ކުއްލިއްޔަތުއް ދިރާސަތިލް އިސްލާމިއްޔާ އިން 2012 ގެ ފުރަތަމަ ސެމިސްޓަރުގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ.
ކުއްލިއްޔާ އިން މަޢުލޫމާތުދޭ ގޮތުގައި މި ސެމިސްޓަރުގައި ހިންގުމަށް ހަމަޖެހިފައި ވަނީ ޢަރަބި ބޭސިކް ސެޓްފިކެޓް ކޯހާއި، ޢަރަބި އެޑްވާންސް ސެޓްފިކެޓް ކޯހާއި، ފައުންޑޭޝަން ކޯހާއި، ޝަރީޢާ އެންޑް ލޯ ޑިގްރީ ކޯހެވެ. އަދި ޤުރުއާން މުދައްރިސް ޑިޕްލޮމާ ކޯހާއި، ދިރާސަތު އިސްލާމިއްޔާ ޑިގްރީ ކޯހާއި، އިސްލާމް މުދައްރިސް ކަމުގެ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ކޯސް ހިންގުމަށް ހަމަޖައްސާފައި ވެއެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ މަޝްރޫޢުގެ ކްލާސްތައް ވެސް ހިންގާނެ ކަމަށް ކުއްލިއްޔާ އިން ބުނެއެވެ.
ކުއްލިއްޔާ އިން ހާމަކުރާ ގޮތުގައި މި ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 25 ޑިސެމްބަރ 2011 ވާ އާދީއްތަ ދުވަހުގެ 15:00 އެވެ. މިކޯސްތަކާ ގުޅޭ މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމް ކުއްލިއްޔާގެ އިދާރާ އިން ލިބެން ހުންނާނެ ކަމަށް އެ މުއައްސަސާ އިން ބުނެއެވެ.
ކުއްލިއްޔާ ކުރިން ހިންގާފައި ވަނީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ނަމުގައެވެ. ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ޢަރަބިބަސް ކިޔަވައި ދިނުމަށާއި ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ ޘަޤާފަތް ފެތުރުމުގެ މަޤްޞަދުގައި، މަޢުހަދު ހުޅުއްވާފައި ވަނީ 1 މުޙައްރަމް 1401 (9 ނޮވެމްބަރު 1980) ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެވެ.
މަޢުހަދު ތަރައްޤީވެ، އެތަނުގެ ނަން ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ނުވަތަ އިނގިރޭސިބަހުން "ކޮލެޖް އިފް އިސްލާމިކް ސްޓަޑީޒް" ގެ ނަމަށް އޭރުގެ ރައީސް ބަދަލުކުރައްވާފައި ވަނީ 1 މުޙައްރަމް 1425 (21 ފެބްރުއަރީ 2004) ގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...