ގަދަކުރައްވާ ފަހަތައް ޖެހިވަޑައިގަތުމަށް ލުތުފީ ގޮވާލެއްވިއެވެ.

ރާއްޖޭގެ ގާނޫނު ހުއްދަކުރާ އިންތަކުގެ ތެރޭގައި ބަޔަކު މުޒާހަރާ ކުރުމަށް ކޮންމެ ނަމެއްގެ ނުކުތް ނަމަވެސް އެބަޔަކު އަމަލުކުރަނީ ގާނޫނާއި ގަވައިދާ އެއްގޮތަށްތޯ ބެލުމަށް މިގައުމުގެ ދިފާއީ ބާރު އޮންނާނެކަމަށް ލުތުފީ ވިދާޅުވިއެވެ.

ޑިމޮކްރަސީއަށް ކުރަމުން މިދާ ދަތުރުގައި ދިމާވެފަވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގާބިލްކަން ރައީސް ނަޝީދުގެ ނެތްކަމަށް ވަރަށް ފާޅުގައި ލުތުފީ ވިދާޅުވިއެވެ.

މި މައްސަލަތައް ހުރިހިނދު ވަކި ކުލަޔަކަށް ބެލުމެއްނެތި އެފަދަ މައްސަލަތަކާއި މަޝްވަރާކުރުމަށް ގައުމީ މަހާ ސިންތާއެއް ބާއްވަން ޖެހިއްޖެކަމަށް ދެކޭކަމަށް ލުތުފީ ވިދާޅުވެއެވެ.

ލުތުފީ ވިދާޅުވީ،  މިހާރު މިއޮތް ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށްޓަކައި ” ރައީސް ނަޝީދު ހިފާ ހައްޔަރުކޮށް ، މި ހިނދުން މިހިނދަށް ، ދިވެހި ރާއްޖޭގެ ގާނޫނުގެ ބެލެނިވެރިޔާ ކަމުގައިވާ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓަށް ހާޒިރުކޮށް ، އަދުލުވެރި އިންސާފުވެރި ޝަރީއަތެއް، އެމަނިކުފާނުގެ މައްޗަށް ހިންގާ، ޑިމޮކްރަސީއަށް މި ކުރާ ދަތުރު ފަރަށް އެރިޔަ ނުދިނުމަށް ވަގުތުން ވަގުތަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކޮށް، އިސްލާމް ދީނާއި، ދިވެހި ދައުލަތާއި، ދިވެހި ގައުމު، ހިމާޔަތް ކުރަން ގާނޫނީގޮތުން ލާޒިމްކުރާ ދިވެހި ރާއްޖޭގެ ދިފާއީ ބާރަށް ހަރުއަޑުން ގޮވާލެއްވުމަށް” ލުތުފީގެ އޯޑިއޯ މެސެޖް ނިންމަވާލަންވަމުން ދިވެހި ރައްޔިތުންނަށް ގޮވާލެއްވިއެވެ.

އިބްރާހީމް ލުތުފީ ދިރިއުޅުއްވަނީ ސްވިޒަލޭންޑްގެ ބަސެލްގައެވެ. އިބްރާހިމް ލުތުފީ ނުވަތަ ސަންދާނު ލުތުފީއަކީ ކުރީގެ ސަރުކާރުގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ސަންދާނު މަޖައްލާ ނެރުނު މައްސަލައިގައި، ސަރުކާރުން ވައްޓާލަން އުޅުނުކަމަށް ބުނެ  އުމުރަށް ޖަލަށްލެވިފައިވި ބޭފުޅެކެވެ. ލުތުފީއަކީ އަލިފުދާލުގެ އެޗްސީއާރުގެ ހިމާޔަތުގައި ހުންނެވި ބޭފުޅެކެވެ. . ލުތުފީ އދ. ގެ ހިމާޔަތުގެ ދަށަށް ވަޑައިގެންނެވީ،  ބަންދުގައި ހުންނަވަނިކޮށް 2003 ވަނަ އަހަރު އޭރުގެ ސަރުކާރުން ބޭސް ފަރުވާއަކަށް ލުތުފީ ލަންކާއަށް ފޮނުއްވާފައިވަނިކޮށް ފިއްލަވައިގެން ސްވިޒަލެންޑަށް ވަޑައިގެންނެވެ.

ސ.ހިތަދޫ ފެންމުލި އިބްރާހިމް ލުތުފީއަށް ސަރުކާރުން މައާފު ދީފައިވަނީ   12 އޭޕްރީލް 2010 ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

ފަހަކަށް އައިސް ރައީސް ނަޝީދާއި ސަރުކާރުގެ އިސް ފަރާތްތަކަށް ފާޅުގައި ފޭސްބުކްގައި ބަހުގެ ޙަމަލާތައް ދެއްވަމުން ގެންދަވާ ލުޠުފީގެ މި އޯޑިއޯ ބަޔާން ފޭސްބުކާއި އެހެނިހެން ސޯޝަލް ނެޓްވޯކްތަކުން ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.

ބައެއް ސިޔާސީ މުޙައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި މި ބަޔާނަކީ، މި ދަނޑިވަޅުގައި ރައީސް ނަޝީދުގެ މޫނުފުޅު މަތީގައި ލުތުފީ ޖެއްސެވި ވަރުގަދަ ތަފާލެއް ކަމުގައެވެ.

 ލުތުފީގެ އޯޑިއޯ މެސެޖް އަޑުއެއްސެވުމަށް

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.