ތިމާގެ މަންމަ، ބައްޕަ، ބޭބެ ނުވަތަ ދައްތަ އާއި އެކު ޖިންސީ ބަދު އަޚުލާޤީ ޢަމަލު ހިންގައި ޒިނޭ ކުރުން ނުވަތަ "އިންސެސްޓް" މިއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އިންގްލެންޑް، ޗައިނާ، ޕޮލެންޑް، ސްވިޒްލޭންޑް އަދި އިންޑިއާ ފަދަ ބައެއް ޤައުމުތަކުގައި މިއީ ޤާނޫނީ ކުށެކެވެ. އިންސެސްޓްގެ ކުށަށް އިންގްލޭންޑުގައި 14 އަހަރުގެ ޖަލު ހުކުމެއް އަޔަސް ނެދަރލޭންޑްސް އާއި ބެލްޖިއަމް ފަދަ ބައެއް ޤައުމުތަކުގައި އެއީ މަނާ ކަމެއް ނޫނެވެ. ޕޯޗުގަލް އާއި އެހެނިހެން ބައެއް ޤައުމުތަކުގައި މިކަން ސީދާ ސީދާކޮށް ޤާނޫނީ ގޮތުން މަނާކަމެއް ކަމުގައި ބަޔާންކޮށްފައެއްނެތެވެ.
ބައެއް ޤައުމުތަކުގައި ސީދާ ތިމާއާއި ލޭގެ ގޮތުން ގުޅުންހުރި މީހުންނާއި (މަންމަ، ބައްޕަ، އެއްބަނޑުއެއްބަފާ ދައްތަފަދަ މީހުން...) މިފަދަ ޢަމަލެއް ހިންގުމަކީ ކުށެކެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ކައިވެނީގެ ޤާނޫނުތަކަށް ބަލާލިކަމުގައިވިޔަސް އެއް ޢާއިލާތެރޭގައި، އެއް ލެއެއްގެ ތެރޭގައި ކައިވެނި ކުރުމާ މެދުވެސް ތަފާތު އުޞޫލުތަކެއް ކަނޑައެޅިފައިވެއެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޤާނޫނު ތަކުގައި މިކަމާބެހޭގޮތުން އެއްވެސް އެއްޗެއް ލިޔެވިފައެއް ނެތެވެ. މިކަމަކީ ބަޔަކު ކޮށްފާނޭ ކަމެއްކަން އެބޭފުޅުންގެ ޚިޔާލުގައިވެސް ނެތީކަމަށްވެސް ފަހަރުގައި ވެދާނެއެވެ.
މަތިން ބާއްވާލެއްވުނު އިލާހީ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އުޞޫލުތަކަށް އިންސާނާ ބޭނުންވަނީ މިފަދަ ގުނާ ޢަދަދު ނުކުރެވޭހާ އެތައް އެތައް ސަބަބުތަކާއި ހެދިއެވެ. އިންސާނާ ބޭނުންހާ ގޮތަކަށް ރަނގަޅު ކަންކަމާއި، ނުރަނގަޅު ކަންކަމާއި، ޙައްޤުތައް ކަނޑައަޅަން ވެއްޖެނަމަ ދުނިޔެ ވެގެންދާނީ އަހަރެމެންގެ ޚިޔާލަށް ނުގެނެވޭފަދަ، ޤަލަމުން ނުލިޔެވޭފަދަ ބޮޑު އޮޅުންސުވާއްޔަކަށެވެ.
އިންސާނީ ޙައްޤުތަކާއި، ކަރާމާތާއި ޝަރަފަކީ ކޯއްޗެއްކަން އޮޅުވާލައި، ދުނިޔޭގެ ޤުދުރަތީ ނިޒާމު އެފުށްމިފުށަށް ޖަހާލުމަށް ބާޠިލުގެ އަހުލުވެރިން ކެނޑިނޭޅި ކުރަމުން މިދާ ފިކުރީ ހަނގުރާމައިގައި އެބައިމީހުންގެ ވާހަކަތައް ބިނާވެފައިވަނީ ކޮން އަޞްލެއްގެ މައްޗައްކަމެއް ޚުދު އެބައިމީހުންނަކަށްވެސް ނޭނގެއެވެ.
ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ ހައިކޮމިޝަނަރަކު މިއަދު ނިދާހޭލިއިރު، އިންސެސްޓަކީ މައްސަލައެއް ނޫންކަމަށް ހިތަށް އަރާފާނެއެވެ. އެހިސާބުން ދެން އެވީ އެކޮޅަށް ބައި ގިނަކުރުމުގެ މަސައްކަތް ފަށާށެވެ. އެކި އެކި މަޖިލިސް ތަކަށް މިކަން ހުށަހަޅައި މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައި، ޑިމޮކްރަސީގެ އުޞޫލުގެ ދަށުން އެކަމެއް އެއީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށް ކަނޑައެޅުމެވެ.
ސުވާލަކީ ކޮންމެ މީހަކުވެސް ހަމަ ބޭނުންވީހާ، ހިތުހުރި ގޮތަކަށް އެމީހެއްގެ އުޅުން ބަހައްޓަން ފަށައިފިނަމަ ދެން ކަންތައް ވެގެންދާނެ ގޮތަކީ ކޮބައިތޯއެވެ؟ ޝައިޠާނާގެ ވަސްވާހާއި ހެއްލުންތެރިކަމުގެ ސަބަބުން އިންސާނާ އެދުންވެރިކުރުވާ ކޮންމެ ކަމެއް ކުރުން އެއީ އިންސާނީ ޙައްޤުތައް ކަމުގައިވާނަމަ އިންސާނާ އެ ވެއްޓެނީ ޖަންގަލީގެ ވަލު ޖަނަވާރަށްވުރެވެސް ދަށު ދަރަޖައަކަށެވެ.
މާދަމާ އަހަރެން ހިތަށް އަރާފާނެއެވެ. ވައްކަން ކުރުމަކީ މައްސަލައެއް ނޫނެވެ. މީހުން މެރުމާއި ފޭރުމާއި މިފަދަ ކަންކަމަކީވެސް ހަމަ ކުރުން އެންމެ ރަނގަޅު ކަންކަމެވެ. އެއް ޖިންސުން ގުޅުން ހިނގާ މީހުންވެސް ތިމާ އާއި އެއް ޖިންސުގެ މީހުންނަށް "އެޓްރެކްޓް" ވެ ހިތްކިޔާގޮތަށް މިފަދަ ކަންކަމަށް އަހަރެންގެ ހިތްކިޔަން ފަށައިފިނަމަ މިއަދު އަހަރެންނަށް ތާޢީދުކޮށް، އަހަރެންނާއި އެއްބައިވެ، އަހަރެންނާއި އަހަރެންގެ ޢަމަލުތަކުގެ ދިފާޢުގައި ވަކާލާތު ކޮށްދޭނެ ޖަމާޢަތްތައް ވާނެކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ.
މަތިން ބާއްވާލެއްވުނު އިލާހީ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އުޞޫލުތަކަށް އިންސާނާ ބޭނުންވަނީ މިފަދަ ގުނާ ޢަދަދު ނުކުރެވޭހާ އެތައް އެތައް ސަބަބުތަކާއި ހެދިއެވެ. އިންސާނާ ބޭނުންހާ ގޮތަކަށް ރަނގަޅު ކަންކަމާއި، ނުރަނގަޅު ކަންކަމާއި، ޙައްޤުތައް ކަނޑައަޅަން ވެއްޖެނަމަ ދުނިޔެ ވެގެންދާނީ އަހަރެމެންގެ ޚިޔާލަށް ނުގެނެވޭފަދަ، ޤަލަމުން ނުލިޔެވޭފަދަ ބޮޑު އޮޅުންސުވާއްޔަކަށެވެ.
(ނުނިމޭ)
ކޮމެންޓް (0)
ލޯޑް ކުރަމުން...