އަރަބިދުނިޔެ

ލީބިޔާގެ ބޯޓުގެ މިސްރާބު މިސްރަށް ބަދަލުކޮށްފި

ލިޔުނީ: ހުސެއިން ސާލިމް

ގައްޒާ އަށް އެހީ އާ އެކު ދަތުރުކުރަމުން ދާ ލީބިޔާގެ ބޯޓުގެ މިސްރާބު މިސްރުގެ އަލް އަރިޝް ބަނދަރަށް  ބަދަލުކޮށްފިއެވެ. އަލް ޖަޒީރާ ހަބަރުދޭގޮތުގައި މި އެހީގެ ބޯޓު މިސްރަށް މިސްރާބު ޖަހާފައިވަނީ، މިސްރާބު ބަދަލު ނުކޮށްފި ނަމަ އިޒްރޭލުގެ ނޭވީން ބޯޓަށް އަރައި ބޯޓު ހިފަހަށްޓޭނަކަމަށް އިންޒާރު ދިނުމުންނެވެ.

މި ބޯޓަކީ ލީބިޔާގެ ގައްދާފީ އިންޓާނޭޝަނަލް ޗެރިޓީ އެންޑް ޑިވެލޮޕްމަންޓުން ސްޕޮންސާ ކޮށަފައިވާ ބޯޓެކެވެ. މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުން އަންނަނީ ލީބިޔާގެ ރައީސް މުއަންމަރު ގައްދާފީގެ ދަރިކަލުންނެވެ. 2000 ޓަނުގެ އެހީ ހިފައިގެން ދާ މި ބޯޓުގައި ލީބިޔާގެ 6 އެކްޓިވިސްޓުންގެ އިތުރުން، ނައިޖީރިއާގެ އެކްޓިވިސްޓަކާއި، މޮރޮކޯގެ އެކްޓީވިސްޓަކާއި، އަލްޖީރިއާޖެ އެކްޓީވިސްޓެއްވެސް ދަނީ ބައިވެރި ވަމުންނެވެ.

މިސްރުގެ ހާރިޖީ ވަޒީރު އަހްމަދު އަބުލް ގައިތް އިއްޔެ ހާމަކުރެއްވީ، ލީބިޔާގެ މި ބޯޓު އަލް އަރިޝް ބަނދަރަށް، ބަނދަރު ކޮށްފިނަމަ މިސްރުގެ ސަރުކާރުން މުދާތަށް ބާލައި އެތަކެތި ގައްޒާއަށް ފޯރުކޮށްދޭނެކަމަށެވެ. މި ބޯޓު ގްރީސްގެ ބަދަރުން ފުރުވާލައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އިޒްރޭލުން ހާމަކުރާ ގޮތުގައި މި ބޯޓު ސެކިޔުރިޓީ ފޫ ދުއްވާލައި، ގައްޒާއަށް ބަނދަރުކޮށްފިނަމަ އެކަމުން އިޒްރާއީލުގެ ސަލާމަތަށް ވަރަށް ބޮޑަށް ނުރަށްކާ ވާނެކަމަށެވެ.

މިއަހަރުގެ މޭ މަހު، އިންސާނީ އެހީ ހިފައިގެން ގައްޒާއަށް ދަތުރުކުރަމުން ދިޔަ ތުރުކީގެ ބޯޓުތަކަކަށް އިޒްރޭލުން ދިން ރަހުމް ކުޑަ ހަމަލާތަކުގައިވެސް ވަނީ ނުވަ އެކްޓިވިސްޓުން މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ތުރުކީގެ 8 މީހުންނާއި، ތުރުކީއާ އެމެރިކާއަށް ނިސްބަތްވާ މީހެކެވެ. އިޒްރޭލުން ގައްޒާ ހިޞާރުކުރިފަހުން ގައްޒާއަށް އެތެރެކުރުމުގެ ހުއްދަ އޮންނަނީ އިޒްރާއީލުން ކަނޑަ އަޅާފައިވާ ވަކި ވައްތަރެއްގެ މުދަލެވެ. މިހާރުވެސް އިމާރާތް ކުރުމަށް ބޭނުންކުރާ ގިނަ ބާވަތްތަކަކީ ގައްޒާއަށް ވެއްދުން މަނާ ކުރެވިފައިވާ ތަކެއްޗެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *