ދިއިސްލާމް ސާކް ސަމިޓަށް ކޮންޓްރެކްޓް އުސޫލުން ކުރުވި މަސައްކަތްތަކުގެ ފައިސާ ނުލިބޭ މައްސަލަ ހޫނުވެއްޖެ

ސާކް ސަމިޓަށް ކޮންޓްރެކްޓް އުސޫލުން ކުރުވި މަސައްކަތްތަކުގެ ފައިސާ ނުލިބޭ މައްސަލަ ހޫނުވެއްޖެ

ސާކް ސަމިޓަށް ކޮންޓްރެކްޓް އުސޫލުން ކުރުވި މަސައްކަތްތަކުގެ ފައިސާ ނުލިބޭ މައްސަލަ ހޫނުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ސާކް ސަމިޓްގެ ރަސްމީ ފަރިއްކޮޅު ބޭއްވުމަށް ހުޅުމީދޫގައި ހެދި ޢިމާރާތް ނިމުމުގެ ކުރިން - ފޮޓޯ : އިބްރާހީމް ޒުހުރީ

މިދިޔަ މަހު 10 ން 11 ށް އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް އެކި ފަރާތްތަކާ ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްގެން ކުރުވި ބައެއް މަސައްކަތްތަކުގެ ފައިސާ ނުލިބޭ މައްސަލަ ހޫނުވެއްޖެ އެވެ.

ހުޅުމީދޫގައި ސާކް ސަމިޓާ ގުޅިގެން މަސައްކަތްކުރި ބައެއް ފަރާތްތަކަށް ފައިސާ ނުލިބިގެން މިއަދު ވަނީ އެއަވަށުގައި ހުންނަ ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓްގެ ޖެނެރަލް ސަރވިސް ސެކްޝަން އޮފީސް ކައިރީގައި މުޒާހަރާ ވެސް ކޮށްފައެވެ. އަދި އެ އޮފީހަށް ވަދެ  އޮފީސް ބަންދުވިޔަނުދީ އޮފީސްތެރޭގައި ވެސް މައްސަލަ ޖައްސާ އެ ފައިސާ ލިބޭނެގޮތެއް ހަދައިދިނުމަށް އެދިފައި ވެއެވެ. އެމީހުން އެދުނީ ލިޔުމަކުން ފައިސާ ލިބޭނެ ދުވަހެއް އެންގުމަށެވެ.

 އަދި ފައިސާ ނުލިބި ލަސްވަމުން ދާތީ، ކޮންމެ ދުވަހަކު ވެސް ކަމާބެހޭ ފަރާތްތަކާ ގުޅަމުންދާ ކަމަށާއި، ނަމަވެސް އެކަށީގެންވާ ޖަވާބެއް މިހާތަނަށް ނުލިބޭ ކަމަށް ވެސް އެފަރާތްތަކުން ބުންޏެވެ.

ސާކް ސަމިޓުގެ ރަސްމީ ފަރިއްކޮޅު ބޭއްވުމަށް ހުޅުމީދޫގައި ހެދި އިމާރާތުގެ ސަބް ކޮންޓްރެކްޓަރ އަދި އެއަވަށު ބަނދަރާއި އެއަވަށުގައި ހެދި މޮނިއުމަންޓުގެ މަސައްކަތްކުރި ޝަޒުމް އިންވެސްޓްމަންޓުން ބުނީ އެ ކުންފުނިން ކުރި މަސައްކަތްތަކަށް ލިބެންޖެހޭ  1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭ ކަމަށެވެ.

ޝަޒުމް އިންވެސްޓްމަންޓުގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ޝާތިރު މިއަދު މީޑިއާ އަށް ވިދާޅުވީ މަސައްކަތްތައް ހަވާލުކުރި އިރު، އެ މަސައްކަތްތައް ނިންމައި ބިލް ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށް ކައުންސިލުން ބުނި ނަމަވެސް، އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.

ޝާތިރު ވިދާޅުވީ ކައުންސިލް އިދާރާ އަށް ދިއުމުން، ނޮވެމްބަރު ނިމުނީމާ ލާރި ލިބޭނެ ކަމަށް ބުނި ކަމަށާއި، ނަމަވެސް އޭގެ ފަހުން ޑިސެމްބަރު މަސް ފެށިގެން މިހާތަނަށް އައި އިރު ކޮންމެ ދުވަހަކު އެކަމާ އުޅެން އެބަޖެހޭ ކަމަށެވެ.

"މޭޔަރަށް މިދިޔަ ބުރާސްފަތި ދުވަހު ގުޅުމުން ވިދާޅުވީ އާދީއްތަ ދުވަހު ހަމަޖައްސައިދޭނެ ކަމަށް. އެކަމަކު އެ ދުވަހު ހަބަރެއް ނުވެގެން މި ހަފުތާގެ ހުރިހާ ދުވަހެއް މި ދަނީ މޭޔަރާއި ޑިޕިއުޓީ މޭޔަރާ ގުޅުމުގައި. އެކަމަކު ފޯނަކަށް ޖަވާބެއް ނުދެއްވާ އެ ބޭފުޅުން. މިއަދު ވެސް އަޅުގަނޑު އެ ދެ ބޭފުޅުންނަށް ވަކިވަން ވިއްސަކަށް ފަހަރު ގުޅައިފިން" ޝާތިރު ވިދާޅުވި އެވެ.

ޝަޒުމް އިންވެސްޓްމަންޓްގެ އިތުރުން ސާކް ސަމިޓަށް ބައެއް މަސައްކަތްތައް ކުރި ސަދަން ޓްރޭޑާސް އާއި ތްރީ އެމް ކާޕެންޓްރީ އަދި މަލްޓިކޯ ޕްރައިވެޓް ލިމިޓެޑް އަށް ވެސް ފައިސާ ލިބިފައި ނުވެއެވެ.

ޝާތިރު ވިދާޅުވި ގޮތުގައި ޝަޒުމް އިންވެސްޓްމަންޓަށް ލިބެންޖެހޭ 1.5 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ނުލިބިވާ އިރު، ސަދަން ޓްރޭޑާސް އަށް ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ އަދި މަލްޓިކޯ ޕްރައިވެޓް ލިމިޓެޑަށް ލައްކައަށްވުރެ ގިނަ ރުފިޔާ މިއަދާ ހަމައަށް ނުލިބެއެވެ.

ޓެގް

ހުޅުމީދޫ ސާކް ސަމިޓް އައްޑޫ ސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.