ދީން އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް (1)

އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް (1)

އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް (1)

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

 

އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ވަރަށް މަތިވެރި ޙިކްމަތްތެރި ކަންތައްތަކެއްގެ މައްޗަށެވެ. ސަބަބަކީ އެޝަރީޢަތް ބާވާލެއްވި ފަރާތަކީ ޙަކީމްވަންތަ އިލާހު ކަމަށް ވާތީވެއެވެ. އިންސާނުންނަށް ދުނިޔެ އާއި އާޚިރަތުގައި ފައިދާއެއް ލިބެނިވި ކޮންމެ ކަމެއް ކުރުމަށް އިސްލާމްދީން ގޮވާލައްވައެވެ. އަދި އިންސާނުންނަށް ދުނިޔެއާއި އާޚިރަތުގައި ގެއްލުން ދެނިވި ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވުމަށް ވެސް ގޮވާލައްވައެވެ.

އެހެންކަމުން ޟަރޫރީ ފަސް ކަމަކަށް ރައްކާތެރިވުމަށް ވަނީ ގޮވާލައްވާފައެވެ. އެއީ ދީން ރައްކާތެރިކުރުމާއި، ނަފްސު ރައްކާތެރިކުރުމާއި، ބުއްދި ރައްކާތެރިކުރުމާއި، ނަސްލު ރައްކާތެރިކުރުމާއި، މުދާ ރައްކާތެރިކުރުމެވެ. މި ފަސްކަންތަކަށް ރައްކާތެރިވެގެން މެނުވީ އިންސާނާގެ ޙަޔާތް ބާއްޖެވެރި ނުވާނެއެވެ. މިއީ އިސްލާމްދީނުގައި އިންސާނުންނަށް ދެއްވާފައިވާ ޙައްޤުތަކެކެވެ.

"މީސްތަކުން ދުނިޔޭގައި އުޅެންވާނީ އިޙްތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައެވެ. ބިރުވެރި ނާމާން ކަމެއްގެ ތެރޭގައެއް ނޫނެވެ. މިކަމުގައި އިސްލާމްދީން ދޮނެއް ކަޅެއް، ބޮޑެއް ކުޑައެއް ތަފާތެއް ނުކުރެއެވެ. ހުރިހާ އެންމެންވެސް އިސްލާމީ ތިލަފަތުން ވަޒަން ކުރައްވައެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްގު އިސްލާމްދީނުގައި ވަނީ ދެއްވާފައެވެ."

ޢުމަރުގެފާނުގެ ޒަމާނުގައި ޔަމަނުން ހެދުންތަކެއް ލިބިވަޑައިގަތެވެ. އެހެދުންތައް ކޮންމެ މުސްލިމަކަށް ހެދުމެއްގެ މަގުން ޢުމަރު ރަޟިޔަﷲ ޢަންހު ބެއްސެވިއެވެ. އެކަލޭގެފާނަށްވެސް އެއް ހެދުން ލިބިވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ހެދުންކޮޅު ކުރުކަމުންގޮސް އަރަނީ ކަކުލާއި ހަމައަށެވެ.

އެހިނދު އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ބިން ޢުމަރު އަށް ދެންނެވިއެވެ. ދަރިފުޅުގެ ޙިއްޞާ ބައްޕަ އަށް ދޭށެވެ. އެހިނދު ޢަބްދުﷲ އެކަލޭގެފާނުގެ ޙިއްޞާ ބައްޕަ އަށް ދެއްވުމުން ދެ ހެދުން ގުޅުއްވާލައްވައިގެން މެމްބަރަށް އަރައި ވަޑައިގެން ﷲ އަށް ޙަމްދު ޘަނާ ކިޔަވާ ވިދާޅުވުމަށްފަހުގައި ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ. ތިމަންކަލޭގެފާނު މިދައްކާ ވާހަކަ ތިޔަބައިމީހުން ކަނުލާ އަޑު އަހަން ތިބޭށެވެ."

އެހިނދު ސަލްމާނުލް ފާރިސީ އަޑުހަރުކޮށް ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ. ތިމަންމެން ކަލޭގެފާނު ދައްކަވާ ވާހަކަ އެއް އަޑުއަހާކަށް ބޭނުމެއް ނޫނެވެ. ނުވެސް އަހާނަމެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ކީއްވެގެންތޯއެވެ؟ ސަލްމާނުލް ފާރިސީ ވިދާޅުވިއެވެ. އެއީ ކަލޭގެފާނު ދެ ހެދުން ތުރުކުރައްވައިގެން ހުންނެވީމައެވެ. އަހަރުމެންނަށް ދެއްވީ އެންމެ ހެދުމެކެވެ. އިންޞާފު ކޮބައިތޯއވެ؟"

އެހިނދު ޢުމަރުގެފާނު ދަރިކަލުން ޢަބްދުﷲ އަށް ދެންނެވިއެވެ. "ތެދުވެ ޖަވާބު ދޭށެވެ."

އެހިނދު ޢަބްދުﷲ ބިން ޢުމަރު-ރަޟިޔަﷲ ޢަންހު- ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ތިމަންނާގެ ބައްޕާފުޅަކީ ދިގު ބޭފުޅެއްކަމުން އެންމެ ހެދުމަކުން ނުފުދެއެވެ. އެހެންވެ ތިމަން ކަލޭގެފާނުގެ ހެދުންކޮޅު ހަދިޔާ އަކަށް އެރުވުމުން ދެހެދުން ގުޅާލުމުގެ ސަބަބުން ދެހެދުންވީ އެވެ".

އެހިނދު ސަލްމާނުލް ފާރިސީ-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "މިހާރު ކަލޭގެފާނު ދައްކަވާ ވާހަކަފުޅު ތިމަންމެން އަޑު އަހާނަމެވެ. އަދި ކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެސް ވާނަމެވެ".

މިއީ އިސްލާމްދީން މީސްތަކުންނަށް ގެނެސްދީފައިވާ ޙައްޤުތަކެވެ. މީސްތަކުން ދުނިޔޭގައި އުޅެންވާނީ އިޙްތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައެވެ. ބިރުވެރި ނާމާން ކަމެއްގެ ތެރޭގައެއް ނޫނެވެ. މިކަމުގައި އިސްލާމްދީން ދޮނެއް ކަޅެއް، ބޮޑެއް ކުޑައެއް ތަފާތެއް ނުކުރެއެވެ. ހުރިހާ އެންމެންވެސް އިސްލާމީ ތިލަފަތުން ވަޒަން ކުރައްވައެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްގު އިސްލާމްދީނުގައި ވަނީ ދެއްވާފައެވެ.

ރަސޫލު ބޭކަލުން ފޮނުއްވާ އެބޭކަލުންގެ ޙައްޤުތަކާއި ވާޖިބުތައްވަނީ އަންގަވާފައެވެ. ޙައްޖަތުލް ވަދާޢިގެ ދުވަހުގައި މީސްތަކުންގެ ޙައްގުތައް ބަޔާންކޮށް ދެއްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أيها الناس إنّ دماءكم وأموالكم عليكم حرام إلى أن تلقوا ربكم) މާނައަކީ: "އެންމެހައި މީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި މުދާވަނީ ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހާއި ބައްދަލުވުމަށް ދާންދެން، ޙަރާމް ކުރެވިގެންނެވެ". މާނައަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، ލޭ އޮހޮރުވާ، އެކަކު އަނެކަކު ގެ މުދާ ނުޙައްގު ގޮތުގައި ފޭރި ހެދުން ވަނީ ޙަރާމް ކުރައްވާފައެވެ.

އިތުރު އެކަލޭގެފާނުގެ ވަދާޢީ ޚުޠުބާގައި މިވަޞިއްޔަތްތައް ވަނީ ތަކްރާރު ކުރައްވާފައެވެ. ވަކިން ޚާއްޞަ ގޮތެއްގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަނީ އުއްމަތަށް ވަޞިއްޔަތް ކުރައްވާފައެވެ. އަދި މީސްތަކުންގެ ލެޔާއި މުދާ އަދަ އަބުރަށް އަރައިގަތުމުގެ ނުރައްކާތެރިކަން ތަކްރާރުކޮށް ވަނީ ބަޔާންކޮށް ދެއްވާފައެވެ.

އިސްލާމްދީން މީސްތަކުންނަށް ލިބިދީފައިވާ މުޙިންމު ބައެއް ޙައްގުތައް:

ފުރަތަމަ: ދިރިހުރުމުގެ ޙައްގު:

އިންސާނާ ދިރިހުރުމަކީ އެންމެ ފުރަތަމައަށް ލިބެން ޖެހޭ ޙައްގެވެ. އެހެނިހެން ޙައްގުތައް ލިބިގެންދަނީ އެޙައްގު ލިބިގެންނެވެ. މިޙައްގު ޙިމާޔަތް ކުރުމުގެ ގޮތުން އިސްލާމް ދީނުގައި ވަނީ ކަންތައް ތަކެއް ކުރުމަށް އަންގަވާފައެވެ. އެގޮތުން:

1. ޙައްގަކާއި ނުލައި މީހަކު މެރުން ވަނީ ޙަރާމް ކުރައްވާފައެވެ. ސޫރަތުލް އަންޢާމް ގެ 151 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلاَ تَقْتُلُواْ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلاَّ بِٱلْحَقّ) މާނައަކީ: “މާތް ﷲ ޙަރާމްކުރައްވާފައިވާ ނަފްސެއް ޙައްގަކާއި ނުލައި މަރާނުލާށެވެ”.

މި ޙައްގަކީ ހުރިހާ އިންސާނުންނަށް ލިބިގެންވާ ޙައްގެކެވެ. ކުޑަބޮޑު، ފިރިހެން އަންހެން، މުސްލިމް ޣައިރު މުސްލިމް، އެންމެންނެވެ.
2. މީހަކު މެރުމަށް މެދުވެރިވެދާފަދަ ކޮންމެ ކަމަކަކުން ދުރުހެލިވެ ރައްކާތެރި ވުމަށް އިސްލާމް ދީން ވަނީ ގޮވާލައްވާފައެވެ. އެގޮތުން:
– މުސްލިމުންގެ މައްޗަށް ހަތިޔާރު އުފުލުން ޙަރާމް ކުރެއްވުން، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ حَمَلَ عَلَيْنَا السِّلَاحَ فَلَيْسَ مِنَّا) މާނައަކީ: “އަހަރުމެންގެ މައްޗަށް ހަތިޔާރު އުފުލައިފި މީހަކީ އަހަރުމެންގެ ތެރެއިން ވާ މީހެއް ނޫނެވެ”.

– މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކުރުން މަނާކުރެއްވުން، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (سِبَابُ الْمُسْلِمِ فُسُوْقٌ وَقِتَالُهُ كُفْرٌ) މާނައަކީ: “މުސްލިމުންނާއި ދިމާލަށް ހަޑުހުތުރު ބަހުން ވާހަކަދެއްކުމަކީ ފާސިގުކަމުގެ ތެރެއިންވާ ކަމެކެވެ. އަދި މުސްލިމުންނާއި ހަނގުރާމަ ކުރުމަކީ ކުފުރެކެވެ”.

– ގަޞްދުގައި މީހަކު މަރައިފިނަމަ ގިޞާޞް ހިފުން. ސޫރަތުލް ބަގަރާގެ 178 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا ٱلَّذِينَ ءامَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى) މާނައަކީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ގަތުލުވެވޭ މީހުންގެ ބަދަލު ހިފުމުގެ ގޮތް ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވައިފިއެވެ”.

އަދި ސޫރަތުލް ބަގަރާގެ 179 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَلَكُمْ فِي ٱلْقِصَاصِ حَيَوٰةٌ يأُولِي ٱلألْبَـٰبِ لَعَلَّكُمْ تَتَّقُونَ) މާނައަކީ:”މަރަށް މަރުހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއްވެއެވެ. އޭ ބުއްދިވެރީންނޭވެ. އެކަން އެގޮތަށް ހަމަޖައްސަވާފައިވަނީ ތިޔަބައިމީހުން ތަގްވާވެރިވޭތޯއެވެ”.

– އަމިއްލައަށް މަރުވުން ޙަރާމް ކުރެއްވުން. އިތުރުއެކަލޭގެފާނުން ހަދީޘް ކުރައްވާފައި ވެއެވެ. ((مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا)) صحيح مسلم، (1 / 282) މާނައަކީ: “ތިބާގެ ނަފްސު ދަގަނޑު އެއްޗަކުން (ވަޅިއެއް ފަދަ އެއްޗަކުން) ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް އެފަދަ އެއްޗަކުން އޭނާގެ ބަނޑަށް ހަރައިހަރައި (އޭނާ އޭނާގެ ނަފްސު ގަތުލު ކުރި ގޮތަކަށް) ހުންނާނެއެވެ. އަދި ވިހައެއް ބޮއެގެން ތިބާގެ ނަފްސު ގަތުލު ކުރި މީހަކު ނަމަ އަބަދުގެ އަބަދަށް ޖަހަންނަމައިގެ އަލިފާނުގައި ވިހަ ބޮއެބޮއެ ހުންނާނެއެވެ. އަދި ފަރުބަދައަކުން ފުންމާލައިގެން ތިބާގެ ނަފްސު ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް ތިބާގެ ނަފްސު މަތިން ވައްޓާލައިގެން ގަތުލު ކޮށްކޮށް ހުންނާނެއެވެ.”

– ޟަރޫރީ ޙާލަތުގައި ޙަރާމް ކުރެއްވި ތަކެތި ހުއްދަވުން. ސޫރަތުލް ބަގަރާގެ 174 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ ٱللَّهِ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَلا إِثْمَ عَلَيْهِ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ) މާނައަކީ: “ތިޔަބައިމީހުންނަށް ޙަރާމްކުރައްވާފައިވާ ކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހެވެ. އަދި މާތް ﷲ ގެ ނަންފުޅު ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި ކަތިލެވިފައިވާ ތަކެއްޗެވެ. ދެކޮޅުވެރިކަމެއް، ނުކިޔަމަންތެރިވުމެއްނެތި، މަޖްބޫރުވެއްޖެމީހާ، އެމީހާގެ މައްޗަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވައި ރަޙީމްވަންތަ އިލާހެވެ”.

– ކުޑަކުދިން ގަތުލުކުރުން ޙަރާމް ކުރެއްވުން. ސޫރަތުލް އިސްރާގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلاَ تَقْتُلُواْ أَوْلادَكُمْ خَشْيَةَ إِمْلَـٰقٍ نَّحْنُ نَرْزُقُهُمْ وَإِيَّاكُم إنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا) މާނައަކީ: “ފަގީރުވެދާނެކަމުގެ ބިރަށްޓަކައި ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. ތިޔަބައިމީހުންނާއިއެކު، އެދަރީންނަށް ތިމަން ﷲ ރިޒްގު ދެއްވަމުއެވެ. ހަމަކަށަވަރުން، އެދަރީން މެރުން އެއީ ބޮޑުވެގެންވާ ފާފައެކެވެ”.
ސޫރަތުލް މުމްތަޙިނާގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (يٰأَيُّهَا ٱلنَّبِىُّ إِذَا جَاءكَ ٱلْمُؤْمِنَـٰتُ يُبَايِعْنَكَ عَلَىٰ أَن لاَّ يُشْرِكْنَ بِٱللَّهِ شَيْئاً وَلاَ يَسْرِقْنَ وَلاَ يَزْنِينَ وَلاَ يَقْتُلْنَ أَوْلْـٰدَهُنَّ وَلاَ يَأْتِينَ بِبُهُتَـٰنٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلاَ يَعْصِينَكَ فِى مَعْرُوفٍ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ) މާނައަކީ: “އޭ ނަބިއްޔާއެވެ. އީމާންވެއްޖެ އަންހެނުން ބައިޢަތު ހިފުމަށްޓަކައި، ކަލޭގެފާނުގެ ގާތަށް އަންނަ ހިނދު، ﷲ އާއި އެހެން އެއްވެސް އެއްޗެއް ޝަރީކު ނުކުޅައުމަށާއި، ވައްކަން ނުކުޅައުމަށާއި، ޒިނޭ ނުކުޅައުމަށާއި، ދަރީން ނުމެރުމަށާއި، ބުހްތާނު ދޮގު ހަދައިގެން ވާހަކަތައް ނުފެތުރުމަށާއި، ހެޔޮކަންތައް ކުރުމުގައި ކަލޭގެފަނަށް ނުކިޔަމަންތެރި ނުވުމުގެ މައްޗަށް، އެކަނބަލުން ލައްވައި ހުވާ ކުރުވުމާއި އެކު، ބައިޢަތު ހިއްޕަވާ ހުށިކަމެވެ. އަދި އެކަނބަލުންގެ ފާފަ ފުއްސަވައި ދެއްވުން އެދި މާތް ﷲ އަށް ދަންނަވައިދެއްވާށެވެ. ހަމަކަށަވރުން މާތް ﷲ އީ ފާފަ ފުއްސަވާ ރަޙީމް ވަންތަ އިލާހެވެ”.

– ނުނިމޭ –

ޓެގް

ދީން އިންސާނީ ޙައްޤުތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.