ދެކުނު އޭޝިއާ ސަރަޙައްދަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ "ރިލީޖަސް ފަންޑަމެންޓަލިޒަމް" ގެ ބިރު ކަމުގައި ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ސައްބީސް ވަނަ ސާކު ޗާޓަރ ދުވަސް ފާހަގަކުރުމަށް ފޮރިން މިނިސްޓްރީގައި އިއްޔެ މެންދުރުފަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ނަސީމް ވިދާޅުވީ ސާކްގެ މިދައުރު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ސާކް ޗާޓަރު ލަނޑުދަނޑިތަކާއި ތަސައްވުރު ހާސިލްކުރުމުގައި އަދި ދެކުނު އޭޝިއާ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ސާކްގެ މި ލަނޑުދަޑިތައް ހާސިލްކުރުމަށްޓަކައި މެމްބަރު ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރަންޖެހޭ ކަމުގައި ނަސީމް ފާހަގަކުރެއްވިއެވެ. ނަސީމް ވިދާޅުވީ އެހެން ނަމަވެސް މިސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ "ރިލީޖަސް ފަންޑަމެންޓަލިޒަމް" ގެ ބިރު ކަމަށެވެ.
"އެހެންނަމަވެސް، މިއަދު މިސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ "ރިލީޖަސް ފަންޑަމެންޓަލިޒަމް" ގެ ބިރު. މި ނުރައްކާތެރި ގޮންޖެހުންތަކަށް ކުރިމަތިލުމަށް ހުރިހާ މެމްބަރު ޤައުމުތަކުން އަތުކުރި އޮޅާލައިގެން، އެކުގައި މަސައްކަތްކުރުމީ ވަރަށް މުހިއްމުކަމެއް،" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ނަސީމް ވިދާޅުވީ ސަތާރަވަނަ ސާކް ސަމިޓު އައްޑޫ ސިޓީގައި ބޭއްވުމަށް ރާއްޖެއިން ނިންމާފައި ވަނީ ވެސް އެސަބަބަށްޓަކައި ކަމަށެވެ. އަދި މިސަމިޓަކީ "ސާކް" ރައްޔިތުންނާ ކައިރިއަށް ގެނެސް، މި ސަރަހައްދުގެ ތަފާތު ޘަޤާފަތްތަކަށް އެމީހުން ހުޅުވާލުމުގެ "ނިޝާން ދައްކުވައިދޭ ހަރަކާތެއް" ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ މި ސަރަހައްދުގެ ތަފާތު ޖަމާޢަތްތަކުގެ މެދުގައިވާ "އިންޓޮލަރެންސް" (ހަޖަމުނުވުން) ގެ ހުރަސް ނައްތާލެވޭނެ ހަމައެކަނި ގޮތަކީ ކައިރިން ޘަޤާފަތްތައް ބަދަލުކޮށްގެންނާއި ރައްޔިތުން އެއްބަޔަކަށް ފެނިދެނިވެ ގުޅުން ބަދަހިވެގެން ކަމަށެވެ.
ރިލީޖަސް ފަންޑަމެންޓަލިޒަމް އަކީ ދީނުގެ އުޞޫލުތަކުގައި ވަރުގަދަ އަށް ހިފަހައްޓައިގެން ތިބޭ ތިބުމެވެ. "ރިލީޖަސް ފަންޑަމެންޓަލިޒަލް" މިބަސް ފުރަތަމަ ނިސްބަތް ކުރަން ފަށާފައި ވަނީ 20 ވަނަ ޤަރުނުގެ ކުރީކޮޅުގައި އެމެރިކާގައި ތިބި ކްރިސްޓިއަނުންގެ ބަޔަކާ ދިމާއަށެވެ. އެހެން ނަމަވެސް، ހުޅަނގުގެ މީހުން މިހާރު މިބަސް އާންމު ގޮތެއްގައި ބޭނުން ކުރަމުންދަނީ އިސްލާމްދީނުގެ އަޞްލުތަކުގައި ވަރުގަދަ އަށް ހިފަހައްޓައިގެން ތިބޭ މީހުންނަށެވެ. އަދި މިފަދަ މުސްލިމުންނާ ދިމާއަށް ފަންޑަމެންޓަލިސްޓުން ނުވަތަ ވައްހާބީން ފަދަ ނަންތައް ހުޅަނގުގެ މީހުން އާންމުކޮށް ބޭނުންކުރެއެވެ.
އިއްޔެގެ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
ސަތާރަ ވަނަ ސާކް ސަމިޓާ ގުޅިގެން ޘަޤާފަތް ދައްކާލުމުގެ ނަމުގައި އިސްލާމްދީނާ ޚިލާފު ނެށުންތަކާއި ނާޗަރަންގީގެ ހަރަކާތްތައް އައްޑޫ ސިޓީގައި ބާއްވާފައި ވެއެވެ. އަދި ކާފަރުން އަޅުކަންކުރާ ބުދުތަކެއް ސާކްގެ ޤައުމުތައް ރަމްޒުކުރާ މޮނިއުމަންޓްތަކުގެ ނަމުގައި ބަހައްޓާފައި ވެއެވެ. އިސްލާމްދީނާ ކަނޑައެޅިގެން ފުށޫއަރާ މި ނަޖިސް ތަކެތި ބަހައްޓާފައިވަނީ ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...