ތަފާތު އެކި އެކި ކަންކަމުގައި ޚިޔާލު ތަފާތުވުންތައް އުފެދި ޤައުމުގެ އަމަންއަމާންކަން ގެއްލެމުންދާ ވާހަކައަކީ ޤައުމާއި މެދު ވިސްނާ ފިކުރު ހިންގާ ކޮންމެ ދިވެހި ރައްޔިތެއްގެ ދުލުން މިއަދު އިވެމުންދާ އެއް އަޑެވެ. ޤައުމުގެ ވެރިންގެ ފަންތިން ގޮސް އެންމެ އާދައިގެ ރައްޔިތުމީހާ އާއި ހަމައަށްވެސް މެއެވެ. އިންސާނީ ޙައްޤު ތަކާއި ޑިމޮކްރަސީ އަކީ ކޮބައިކަން މާނަ ކުރުމުގައި އުފެދިފައިވާ ޚިޔާލް ތަފާތުވުންތަކެވެ. ޚިޔާލް ފާޅު ކުރުމުގެ ޙައްދު ޙުދޫދުގެ ވާހަކައެވެ.
މިހާރަކަށް އައިސް ސަރުކާރުގެ އިސްވެރިންނާއި ވަލިއްޔުލް އަމުރު ހިސާބުގައި އެންމެ ހޫނުކޮށް ސައްލާކުރެވެމުންދަނީ މީގެ އެތަކެއް ސަތޭކަ އަހަރެއްގެ ކުރިން އަޅުގަނޑުމެންގެ މައްޗަށް ބާވައިލެއްވުނު ކީރިތި ޤުރުއާނުގައިވާ އާޔަތްތަކާއި ބަޔާންކޮށްދެއްވާ ފައިވާ ދީނީ ޙުކުމްތަކުގެ ވާހަކައެވެ. މިހުކުމް ސާފު ނޫންކަމަށް ބުނެ އިތުރު ބަހުސްތަކަށް ދާންޖެހޭ ކަމަށް ބުނާ ބުނުމުގެ ވާހަކައެވެ. މިއީ އެންމެ ތުއްތު އިރުން ފައްޓައިގެން މިއަދާއި ހަމަ އަށް މުސްލިމެއްގެ ގޮތުގައި އިސްލާމީ ޢަޤީދާގެ މަތީގައި ބޮޑެތިވެ ތަސައްރަފު ފުދިފައިވާ ބަޔެއްގެ ތެރޭގައި ބަހުސްކުރުމަށް ފުރުސަތު ދީގެންވާނެ ކަމެއް ކަމަށް އަޅުގަނޑު ގެ ޟަމީރު ޤަބޫލު ކުރާ މިންވަރެއްނޫނެވެ. މިއީ ޙައްދުފަހަނަޅާ ދިއުމެވެ.
ޚިޔާލުތަފާތު ވުންތަކާއި ބެހޭގޮތުން އަޅުގަނޑު ޤަބޫލު ކުރާނެ އެއް ޙަޤީޤަތެއް އެބަ އޮތެވެ. ޤައުމުގެ އިޤްތިސާދު ބައްޓަން ކުރުމުގައި ޚިޔާލު ތަފާތުވެދާނެއެވެ. ޑިމޮކްރަސީ މިނެ ކިރުމުގައި ތަފާތު ތަކެއް ހުރެދާނެއެވެ. އިޖްތިމާޢީ ހަމަ ތަކާއި ސިޔާސީ ވައްޓަފާޅި ބިނާ ކުރުމުގައި ޚިޔާލު ތަފާތު ތަކެއް ހުރެދާނެއެވެ. އެހެން ނަމަވެސް މި ރާއްޖޭގައި އެހެންދީން ތަކަށް ފުރުސަތު ހުޅުވާލެވި މިކަމުގައި ޚިޔާލު ތަފާތު އުފެދި ލޭ އޮހޮރުވުން ތަކަކަށް ފުރުސަތު ހުޅުވާލުމަކީ އަޅުގަނޑު ޤަބޫލު ކުރާނެ ކަމެއް ނޫނެވެ. އިސްލާމްދީން ބާވައިލެއްވުމަށް ފަހު އެހެން ހުރިހާ ދީނެއް ބާޠިލުވެ ނަސްޚް ވެފައިކަން ކީރިތި ޤުރުއާނުގައި ސާފްކޮށް ފެންނަން އޮތްހިނދު އިތުރަށް މުސްލިމް މުޖުތަމަޢެއްގައި ގޮވައިލެވެންވީ ކޮން ދީނުގެ މިނިވަންކަމަކަށް ހެއްޔެވެ؟
އަޅުގަނޑުމެން މުސްލިމުންގެ އަބަދުމެ ޢާދާތްވާތްތެރި ދުޝްމިނުންކަމަށްވާ ކާފިރުވި މީހުންގެ ވަސްވާސްތަކަށް ހެއްލި މަގުފުރެދިގެން ކޮންމެވެސް މިނިވަންކަމެއްގެ ނަމުގައި "ރައިޓްސް" ހޯދުމަށް ރީތި ކިޔާލަން ފަސޭހަ ނަން ތަކެއް ހަދައިގެން އެ ޝިޢާރުގައި ރާއްޖޭގެ ރައްޔިތުން މަސައްކަތްކުރުމަކީ އަޅުގަނޑު ތަރުހީބުދޭ ކަމެއް ނޫނެވެ. ދީނީ މިނިވަންކަމުގެ ނަމުގައި ވިޔަސްއެވެ. އެއް ޖިންސުގެ ގުޅުން ހިންގުމުގެ ފާހިޝް ނުބައި ޢަމަލުގެ މިނިވަން ކަމަށް ކަމުގައި ވިޔަސް އެވެ. ބަޔަކު މީހުން ނުވަތަ ނަޞޯރާއިން ޖަހާލަ ފުއްޓައްކަކަށް ގުޑިގެންދާ އަޒުމެއް ކަމުގައި އަޅުގަނޑުމެންގެ ޢަޒުމް ވެގެން ނުވާނެއެވެ. އަޅުގަނޑުމެންނަކީ އިސްލާމް ދީނުގައި ސާބިތުވެ ތިބި ބައެކެވެ. ކާފިރުންގެ ނުބައި ރޭވުން ތަކާއި ފާހިޝް ޚިޔާލު ތަކަށް ފުރަގަސްދޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެއެވެ. މިހެން ނުވެއްޖެނަމަ އެއީ ދިވެހި ރައްޔިތުން ގެއްލުމާއި ހަލާކުގެ ފުންމިން ނޭގޭ ވަޅުގަނޑަކަށް ވެއްޓިގެން ދިއުމެވެ.
އަތުން ގުނާލެވޭހާ މަދު އަދަދެއްގެ ބަޔަކު އެއްކޮށްގެން އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢު ފަސާދަކުރުމަށް އެހެން ދީންތަކުގެ މިނިވަންކަން ހޯދުމުގެ ނަމުގައި މުސްލިމް ނަމެއް ކިޔައިގެން ޤާނޫން އަސާސީގައި ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމަށް ސަރީހަ އިބާރަތުން ސާފުކޮށް ފެންނަން އޮތްހިނދު ބަޔަކު ނިކުމެ ގޮވައިލި ގޮވައިލުމަކީ އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަމެވެ. ސަބަބުވެސް ވަރަށް ސާފެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "وَمَنْ يَبْتَغِ غَيْرَ اْلإِسْلاَمِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِى اْلأَخِرَةِ مِنَ الْخَاسِرِينَ" (آل عمران : ٨٥) މާނައީ: "دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
ދިވެހި ރާއްޖެ މިއަދު ދެކެމުން މި ދަނީ ކޮންކަހަލަ ހިނދު ކޮޅެއްގެ ދަރީންތަކެއްކަން ނިއްމާނީ ކިޔުންތެރިންނެވެ. ކޮންމެ މީހަކީ އަރަބި ބަހުގެ މާނަ ސާފްވާ މީހެއްނޫނެވެ. އެހެންނަމަވެސް އަމިއްލަ ދިވެހި ބަސްނޭގޭ މީހަކު ނުހުންނާނެކަން ޤައިމެވެ. އެހެންކަމަށް ވަނީ ނަމަ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އެއޮތީ ފެންނާށެވެ. އެ ބާއްވަންވީ ގޭތެރޭގައި ޝޯކޭހަކަށް ލާފައެއް ނޫނެވެ. އެ ހޯދާ ބަލައި ފުރިހަމަ މުސްލިމަކަށް ވެވޭނެ މަގު އަމިއްލައަށް ހޯދާށެވެ. އެއީ އިސްލާމިކް މިނިސްޓަރެއް ނުވަތަ ސަރުކާރުން އިސްލާމީ ކަންކަން ބަލަހައްޓަން ހަވާލުކުރެވިފައިވާ މުއައްސަސާ ތަކަކުން ކޮންމެ ރައްޔިތެއްގެ ފަހަތުގައި އެ މުއައްސަސާތަކުގެ ހަށިފާރަވެރިޔަކު ހުރެގެން އިންސާނާ ސީދާ މަގަށް އަޅުވަންޖެހޭނެ ގޮތެއް ކަމަކަށެއް އަޅުގަނޑެއް ޤަބޫލެއް ނުކުރަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...