ބަލިވީމައި އަޅުގަނޑުމެން ދަނީ ޑޮކްޓަރެއްގެ ކައިރިއަށެވެ. ޞިއްޙީ ރޮނގުން އޭނާ އުނގެނިގެން ހުރީތީއެވެ. ބަލީގެ އަސްލާއި އެއަށް ދޭންވާ ފަރުވާ އެންމެ ރަނގަޅަށް އޮޅުން ފިލާފައިވަނީ އޭނައަށް ކަމަށް ވާތީއެވެ.
ޑޮކްޓަރުގެ މިސާލު މި ޖެހީ ހަމަ މިސާލެއް ގެނައުމުގެ ގޮތުންނެވެ. ދުނިޔެވީ ހުރިހާ ކަމެއްގައިވެސް އެކަމެއް ކުރުމުގެ ކުރިން ކަމުގެ އަހުލުވެރިން ކައިރިން ކަންކަން އަޅުގަނޑުމެން އޮޅުން ފިލުވަމޫއެވެ. ދީނީ ކަމެއް ފިޔަވައެވެ. ދީނީ ކަމެއް ޖެހޭ އިރަށް އެންމެ ޖާހިލު މީހާވެސް ފަތުވާދޭ ތަން ފެންނާނެއެވެ. އޭނައަށް ނޭނގޭ އަކައްޗެއްވެސް ނޯންނަ ފަދައެވެ. ދީނީ ޢިލްމުވެރިންގެ ފަތުވާ އާއި އޭނަގެ "ފަތުވާ" ޚިލާފުވެއްޖެނަމަ، ޢިލްމުވެރިންނަށް "ހެޓަކަށް" ދޭނެއެވެ. ދީނީ ޢިލްމުވެރިންނަކީ ޖާހިލުން ކަމުގައި އޭނަގެ ކައިރީގައި ވެދެއެވެ.
ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި ބުދުތަކުގެ މައްސަލަވެސް ދިޔައީ މިފަދަ ގޮތަކަށެވެ. "ފަތުވާއެއް" ނުނެރޭ މީހަކު އަޅުގަނޑުމެންގެ ތެރޭގައި މަދުވާނެއެވެ. ތަފާތު ޖަގަހަތަކުގަޔާއި، ހޮޅުއަށި ތަކުގަޔާއި، އިޖްތިމާޢީ ވެބްސައިޓްތަކުގަޔާއި، ސައި ހޮޓާ ތަކުގައި ބުދުގެ ފަތުވާ ދިނުން ނޫން ކަމެއް ނެތެވެ. އަޅުގަނޑު މި ދަންނަވަނީ ހަވާ ނަފްސަށް މިކަމުގައި ވާހަކަ ދައްކާ، ބުދު ބެހެއްޓުމުގެ ޢަމަލު ދިފާޢު ކުރަން އުޅުނު މީހުންގެ ވާހަކައެވެ. ދީނީ ތަޢުލީމު ޙާސިލު ކުރުމެއް ނެތި، ޢާލިމުންނަށް ވެގެން އުޅޭ ޖާހިލުންގެ ވާހަކައެވެ. މީގައި، ޢިލްމުވެރިންގެ ފަތުވާތައް ނުވަތަ ބަސްފުޅުތައް ރަނގަޅު ގޮތުގައި ނަޤަލުކުރާ، އަދި އެހެން މީހުންނަށް އެބަސްފުޅުތައް ފޯރުކޮށްދޭން މަސައްކަތް ކުރާ ހެޔޮ ލަފާ މުސްލިމު އަޚުން އިސްތިސްނާ ކުރަމެވެ.
ބުދުގެ މައްސަލާގައި، އިވުނު ބައެއް "ފަތުވާތަކަށް" ކަޅިއެއް އެއްލާލަމާތޯއެވެ. އެގޮތުން، އެންމެ ވަރުގަދަ "ފަތުވާ"އަކީ އެއީ ބުދެއް ނޫނޭ، އެއީ "މޮނިއުމެންޓެކޭ" ބުނާ ފަތުވާއެވެ. ބައެއް މީހުން ބުނަނީ، އެއީ ބުދެވެ. ނަމަވެސް އެއީ އަޅުކަން ކުރަން ބެހެއްޓި ބުދެއް ނޫނެވެ. އެހެންވީމަ އެއީ މައްސަލައެއް ނޫނެވެ. ދީނީ ޢިލްމުވެރިން ބުދު ބެހެއްޓުމާ ދެކޮޅަށް ބަސްބުނުމުން، ބައެއް މީހުން ބުނާތީ އަޑުއިވެނީ، އޭ ތިޔައީ ދީނީ މައްސަލައެއް ނޫނެވެ. ތިޔައީ ސިޔާސީ މައްސަލައެކެވެ. އަނެއްބައި މީހުން، ރެކި ގަންނަން މަސައްކަތް ކުރަމުން ބުނަނީ، ދާރުލް އާޘާރުގައިވެސް ބުދު އެބަހުއްޓެވެ. ފިހާރަތަކުގައިވެސް ބުދު އެބަހުއްޓެވެ. ކުދިން ކިޔަވާ ޓެކުސްޓް ފޮތުގައިވެސް ބުދުގެ ކުރެހުން އެބަހުއްޓެވެ. ހިންދީ ފިލްމުތަކުންވެސް ބުދު ފެނެއެވެ. އެހެންވީމާ، އައްޑޫގައި ބެހެއްޓި ބުދު ނަގަން ޖެހޭ ނަމަ، މި ހުރިހާ ބުދުތަކެއްވެސް ނަގަން ޖެހޭނެއެވެ. އަނެއް ބަޔަކު، ފުރައްސާރަ ކުރާ ރާގަކަށް ބުނާތީ އަޑުއިވެއެވެ. ކަލޭމެންގެ އަޤީދާ ހާދަ ބަލިކަށްޓެވެ. އަހަރެމެން ހިތަކަށް ބުދެއް ފެނިގެން އަސަރެއް ނުކުރާނެއެވެ. އެންމެ ފަހުން، ނުއިވޭނެ ކަމަށް ހީކުރި ފަރާތްތަކެއްގެ ފަރާތުން އިވުނު އަޑަކީ، ތިމަންމެނަށް އޭތި ފާހަގަ ނުކުރެވުނު ކަމަށެވެ. އެއީ ޢީސާގެ ފާނުގެ ފޮޓޯއެއް ކަމެއް ފާހަގައެއް ނުކުރެވުނު ވާހަކައެވެ.
ބައެއް މީހުން ހިތު ހުރި ގޮތަކަށް، އެބައިމީހުން ކޮށި ވިސްނުން ބޭނުންކޮށްގެން، ހަވާ ނަފްސަށް ބުދުތައް ބެހެއްޓުމުގެ އަމަލު ދިފާޢު ކުރަމުން ދަނީއެވެ. ވަކި ޕާޓީއެއް، ވަކި ކުލައެއްގެ މީހުނޭ ކިޔާނެ ކަމެއް ނެތެވެ. އެނގޭހާވެސް އެއްޗަކީ، ދީނުގައި މިކަން އޮތްގޮތް ނޭނގި ހަވާ ނަފްސު އެދުނުހާ ގޮތަކަށް މި މައްސަލާގައި ބުދުތަކުގެ ދިފާޢުގައި ދިވެހި މުސްލިމުންތަކެއް ވާހަކަ ދައްކައިފި ކަމެވެ. މިބައިމީހުންނަކީ، ދީނީ ޢިލްމުވެރިންނެއް ނޫނެވެ. ނަމަވެސް ފަތުވާ ދިނުމުގައި ޢިލްމުވެރިންނަށް މިބައިމީހުން ދޫ ނުކުރާނެކަން ސާބިތުކޮށްދީފިއެވެ. ޙައްޤުގެ މައްޗަށް ބާޠިލްކަން އިސްކޮށް، ބޮޑާވެގެންފިއެވެ. ދީނީ ގޮތުން އަޑު އަހާލަން ބިރުވެރި ބަސްތަކެއް މިބައިމީހުންގެ ދޫތަކުން ބޭރުކޮށްފިއެވެ.
ބަލިވީމައި ޑޮކްޓަރު ކައިރިއަށް ދެވެއެވެ. އަދި އޭނާ ދެއްވާ ހިތި ބޭސްވެސް ބޯން ޖެހެއެވެ. އެކަމަކަށް އިޢްތިރާޟެއް ނޯވެއެވެ. ނަމަވެސް، ދީނީ ކަމެއް ޖެހިއްޖެނަމަ، ދީނީ ޢިލްމުވެރިއެއްގެ ބަސް އެހުމެއް ނޯވެއެވެ. އަދި ކިއެއް، އަމިއްލައިން ހަވާ ނަފްސު އެދޭ ގޮތަކަށް ކަންކަމުގައި ބަސް އިސްކޮށް، ޝަރީޢަތާއި މުޅިން ޚިލާފު ކަންކަން ޙާލާލުކޮށް އުޅެއެވެ. ބަލިވީމައި، އަމިއްލައިން ބޭސް ސިޓީ ލިޔެގެން ބޭސް ބޯތަނެއް ނުފެނެއެވެ.
މާތް ﷲ ގެ މި ދީނަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. މި ދީން ވަނީ ފުރިހަމަ ވެފައެވެ. ދީނީ ޢިލްމު އުނގެނުމަކާ ނުލާ، ދީނީ ކަންކަމުގައި ބަސް ބުނުމަކީ، ނުރައްކާތެރި ކަމެކެވެ. ތަނެއްގެ ވެއިޓަރަކަށް ނުވަތަ ލަވަކިޔުންތެރިއަކަށް ނުވަތަ ފޮޓޯގްރާފަރަކަށް އުޅުނީމައި، ދީނީ ކަންކަން އެންމެ ރަނގަޅަށް އެނގުނީކަމަށް ބަލައިގެން ނުވާނެއެވެ. އަދި މުސްލިމަކަށް ވީތީ، މާތް ﷲ ބުއްދި ދެއްވީތީ، އެ ބުއްދިއަށް އަންނަ ހުރިހާ އެއްޗަކީ ޙައްޤު ކަމަށް ހީކުރުމަކީ މޮޔަ ކަމެކެވެ. އެ ބުއްދި ބުނާހާ ގޮތަކަށް ކަންކަމުގައި ބަސް ބުނެ، ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަައް ފާރު ބުޑަށް ޖަހައިލުމަކީ، ކޮޅުނެތް ކޮޅަށް ހިތާމަ ހުރި ކަމެކެވެ.
ކަމެއްގައި ޢިލްމެއް ނެތް މީހަކަށް އެކަމަކަށް އިންސާފު ކުރަން އެނގޭނެޔޭ ބުނުމަކީ އިންސާނީ ބުއްދިއާއި ހަމަތަކަށް ކުރެވޭ ފުރައްސާރައެއް ނޫންތޯއެވެ. ކެންސަރު ޖެހިފައިިވާ ބަލި މީހަކަށް، ރާނާ މީހަކު ބޭސް ކުރަން ފަށައިފިނަމަ ވާނެ ގޮތާމެދު ނިކަން ވިސްނާލައްވާށެވެ. ބަސް ބުނެ، ޙުކުމް ކުރެވޭނީ ހުރި ޢިލްމަކަށް ނޫންތޯއެވެ. ނެތް ޢިލްމަކަށް ބަސް ބުނެފިނަމަ، އެ ބުނެވުނީ ހަވާ ނަފްސުގެ ބަސްކަން ޔަޤީނެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ޙަދީޘްފުޅަކަށް ވިސްނާލެއްވުން ކީއްތޯއެވެ. (لا يؤمن أحدكم حتى يكون هواه تيعا لما جئت به) މާނައި: "ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ، އޭނަގެ ހަވާ ނަފްސު ތިމަންކަލޭގެފާނު ގެންނެވި އެއްޗެއްސާ ތަބާ ވެއްޖެއުމަށް ދާންދެން މެނުވީ، އޭނާ އީމާންވިކަމަކަށް ނުވެއެވެ."
ކޮމެންޓް (0)
ލޯޑް ކުރަމުން...