ދިއިސްލާމް ޕާކިސްތާނު ސަރުކާރުން ޠާލިބާނުންނާއި ވާހަކަ ދައްކަމުންނުދާ ކަމަށް ބުނެފި

ޕާކިސްތާނު ސަރުކާރުން ޠާލިބާނުންނާއި ވާހަކަ ދައްކަމުންނުދާ ކަމަށް ބުނެފި

ޕާކިސްތާނު ސަރުކާރުން ޠާލިބާނުންނާއި ވާހަކަ ދައްކަމުންނުދާ ކަމަށް ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ ޠާލިބާނުންގެ ވެރިޔާ އާއި ހަވާލާދީ މީގެ ދެދުވަސްކުރިން މީޑިޔާއަށް އާންމުވެފައިވާ ޚަބަރެއްގައި ޕާކިސްތާނު ސަރުކާރާއެކު ޠާލިބާނުން ވާހަކަތައް ކުރިއަށްގެންދާކަމަށް ހާމަކޮށްފައިވީ ނަމަވެސް، އެފަދަ އެއްވެސް ވާހަކަތަކެއް ކުރިއަށް ނުދާކަމުގައި ބޮޑުވަޒީރު ޔޫސުފް ރަޒާ ޣިލާނީ އާއި ދާޚިލީ ވަޒީރު ރަހްމާން މާލިކް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނު ސަރުކާރުން ޠާލިބާނުންނާއި ވާހަކަ ދައްކަމުންދާކަމަށް ފެތުރިގެންދިޔަ ޚަބަރާއި ގުޅިގެން އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރާއި ދާޚިލީ ވަޒީރު ހާމަކުރައްވާފައިވާ ގޮތުގައި އެފަދަ މަޝްވަރާތަކަކަށް މިވަގުތު ދާންޖެހޭ މުހިއްމު ބޭނުމެއް ނެތް ކަމަށެވެ.

މީގެކުރިން އަފްޣާނިސްތާނުގެ ޠާލިބާނުންނާއެކު އެމެރިކާގެ އިސްނެގުމަކަށް އަފްޣާނިސްތާނުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ނާކާމިޔާބު ވެގެން ނިމިފައިވެއެވެ.

ޕާކިސްތާނުގެ ސަރަހައްދުގައި އެމެރިކާ އާއި ނޭޓޯ ސިފައިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުންނާއި ސިފައިން މަރުވަމުންދާ މައްސަލައިގައި ދެޤައުމުގެ ގުޅުމަށް ވަރަށްބޮޑަށް ހީނަރުކަން އައިސްފައިވެއެވެ. ނޭޓޯއިންވަނީ އެންމެފަހުން ސިފައިން މަރުވި މައްސަލައިގައި އިހުމާލު ވެވިފައިވާކަމަށް އެއްބަސްވެފައެވެ.

ޕާކިސްތާނަށް އެމެރިކާއިން ދެމުން އައި އެހީތައް މެދުކަނޑާލާފައިވާއިރު، ޓެރަރިޒަމާއި ދެކޮޅަށް ކުރިއަށްގެންދެވޭ މަސައްކަތްތަކުގައި ޕާކިސްތާނުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޭނުންކަން އެމެރިކާއިން އަބަދުވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.

އަދި ޕާކިސްތާނުންވެސް ކުރިން ހާމަކުރަމުންދާ ގޮތުގައި އެޤައުމުން އަންނަނީ މިކަމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެމެރިކާއަށް ދެމުންނެވެ. ޕާކިސްތާނުން ހާމަކުރާ ގޮތުގައި ނޭޓޯ ސިފައިން މުދަލާއި ކާނާ އުފުލުމަށް ހުއްދަ ދެވިފައިވާ މަގު މިހާރު ބަންދުކޮށްފައިވާއިރު، އަދިވެސް އެމަގު ހުޅުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އެޤައުމުން އަފްޣާނިސްތާނަށް އެތެރެވަމުންދާ ޠާލިބާނުން ހުއްޓުވުމަށް ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތްކަމުގައިވެސް ޕާކިސްތާނުގެ އޮފިޝަލުންވަނީ ހާމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.