ދިއިސްލާމް 23 ޑިސެމްބަރ....

23 ޑިސެމްބަރ....

23 ޑިސެމްބަރ....

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި އެންމެ ގިނައިން ދެކެވެމުންދާ ވާހަކައަކީ 23 ޑިސެމްބަރގެ ވާހަކައެވެ. ދިވެހި މީޑިއާތަކުގެ ފަލަ ސުރުހީތަކުގައިވެސް މިދުވަހާ ނުގުޅޭ ވާހަކައެއް ނެތް ދުވަހެއް މިދުވަސްވަރަކު ނާދެއެވެ. މިހެން މިކަންވާންޖެހުނީ ސަބަބުތަކެއް ނެތިއެއްނޫނެވެ.

މީގެ ކުރިންވެސް މިފަސްގަނޑުގައި މުޒާހަރާތަކެއް ބޭއްވުނެވެ. އެކިއެކި ކަންކަމާ ގުޅިގެން އެކިއެކި ފަރާތްތަކުންނެވެ. ނަމަވެސް 23 ޑިސެމްބަރ ވާ ހުކުރުދުވަހު ބާއްވާ މުޒާހަރާ އަކީ ދިވެހި ޤާނޫނު އަސާސީގައި ދިވެހި ދަޢުލަތުގެ ދީންކަމުގައި ލިޔެވިފައިވާ އިސްލާމްދީނާ ޚިލާފު އަމަލުތައް މިޤައުމުގައި ފާޅުކަން ބޮޑުގޮތެއްގައި ހިނގަމުންގޮސް އެކަންކަން ކޮޅުނެތް ކޮޅަށް ދިއުމުން ބާއްވާ އެންމެ ގިނަމީހުން ބައިވެރިވާނެ ކަމަށް ބެލެވޭ މުޒާހަރާއެކެވެ. މިމުޒާހަރާގައި ބައިވެރިވާ މީސްތަކުންގެ އަދަދު ގިނަކަމާއި މީ ދީނާ ގުޅުންހުރި މުޒާހަރާއަކަށް ވެގެންދިޔުމަކީ މިމުޒާހަރާއާ އިދިކޮޅު ފަރާތްތަކުން "މޭކަރައި" މުޒާހަރާގެ ޝިއާރުތައް އޮޅުވައިލުމަށް މަސައްކަތްކުރަމުންދާ ސަބަބު ކަމާމެދު ޝައްކެއްނެތެވެ.

މިމުޒާހަރާ ހުއްޓުވުމަށް އެކިއެކި ހުރަސްތައް އެޅުމަށް މިމުޒާހަރާއާ އިދިކޮޅު ފަރާތްތަކުން މަސައްކަތްތައް ކުރަމުންދާއިރު މުޒާހަރާ ރޭވުމުގެ އިސް ސަފުގައި ތިއްބެވި ފަރާތްތަކުން މާތްﷲގެ އިރާދަފުޅާއެކު ދަނީ ކާމިޔާބުތައް ހޯއްދަވަމުންނެވެ. 23 ޑިސެމްބަރގެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއްކަމަށާއި އެއްވެސް ލޭ އޮހޮރުވުމަކަށް ފުރުސަތު ނުދޭނެކަމަށާއި އެމުޒާހަރާ ކުރިއަށްދާނީ ސީދާ ދީނީ އިލްމުވެރިންގެ އިރުޝާދުގައިކަމަށް ހަރުއަޑުން ގޮވަމުން ދަނިކޮށް އެމުޒާހަރާއަށް ހުރަސްއެޅުމަށް ބަޔަކު ނުކުތުމަކީ ކޮންމެ ނަމެއްގައި ނުކުތްކަމުގައިވިޔަސް އިސްލާމްދީނާ ޙިލާފު ކަންތައްތައް ކުރުމަށް މިޤައުމު ދޫކޮށްލުމަށް ހިތްވަރުދޭ ބަޔަކުވެސް މިޤައުމުގައި އުޅެމުންދާކަމުގެ ހެއްކެއްނޫންތޯއެވެ؟

އާދެ! އަޅުކަން ކުރަން ގެންގުޅޭ ފަދަ ބުދު މޮނިއުމެންޓުތައް ދިވެހި ޤައުމުގައި ބެހެއްޓި ފަރާތްތަކާއި، އެ ބުދުތަކުން ޤައުމު ޠާހިރުކުރުމަށް ދީނީ ޢިލްމުވެރިން ގޮވައިލުމުންވެސް އެމޮނިއުމެންޓްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރި ފަރާތްތައް މިއެއްވުމާ ދެކޮޅަށް ނުކުތުމަށް ފަހެއްނުޖެހޭނެއެވެ. އަދި އިންސާނީ ޙައްޤުތަކުގެ ނަމުގައި ދިވެހި ފަސްގަނޑުގައި ދިވެހި ދަޢުލަތުގެ ދީންކަމުގައިވާ އިސްލާމްދީނުގެ ޝަރީއަތްތަކަށް ޤޮންޖަހައި ކާފަރަކު ވާހަކަދެއްކުމަށް ފުރުސަތުދިން ފަރާތްތަކާއި އެއީ މާ ބޮޑު މައްސަލައެއްކަމަށް ނުހެދި ފަރާތްތަކުންވެސް އެކަންކަން ޙިމާޔަތްކުރަން ނުކުމެދާނެއެވެ. އަދި މިފަދަ އިންސާނީ ހައްޤުތަކުގެ ނަމުގައި ނުކުމެ ކާފަރުމީހަކު ދިވެހި ދަޢުލަތުގެ ޤާނޫނުތަކާ ހިލާފަށް ޙިޔާލު ފާޅުކޮށް ބޮޑު ޖަރީމާއެއް ހިންގިއިރު ތަޙްޤީޤެއް ނުކޮށް އިއްޒަތްތެރިކަމުގައި އެނބުރި ވަޑައިގަތުމުގެ ފުރުސަތު ދިންފަރާތްތަކުން 23 ޑިސެމްބެރ މުޒާހަރާގެ ރަސްމީ ވެބްސައިޓް ފަރުމާކުރި ފަރާތްތަކާއި އެމުޒާހަރާ ރާވާ ފަރާތްތައް ހައްޔަރުކުރަން މަސައްކަތް ކުރުމަކީވެސް އެބައިމީހުން ކޮށްފާނެ ކަންކަމެވެ.

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.