ސުރުޚީ ކިޔާލުމުން ފަހަރުގައި ބައެއް ބޭފުޅުންނަށް އަޅުގަނޑު މި ދަންނަވަން އުޅޭ އެއްޗެއް އޮޅި ދާނެ ކަމުގައި ދެކެމެވެ. އާނއެކެވެ. ދީނީ ވާހަކަ ދައްކަން ކޮންމެހެން ސެޓްފިކެޓެއް ނުވަތަ ސަނަދެއް އޮންނާކަށް ނުޖެހެއެވެ. އެހެނަސް އަޅުގަނޑު އަދި މިދަންނަވަނީކީ ފަތުވާނެރެ، ދީނުގެ ބޮޑެތި ފިޤުޙީ މައްސަލަތަކުގައި ބަޙުޘްކޮށް އެއަށް ގޮތް ކަނޑައަޅާ ވާހަކައެއްނޫނެވެ. އެކަންކަން ކުރެވޭނީ އެކަމަށް ތަޚައްސުސް ޢިލްމު އުނގެނިގެން ތިބި ބޮޑެތި ބޮޑެތި ޢިލްމުވެރީންނަށެވެ.
އެހެނެއް ކަމަކު ހަމަ އެކަނި ދީނޭ ބުނަންވެސް މިހާރު ބައެއް މީހުންގެ ވާހަކަހުންނަ ގޮތުން މިޞްރު ނޫނިއްޔާ ސަޢުދީން ނުވަތަ މިނޫން ކޮންމެސް އެހެންތަނަކުންވެސް އިސްލާމީ ޔުނިވަރސިޓީއަކުން ދަސްވެނިވެފައި ހުންނަން ޖެހޭހެން ހީވެއެވެ. ދީނީ ވާހަކަ އަހަރެމެން އެކަކު އަނެކަކަށް ނުދައްކަންވީ ކީއްވެހެއްޔެވެ؟ ދީނަކީ އަހަރެމެންގެ ދިރިއުޅުމުގެ ނިޒާމެވެ. އުޅެންވީ ގޮތެވެ. ވީއިރު ދީނުގެ ވާހަކަ ނުދައްކާ ދެން ދައްކާނީ ވަކި ކޮން ވާހަކަޔެއް ހެއްޔެވެ؟ ޒަމާންތަކެއް ވަންދެން ދީނީ ވާހަކަ ވަކި ބަޔަކު ބޭނުންވިގޮތަކަށް ބައްޓަންކޮށް ޢިލްމުވެރިންނަށް އެމީހުންގެ ޒިންމާ އޭގެ އެންމެފުރިހަމަ ގޮތުގައި އަދާ ކުރުމަށް އެތައް އެތައް ގޮންޖެހުންތަކެއް ކުރިމަތި ކުރުވުމުގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަމީހުނަށް ހީވެފައި އޮތީ ދީނަކީ ހަމަ އެކަނި ނަމާދުކޮށްލާ ރޯދަ ހިފާލާ ޒަކާތްދީ ހައްޖުވެލުން އެކަނި ކަމަށެވެ.
އެދުވަސްތައް މާޒީވެގޮސް އެތައް ގިނަ ބައެއްގެ މަސައްކަތުން މި ދެންނެވި ގޮންޖެހުންތައް ކޮންމެވެސް ވަރަކަށް ނައްތާލެވި ޢިލްމުވެރިންގެ ދަރުސްތަކުން މީސްތަކުންނަށް މަންފާކުރަން ފެށުމުން، ފަތު އަޑު ކިޔާލާފައި ދީނަށް ލޯބިޖެހެން މީސްތަކުންގެ ހިތުގައި ފެށިއްޖެއެވެ. އެހެނަސް ބޯދާގޮތް ދޫނުކުރަން ޖާހިލުކަމުގައި ތިބި ބަޔަކު ނުވަތަ އީމާންކަމާއި ޢަޤީދާ ބަލިކަށި ބަޔަކަށް މިކަންކަން ހަޖަމުނުވެގެން ދީނީ ވާހަކަދެއްކުން ހުއްޓުވޭތޯ އެކަން ކަމަށް ހަޖޫޖަހައި ފުރައްސާރަކުރަމުން އެބަ ގެންދެއެވެ. ބަޔަކު ދީނީ ވާހަކައެއް ދައްކާއިރަށް ކަލޭމެނަށް އެނގޭނީ ކޮން އެއްޗެއްހޭ ކޮންތާކުން ކިޔަވައިގެން އައިސް ތިބި ބައެއްހޭ ކިޔައި މަލާމާތް ރައްދު ކުރެއެވެ.
އެފަދަ ފަރާތްތަކަށް ހަމަ ވާނުވާވެސް ނޭނގެނީއެވެ. ބަލާ އޮޅުންފިލުވަންވެސް ބޭނުމެއް ނުވެއެވެ. ކޮންމެ މުސްލިމަކީ ވެސް ދީނީ ޢިލްމު އެމީހެއްގެ އަމިއްލަ ހާލާއިގެން އުޅެވޭވަރަށް އެނގިފައިހުރުން ލާޒިމު މީހެކެވެ. އެއީ ނަމާދުކުރާނެ ގޮތް ކަމުގައިވިޔަސް، ޣައިރު މުސްލިމުންނާ މެދު މުޢާމަލާތް ކުރާނެ ގޮތްކަމުގައިވިޔަސް، އެއްދާން ކުރާނެ ގޮތްކަމުގައިވިޔަސް މެއެވެ. ވީއިރު ކޮންމެ މުސްލިމަކީވެސް ދީނީ އިލްމުގެ ކަނޑުން ކޮންމެވެސް ވަރެއް ހާސިލްކުރެވިފައި ހުންނަންޖެހޭނެ މީހެކެވެ. އަދި މިކަމަށް ޝައުގުވެރިވެ ޢިލްމުވެރިންގެ ދަރުސްތަކާއި ފޮތްތައް މުޠާލިޢާކޮށް ހަދާ މީހަކު ހުންނާނީ ދީނީ މައްސަލަތަކާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް ރޯފިލާފައި ނޫންތޯއެވެ؟
އަޅުގަނޑު ކުޑަ ކުޑަ މިސާލެއް ދަންނަވާލަފާނަމެވެ. ތިޔައިން ބޭފުޅެއްގެ ދަރިއަކަށް މަދަރުސާއިން ދޭ ހިސާބު ފިލާވަޅެކެވެ. ފިލާވަލުގައި މި އޮންނަނީ އެއްކޮށް ކަނޑާ ހެދުމުގެ ނަންބަރު ތަކެކެވެ. ތިޔަބޭފުޅާގެ ދަރިފުޅަށް އެ ސުވާލުތަކަށް ޖަވާބު ދޭން ނޭނގުމުން ތިޔަބޭފުޅުން ދުރުވާނީ އެ ދަރިވަރުގެ މުދައްރިސްގެ އަރިހަށްތޯއެވެ؟ ނޫނެކެވެ! ޚުދު ތިބޭފުޅާއަށްވެސް އެވަރު ބުނެދެވޭނެއެވެ! އެވަރުގެ ނަންބަރެއް ބުނެދޭން ކޮންމެހެން ހިސާބުން ޕީއެޗްޑީ ހޯލްޑަރަކަށް ވާކަށް ނުޖެހެއެވެ!
ހަމަ ދީނީ ކަންކަންވެސް އޮތީ މިހެނެވެ. އެމީހަކަށް އެނގޭވަރަކުން މުންކަރާތް މަނާ ކުރަންވީއެވެ. ޙައްޤައް ވަޞިއްޔަތް ކުރަންވީއެވެ. ނޭނގޭ ނަމަ ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރަންވީއެވެ. ހަޤީޤަތުގައި އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް ވާހަކަދެކެވެނީ ދީނުގެ ވަރަށް އާދައިގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ. ތުނބުޅި ނޫނިއްޔާ ފައިކުރިއެވެ. އައްތަހިއްޔާތުގައި އިނގިލިން އިޝާރާތްކުރުން ނޫނިއްޔާ "ޑަބަލް" ހަށަމް ބަނުމުގެ ވާހަކައެވެ.
މިކަންކަމާ ބެހޭ ގޮތުން އުއްމަތުގެ ބޮޑެތި ޢިލްމުވެރިން ދެއްވާފައިހުރި ފަތުވާތައް ރާއްޖޭގެ ޢިލްމުވެރިންގެ ފުށުން އަޑު އިވިފައި ހުރި މީހަކު އޭނާއަށް އެއިވުނު އެއްޗެއް މިކަންކަމާ މެދު ސުވާލު މާކެއްގެ ތެރޭ ހުރި މީހަކަށް ކިޔައިދިނުމަކީ އަދި އޭނާ ޢިލްމުވެރިއަކަށް ވީކަމުގައި ދެކުމީ ކޮންކަހަލަ ހަމަޔަކާ އިންސާފުން މިނޭނެ ގޮތެއް ތޯއެވެ؟ ނުވަތަ އެއީ އަދި އޭނާ ފަތުވާނެރެނީކަމުގައިވެސް ބަލާނީ ކިހިނެއް ތޯއެވެ؟ އެހެންނަމަ އަމިއްލަ ދަރިފުޅަށް ނަމާދުކުރަން ދަސްކޮށްދޭންވެސް ގެންދަން ޖެހޭނީ ހަމަ ދީނުގެ ބޮޑު ޢިލްމުވެރިއެއްގެ އަރިހަށެވެ. އެހެނީ އަޅުގަނޑުމެން ދިވެހިން ނަމާދުކުރަން ދަސްކުރީ ޢިލްމުވެރިންގެ އަރިހަކުން ނޫނެވެ. އަދި އަޅުގަނޑުމެން އެންމެންނަކީ ޢިލްމުވެރިންނެއްވެސް ނުމެ ނޫންމެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...