ދިއިސްލާމްގެ އެގްޒެކެޓިވް އެޑިޓަރ އަހްސަން ހައްޔަރުކޮށް ފުލުހުން ހިންގި ތަޙްޤީޤާމެދު ސުވާލު އުފެދޭ ކަމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
މިއަދު އެމްޖޭއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަހްސަން ފަރުމާކުރި 23december.com ވެބްސައިޓުގައި ހުރި ލިޔުންތަކާއި އެފަރުމާކުރާ ފަރާތަކުން ޒިންމާ އުފުލަން ލާޒިމު ކަމެއްކަމުގައި ނުދެކޭ ކަމަށެވެ.
"ފުލުހުން ހައްޔަރު ކުރި ޢަލީ އަޙްސަނަކީ، ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ދިއިސްލާމްގެ އެގްޒެކެޓިވް އެޑިޓަރުކަމުން ނޫސްވެރިކަމާއި ގުޅުން ހުރި މައްސަލައެއްގައި އޭނާއާއި ސުވާލު ކުރަންވާނީ، އެކަމަށް ޤާނުނީ ގޮތުން އުފެދިފައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލުން ކަމުގައި ވެސް މިޖަމްއިއްޔާއިން ދެކެމެވެ. އަދި އޭނާ ހައްޔަރުކޮށްގެން ފުލުހުން ތަހުޤީގު ހިންގާ ހިންގުމާމެދު ސުވާލު އުފެދެއެވެ." އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.
އެމްޖޭއޭ އިން ބުނީ ފުލުހުން އަހްސަން ހައްޔަރުކުރި މައްސަލައާއި، 23december.com ގައި ހުރި ލިޔުންތަކާއި ބެހޭ މައްސަލަ އެ ޖަމްއިއްޔާއިން ބަލަމުންދާ ކަމަށެވެ.
އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް ތަފާތު ވެބްސައިޓްތަކާއި ބްލޮގްތައް މީހުންގެ ޒާތީ އަދި މުޖުތަމައުގެ އާދަކާދަތަކާއި ސަގާފަތަށް ނުފެެތޭ ފަދަ ލިޔުންތައް ޝާއިއުކޮށް ހަދަމުންދާކަން ފުލުހުންނަށް އެނގޭއިރު ވެސް، އެ ކަންކަން ނުބަލައި ކުއްލިއަކަށް ވަކި ވެބްސައިޓަކާ ގުޅިގެން ތަހުގީގުކޮށް ނޫސްވެރިން ހައްޔަރުކޮށް ސުވާލުކުރުމަކީ އެ ޖަމްއިއްޔާ އިން ގަބޫލުކުރާ ކެމެއް ނޫން ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.
އަހްސަން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުން ވަނީ މިރޭ 19:40 ހާއިރު ކަނަޑައަޅައި އަމުރުކޮށްފައެވެ. އަދި މި އަމުރާ ގުޅިގެން ފުލުހުން ވަނީ މިރޭ 21:26 ހާއިރު އަހްސަން މިނިވަންކޮށް ދޫކޮށްލާފައެވެ.
އެމްޖޭއޭގެ މި ބަޔާން ނެރެފައި ވަނީ އަހްސަންގެ ބަންދުގެ މުއްދަތު އިތުރުކުރަން އެދި ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިންނެވެ.
އަހްސަން ހައްޔަރުކޮށްފައި ވަނީ ރޭ 21:00 ހާއިރު އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...