ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިފައިންނަށް އަސްކަރީ ކައިވެނީގެ ހަފްލާތައް ބާއްވައިދޭ ގޮތަށް އެމްއެންޑީއެފް އިން ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ އަސްކަރީ ކައިވެނީގެ ހަފްލާތަކަކީ ވަރަށް ރަސްމީކޮށް، އިއްޒަތުގައި ކުރެވޭ ކަމެއް ކަމަށާއި ކައިވެނި ކުރާ ސިފައިންގެ މީހާ ހުންނާނީ ސިފައިންގެ ޔުނީފޯމުގައި ކަމަށާއި އޭނާ އަށް އޮނާ ގާޑެއް ވެސް އަރުވާނެ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ.
އަބްދުﷲ އަލީ ވިދާޅުވީ އެންމެ ފުރަތަމަ އަސްކަރީ ކައިވެނީގެ ހަފްލާއެއް ބާއްވައިދެނީ އޮފިސާ ލެވެލްގެ މީހަކަށް ކަމަށެވެ. ނަމަވެސް އެއީ ވަކި ރޭންކެއްގެ ސިފައިންނަށް ހާއްސަ ކަމެއް ނޫން ކަމަށާއި ރިކުއެސްޓް ކުރާ ކޮންމެ މީހަކަށް އެކަން ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ އަސްކަރީ ކައިވެންޏަށް ހިނގާ ހަރަދަކީ ކައިވެނި ކުރާ ފަރާތްތަކުން ދައްކަންޖެހޭ އެއްޗެއް ކަމަށެވެ. އަދި އަސްކަރީ ކައިވެނީގެ ހަފްލާ އޮންނާނީ މިރޭ ކަޅުތުއްކަލާ ކޮށީގަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...