ޤައުމުގައި ހިނގާ ތަފާތު ކަންކަމާއިދޭތެރޭ ހިތްހަމަނުޖެހިގެން މަގުމައްޗަށްނިކުމެ ނުރުހުން ފާޅުކުރުމަކީ ޑިމޮކްރަސީ އޮންނަޤައުމުތަކުގައި ވަރަށް ޢާއްމުކަމެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޑިމޮކްރަސީގެ އުޞޫލެކެވެ. ދިވެހިރާއްޖެއަކީވެސް މިއުޞޫލުން ބަރީއަވެގެންވާ ޤައުމެއްނޫނެވެ. ތަފާތުކަންކަމާއި ދޭތެރޭ ހިތްހަމަނުޖެހިގެން މަގުމައްޗަށް ނިކުމެ ޝުޢޫރުފާޅުކުރުމަކީ، ޑިމޮކްރަސީ ގެންނަން މަސައްކަތްކުރި ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށްވެސް ދިވެހިން ކޮށްއުޅޭކަމެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެދިވެހިރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ވަނީ " މިނިވަންކަމާއިއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތަތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެމީހަކަށްމެލިބިގެންވެއެވެ." އަދި ހަމައެހެންމެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ވަނީ "ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާއި ނުލައި ޞުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެމީހަކަށްމެ ލިބިގެންވެއެވެ." މިފަދައިންނެވެ.
ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ދަށުން މިހާތަނަށް ދިވެހިރައްޔިތުން ބޭއްވި އެއްވެސް އެއްވުމެއް ހުއްޓުވަން ސަރުކާރުން މަސައްކަތް ކޮށްފައެއްނުވެއެވެ. ނަމަވެސް އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލަން، ގިނައަދަދެއްގެ މަދަނީ ޖަމްޢިއްޔާތަކާއި ސިޔާސީޕާޓީތައް ގުޅިގެން، 23 ޑިސެމްބަރ 2011 ވާ ހުކުރުދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ބޮޑުމުޒާހަރާ ހުއްޓުވުމަށް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ދަނީ މަސައްކަތްކުރަމުންނެވެ. މިހާތަނަށް ބޭއްވި ހުރިހާއެއްވުމެއްގައިވެސް ފާޅުކުރެވުނު ޝުޢޫރުތަކަކީ ސަރުކާރަށްވެސް އަދި ސަރުކަރުހިންގާ ޕާޓީންވެސް ތަހައްމަލުކޮށްލަން މާދަތި ޝުޢޫރުތަކަށް ނުވިއެވެ. ނަމަވެސް މިފަހަރު މިވީ ވަރަށްތަފާތު ފަހަރަކަށެވެ. މިފަހަރުގެ މުޒާހަރާ ބާއްވާ މަޤްޞަދު ސަރުކާރަކަށްވެސް އަދި އެމްޑީޕީއަކަށްވެސް ކަމަކުނުދިޔައެވެ. މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއިދެކޮޅަށް އަޑު އުފުލަން ނުވަތަ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމުކުރުމަށް އަދި ޒަޔަނިސްޓުންނާއި ދެކޮޅަށް އަޑުއުފުލަން ނިކުންނަން ނިންމުމުން ސަރުކާރުންވެސް އަދި އެމްޑީޕީންވެސް އެކަމާއި އަޅާނުލީ އެއީ އެބައިމީހުނަށް ތަހައްމަލުކުރެވޭ ކަމަކަށްވީތީއެވެ. އިސްލާމްދީން ހިމާޔަތްކުރުމަށް ދިވެހިންގެ ބަޔަކު ގޮވާލުމަކީ މިދެންނެވި ފަރާތްތަކަށް ތަހައްމަލު ކުރެވޭކަމަކަށް ނުވިއެވެ. މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ ހަޖަމު ނުކުރެވުނީއެވެ. ނަތީޖާއެއްގެ ގޮތުން ޑިސެމްބަރު 23 ގެ ބޮޑުމުޒާހަރާއަށް ހުރަސް އެޅުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއްކުރުމަށް ސަރުކާރާއި ސަރުކާރުހިންގާ ޕާޓީ އޮތީ އަރުވައިޖަހައިގެންނެވެ.
23 ޑިސެމްބަރުގެ ބޮޑުމުޒާހަރާ ހުއްޓުވުމަށްޓަކައި ނުވަތަ އެމުޒާހަރާއަށް ނިކުންނަމީހުނާއި ކުރިމަތިލުމަށްޓަކައި ހަމަ އެދުވަހު މުޒާހަރާއެއް ބާއްވަން ވެރިކަންކުރާ އެމްޑީޕީގެ ޤައުމީމަޖިލިހުންވަނީ ފާސްކޮށްފައެވެ. މިހާހިސާބުން އުފެދޭ ސުއާލަކީ ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެއްގެ ދަށުން މުޒާހަރާކުރާ ބަޔަކަށް ހުރަސްއެޅުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެންވޭބާވައެވެ. ނުވަތަ އެފަދަ ޢަމަލެއްހުއްޓުވުމަށް ސަލާމަތީބާރުތަކުން އެއްވެސް ފިޔަވަޅެއް އަޅާނެބާއެވެ. ޤާނޫނުއަސާސީގެ އަށާރަވަނަ މާއްދާގައިވަނީ " މިޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، މި ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް،ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ." މިފަދައިންނެވެ. ހަމައެހެންމެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނަނީ " މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މިބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި،އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށްބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ."
ޤާނޫނު ނަންބަރު: 2008/5 ( ފުލުހުންގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) ގައި ފުލުހުންގެ މަޤްޞަދު ތަކުގެ ތެރޭގައި، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތައި، އެ ޙައްޤުތައް ހިމާޔަތްކުރުން ހިމެނެއެވެ. ހަމަ އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (1) ގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވުން. ކޮންމެފުލުހެއްގެ މައްޗަށް ވާޖިބުކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ. ވީއިރު މަދަނީ އިއްތިހާދާއި ސިޔާސީޕާޓީތަކުން، އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި 23 ޑިސެމްބަރ 2011 ގައި ބާއްވަން ތައްޔާރުވަނުންދާ މުޒާހަރާ ހިމާޔަތް ކޮށްދިނުމަކީ ދިވެހިސަރުކާރުގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެކެވެ. އަދި ޤާނޫނުއަސާސީން ދިވެހިކޮންމެރައްޔިތަކަށް ލިބިދީފައިވާ ހަޤަކާއިދެކޮޅަށް ތެދުވާނެކަމަށް ފާޅުގައި ބުނާފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަކީ ކޮންފަރާތެއްގެ މަސްއޫލިއްޔަތެއްބާވައޭ ހިތަށްއަރައެވެ.
އެބޭފުޅުންނަށް ހީވާކަހަލަ ހުރިހާ އާރާއި ބާރެއް އޮތީ އެބައިމީހުންގެ އަތުގައޭ! ކާފަރުން ކިތައްމެއް ރުހުނަސް އަދި ނުރުހުނަސް މާތް ﷲ އެކަލާނގެ ދީން ފުރިހަމަ ކުރައްވާނެތެވެ. މީ ހުރިހާ އާރަކާއި ބާރެއް މިލްކުވެ ވޮދިގެންވާ ގަދަފަދަ ކީރިތިވަންތަ މާތްﷲ ގެ ވަޢުދުފުޅެކެވެ. ހަމަކަށަވަރުން ވެސް އެކަލާނގެ ވަޢުދުފުޅު އެކަލާނގެ ފުރިހަމަ ކުރައްވާނެތެވެ.
އިސްލާމް ދީނުގެ ދިފާއިގައި މުޒާހަރާއަށް ނުކުންނަ ބަޔަކާ ދެކޮޅަށް ނުކުންނަ ކޮންމެބަޔަކާވެސް، ސާބިތު ކަމާއެކުގައި މާތް ﷲ ގެ ވާގިފުޅާއެކު ފުރިހަމަ ރަށްދެއް ދޭން އަޅުގަނޑުމެން މިތިބީ ތަތްޔާރަށެވެ. ﷲ އަކްބަރު