ރަޝިޔާގެ އާންމު އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށްބުނެ އެޤައުމުގައި ކުރިއަށްދާ މުޒާހަރާ ހޫނުވެ، ސިފައިންނާއި ފުލުހުން މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އިންތިޚާބުގެ ތެރޭގައި މިފަދަ އޮޅުވާލުންތަކެއް ހުރިތޯ ބަލައި ތަހުޤީޤު ކުރުމަށް ކަމާބެހޭ އޮފިޝަލުންނަށް ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް އަމުރު ކުރައްވައިފިއެވެ.
މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައިވާ ގޮތުގައި މަކަރު ހަދާފައިވާ ވޯޓު ޖެހޭނީ އަލުން ބޭއްވުމަށެވެ. އިންތިޚާބުގައި ބޮޑުވަޒީރު ލަޑީމިއަރ ޕޫޓިން އާއި ރައީސް މެޑްވެޑޭވްގެ ޕާޓީއަށް ނިޞްބަތުން ގިނަ ޢަދަދެއްގެ ގޮނޑި ގެއްލި ޕާޓީގެ މަޤްބޫލުކަން ދަށްވެފައިވާކަމަށް ދައްކާފައިވެއެވެ. އަދި އިދިކޮޅު ކޮމިއުނިސްޓުންވަނި މިފަހަރު ގިނަ ގޮނޑިތަކެއް އިންތިޚާބުގައި ކާމިޔާބުކޮށްފައެވެ.
އިންތިޚާބުގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ތަހުޤީޤު ކުރައްވާނެކަން އިއުލާން ކުރެއްވި ނަމަވެސް، އިންތިޚާބުގެ ނަތީޖާ ބަލައިނުގަތުމަށް ގޮވާލާފައިވާ ގޮވާލުންތަކަށް ރައީސް މެޑްވެޑޭވް ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވާކް ފޭސްބުކްގައި މެޑްވެޑޭވް އޭނާއަށް ތާއީދު ކުރާ ފަރާތްތަކަށް އަމާޒުކޮށް ވިދާޅުވި ގޮތުގައި އެއްވެސް ކަމެއްގައި މަކަރު ހަދާފައިވާނަމަ ނުވަތަ އޮޅުވާލާފައިވާނަމަ، އެކަން ސާފު ގޮތެއްގައި ބެލެންޖެހޭނެ ކަމަށާއި އެކަމަށް މަރުހަބާ ކިޔާކަމަށެވެ.
އިދިކޮޅު ފަރާތްތަކުންވަނީ ރަޝިޔާގެ އިލެކްޝަންސް ކޮމިޝަނަރު މަޤާމުން ދުރުކުރުމަށްވެސް ގޮވާލާފައެވެ. މިކަމަށްވެސް ވަކި ޖަވާބެއް މެޑްވެޑޭވް ދެއްވާފައެއް ނުވެއެވެ. އަނެއްކޮޅުން ބޮޑުވަޒީރު ޕޫޓިންވަނީ މިމައްސަލައިގައި ވަރަށްބޮޑަށް އެމެރިކާއަށް ފާޑު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މުޒާހަރާއަށް ހިތްވަރުދީ އެކަމަށް އެންމެބޮޑަށް ތާއީދުކުރަމުންދަނީ އެމެރިކާއިން ކަމަށާއި އެކަމަށް ފައިސާވެސް ޚަރަދު ކުރަމުންދާ ކަމަށެވެ. އަދި މިއީ ރަޝިޔާގައި ހަމަނުޖެހުން އުފެއްދުމަށް އެމެރިކާއިން ރާވައިގެން ކުރިއަށްގެންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...