
ޑިސެމްބަރ 16 ވާ ހުކުރު ދުވަހުގެ ރޭ ސަލަފުން ބާއްވަން ހަމަޖެހިފައިވާ ޝައިޚް އަޙްމަދު ސަމީރުގެ "ޙައްޤާއި ބާޠިލް" ދަރުސްގެ ޕޯސްޓަރެއް
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމްކޮށްގެން މިމަހު 16 ވާ ހުކުރު ދުވަހުގެ ރޭ 20:45 ގައި މާލޭ އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝައިޚް އަޙްމަދު ސަމީރުގެ "ޙައްޤާއި ބާޠިލް" ދަރުސް އެމްއެންބީސީ ވަން އިން ލައިވް ކުރެވޭތޯ ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވެއްޖެ ކަމުގައި އެ ޖަމްޢިއްޔާ އިން ބުނެފި އެވެ.
ސަލަފްގެ ރަސްމީ ވެބްސައިޓުގައި މިއަދު ބުނެފައިވާ ގޮތުގައި އެމްއެންބީސީ ވަން ދަރުސް ލައިވް ކުރުމަށްޓަކައި އެ ސްޓޭޝަންގެ ލައިވް ކުރުމާއި ބެހޭ ވެރިއަކަށް ގުޅުމުން އެންމެ ފުރަތަމަ ވިދާޅުވީ ހުކުރު ދުވަހުގެރޭ ހުސްކޮށް އޮތްތޯ ބަލާފަ ގުޅާލާނެ ކަމަށެވެ. އެގޮތުން ހައެއްކަ ގަޑިއިރު ފަހުން ސަލަފުން އެކަމާ އުޅުން ކުއްޖާގެ ފޯނަށް މިދިޔަ ހޯމަދުވަހުގެ ރޭ އެބޭފުޅާ އެސްއެމްއެސް އަކުން އެގަޑި ހަމަޖެހިފައިވާ ކަން އެންގި ކަމަށް ސަލަފުން ބުންޏެވެ.
އެސްއެމްއެސްގައި ލިޔެފައި ވަނީ :
we allocate the time on 16th as requested
(ތިފަރާތުން އެދިފައިވާގޮތަށް ޑިސެމްބަރު 16 ގައި ގަޑި ހަމަޖައްސައިދީފީމެވެ.) މިހެންނެވެ.
ސަލަފުން ބުނީ މިގޮތަށް ޖަވާބު ދިނުމުން އޭނާ އަށް ގުޅައި އަންގާރަ ދުވަހުގެ ހެނދުނު އެސްޓޭޝަނަށް ފައިސާ ދެއްކުމަށް ހަމަޖެހުނު ކަމަށެވެ. އަދި އަންގާރަ ދުވަހު ގުޅުމުން އަދިވެސް އިތުރަށް އެދުވަސް ހުސްތޯ ބަލާލަން ބޭނުން ކަމަށާއި ކޮންމެވެސް ކަމެއް އޮތްހެން އެބޭފުޅާއަށް ހީވާކަމަށް ވިދާޅުވި ކަމަށް ސަލަފުން ބުންޏެވެ.
ސަލަފުން ބުނީ އަންގާރަ ދުވަހު އެބޭފުޅާއަށް ދެތިން ހަތަރު ފަހަރު ގުޅުމުން، ހުކުރު ދުވަހުގެ އެ ގަޑި ރައީސް އޮފީހުން ނަގާފައިވާ ކަމަށް އެމްއެންބީސީ ވަންގެ އޮފިޝަލް އަންގާރަ ދުވަހުގެ ރޭ ވިދާޅުވި ކަމަށެވެ. އަދި އެ ޖަމްޢިއްޔާ އިން ދަރުސް އޮންނަ ރޭގެ ފަހުގެ ވަގުތެއް ހޯދުމަށް ވެސް އެދުނު ކަމަށާއި، އެކަންވެސް ކާމިޔާބެއް ނުވުމުން، ޖެހިގެން އަންނަރޭ ދަރުސްގެ ރެކޯޑިން އެއް ފޮނުވުމަށް ގަޑި ގަތުމަށް އެދުމުން އެކަންވެސް ކާމިޔާބެއް ނުވި ކަމުގައި ސަލަފުން ބުންޏެވެ.
ސަލަފުން ބުނީ އެ ޖަމްޢިއްޔާ އަށް ހެޔޮއެދޭ އެތައް ފަރާތްތަކެއްގެ އެދުމުގެ މަތިން އެމްއެންބީސީ ވަން އިން ދަރުސް ދެއްކުމަށްޓަކައި އެންމެ އަވަހަށް ދެއްކެން އޮތް ވަގުތަކަށް އެދުނު ކަމަށެވެ. އަދި އެކަމަށް އެ ސްޓޭޝަންގެ އޮފިޝަލް ދެއްވި ޖަވާބަކީ އެންމެ އަވަހަށް ވަޤުތު ދެވެން އޮތީ ޑިސެމްބަރު 25 ގެ ފަހުން ކަމުގައި ސަލަފުން ބުންޏެވެ.
މިކަމާ ގުޅިގެން އެމްއެންބީސީ ވަންގެ ސީއީއޯ މުޙައްމަދު އާސިފަށް "ދިއިސްލާމް" އިން މިރޭ ގުޅުމުން ވިދާޅުވީ އެބޭފުޅާ އަށް އެކަން ހިނގާފައިވާ ގޮތެއް އެނގިނުލައްވާ ކަމަށާއި، ގަޑި ދޫކުރުމާ ބެހޭ ގޮތުން އެނގޭނީ އެތަނުގެ މާކެޓިންގ ޑިޕާޓްމަންޓަށް ކަމަށެވެ. އަދި މާކެޓިންގ ޑިޕާޓްމަންޓްގެ ހެޑަށް ގުޅުއްވުމަށް އާސިފް ވިދާޅުވިއެވެ.
މާކެޓިން ޑިޕާޓްމަންޓްގެ ހެޑް ޝަޢީދަށް މިރޭ ގުޅާލުމުން ވިދާޅުވީ އެބޭފުޅާ ހުންނެވީ ގޭގައި ކަމަށާއި، މާދަމާ ރަސްމީ ގަޑީގައި ގުޅުމުން އެކަން ހިނގާފައިވާ ގޮތް ކިޔައިދެއްވާނެ ކަމަށެވެ.
ސަލަފުން ބުނީ އެމްއެންބީސީ ވަން އިން މި ދަރުސް ލައިވް ކުރެވޭ ގޮތް ނުވުމުން، ދިޓީވީ އިން މިހާރު ދަރުސް ލައިވް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރޭޑިއޯ އެޓޯލް އިން ވެސް މި ދަރުސް ލައިވް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ސަލަފުން ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...