ބޭޑް ބޯއީސް ރެކޯޑްސް ގެ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ލޫން، މިހާރުގެ ނަމުންނަމަ އާމިރު ޖުނައިދު ހޯކިންސްވަނީ އޭނާގެ އުމުރުގައި ފުރަތަމަ ފަހަރަށް ޙައްޖުގެ މަތިވެރި އަޅުކަން މިއަހަރު އަދާކޮށްފައެވެ. "ސަޢޫދީ ގެޒެޓް" ގެ ފަރާތުންވަނީ ލޫން އާއި މިނާގައި ބައްދަލުކޮށް އޭނާގެ ބަސްދީގަތުމެއް ހޯދާފައެވެ. އޭނާގެ ދިރިއުޅުމާއި ތަޖުރިބާއާއި ސަޢޫދީ ގެޒެޓާއި ޙިއްޞާކުރިއެވެ.
އަމިއްލަ ތަޢާރަފެއް ދެއްވަފާނަންތޯ؟
އަހަރެން އުފަންވީ އަދި އުޅެ ބޮޑުވީ އެމެރިކާގެ ނިއުޔޯކް ސިޓީގައި. އަހަރެން އުޅުނީ ހާލެމް ކިއުނު ހިސާބުގައި. އެއީ އެހާ ރީތި ސަރަޙައްދެއް ނޫން. އަހަރެން އިސްލާމްވީ 2008 ވަނަ އަހަރު އެކުވެރި ޢަރަބި ޢިމާރާތަށް (ޔުނައިޓެޑް އެރެބް އެމިރޭޓްސް) ކުރެވުނު ޒިޔާރަތެއްގައި.
ރެޕް ލަވަކިއުންތެރިއަކަށްވީ ކިހިނެއްތޯ؟
ލަވަކިއުންތެރީންނަށް ލަވަ ހަދައި ބަސްތައް އަމުނައިހަދަން އަހަރެންނަށް ވަރަށް ފަސޭހަ. އަހަރެން ލިއުނު ބައެއް ލަވަތަކަކީ މިހާރުވެސް މަޝްހޫރު ލަވަތަކެއް.
އިސްލާމްދީން އިޚްތިޔާރުކުރެވުނީ ކީއްވެތޯ؟
ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ ތެރޭގައި މުސްލިމުންނާ އެތައް ފަހަރަކު ދިމާވި. ފަހަރަކަށްވުރެ ފަހަރަކު އަހަރެން ދިޔައީ އިސްލާމްދީނާމެދު ޝައުޤުވެރިވަމުން. ނަތީޖާއެއްގެ ގޮތުން އެކުވެރި ޢަރަބި ޢިމާރާތަށާއި، ސެނެގާލް އަދި ކަޒަކްސްތާނަށް އަހަރެން ދިޔައިން. އަހަރެންނަށް ފާހަގަކުރެވުނީ އެކުވެރި ޢަރަބި ޢިމާރާތުގައި މުސްލިމުން ފާޅުގައި އަޅުކަންކުރަމުން ދިޔަތަން. އެހެންކަމުން، މީޑިއާއިން މުސްލިމުންނާ ދޭތެރޭ އުފައްދާފައިވާ ތަޞައްވުރާއި ޚިލާފު ތަޞައްވުރެއް އަހަރެންނަށް ޙަޤީޤަތުގައި ފެނުނީ. ސެނެގާލްގެ ގިނަ ރައްޔިތުންނަކީ މުސްލިމުންކަންވެސް އެނގުނު. އެއީވެސް ލިބުނު ހިތްވަރެއް. ކަޒަކްސްތާނުގައި އަހަރެންގެ ރައްޓެއްސެއްކައިރީ އެހިން ޢަރަބިން "ހަލޯ" އޭ ބުނާނީ ކިހިނެއްތޯ؟ ޖަވާބުގައި އޭނާ ބުނީ "އައްސަލާމް ޢަލައިކުމް" ކަމަށް. މީގެ އިތުރުން އިސްލާމްދީން ފެތުރިފައިވީ މިންވަރުން މިއީ ޢާލަމްތަކަށް އައި ދީނެއްކަމަށް އަހަރެންނަށް ޤަބޫލުކުރެވުނު.
ފުރަތަމަ ފަހަރަށް ބަންގީގެ އަޑު އިވުމުން ކޮންކަހަލަ އިޙްސާސްތަކެއްތޯ ކުރެވުނީ؟
އަހަރެންނަށް ހުއްޓެމުއް އައި. އަދި ހިތުގެ އެންމެ ފުންމިނަށް އަސަރުކުރި. އަހަރެންނަކީ މީހުންގެ ހިތާއި ކުޅެލެވޭނޭފަދަ މިއުޒިކާއި ލަވަ އުފެއްދޭތޯ ސްޓޫޑިއޯގައި އެތައް ގަޑިއިރެއް ހޭދަކުރި މީހެއް. އެހެނެއްކަމަކު، ބަންގީގެ އަޑަކީ ސާދާ، ޝައުޤުވެރި އަޑެއް. ބުނެދޭން ނޭނގޭފަދަ ގޮތަކަށް އަހަރެންގެ ހިތާއި މިހާރުވެސް ކުޅެލާ.
ޝަހާދަތް ކިއުއްވީ ކޮންތާކުތޯ؟
އެއީ އަބޫ ދާބީގައި އަހަރެން ހުއްޓާ. ފަތިހުގެ އެގަޑިއަކީ ﷲ ގެ އުފެއްދެވުމާމެދު އަހަރެންނަށް ފުރަތަމަ ފަހަރަށް ވިސްނާލެވުނު ވަގުތު. އެވަގުތު ގެއްލުވާނުލުމަށް އަހަރެން ޢަޒުމު ކަނޑައެޅިން. އަހަރެންނަށް ބުނެދެވޭނީ މުސްލިމަކަށްކަން އަހަންނަށް އެނގުނު. އެހެންކަމުން ހޮޓަލުގެ ލޮބީއާއި ދިމާލަށް އަހަރެން ދުއްވައިގަތިން. އަދި ފުރަތަމަ ދިމާވި މުސްލިމް މީހާ ކައިރިން އަހަރެން އިސްލާމްވާނީ ކިހިނެއްތޯ އެހިން. ކަނާއަތް މައްޗަށް ނަގައި، ޝަހާދަތް އިނގިލިން އިޝާރާތްކޮށް، ޝަހާދަތްކިއުމަށް އޭނާބުނި. ޝަހާދަތުގެ ދެކަލިމައިގެ ފަސޭހަކަމުގެ ސަބަބުން ދީނުގެ އޮތް ލުއިފަސޭހަކަން އަހަންނަށް ފެނުނު. ކުރިން އަހަރެން އުޅެމުންދިޔައީ އެއްވެސް ރޭވުންތެރިކަމެއްނެތް ދިރިއުޅުމެއްގައި.
އިސްލާމްވުމުގެ ކުރީގައި ކޮން ދީނަކަށްތޯ އުޅުއްވީ؟
އަހަންނަކީ އޭރު ކްރިސްޓިއަނެއް. އަހަރެންގެ މާމައަކީ ދީންވެރި ކްރިސްޓިއަނެއް. އަހަރެންވެސް ފައްޅީގައި ވަރަށް ހީވާގިކޮށް އުޅުނިން. ހަފްތާއަކު ހަ ދުވަސް އެތާނގައި ހޭދަކުރަން. ޕިއާނޯކުޅެ ބައިބަލް ދަސްކުރިން. ބައިބަލްގައި ހުރި ދެކޮޅުނުޖެހުންތައް އަހަރެންނަށް އެނގުނީ ފައްޅިން. އެހިސާބުން އަހަރެން ވިސްނަން ފެށީ.
އިސްލާމްވުމުގެ ކުރީގައި އިސްލާމްދީނާމެދު ދެކުނީ ކިހިނެއްތޯ؟
އަބަދުވެސް އަހަރެން މުސްލިމުން ދަންނަން. އަހަރެން އުޅޭ ހިސާބުގައި ޔަމަން، ޕާކިސްތާން އަދި އެފްރިކާގެ މުސްލިމުން އުޅޭ. މުސްލިމުންނާއި ދޭތެރޭގައި އެއްވެސް ނޭދެވޭ ގޮތަކަށް އަހަރެން ނުދެކެން. އެހެންނަމަވެސް، ބައެއް މީހުންގެ އުޅުމާއި އަޚްލާޤުގެ ސަބަބުން އަހަރެން އިސްލާމްވުމަށް ހުރަސްއެޅުނު. ނަމަވެސް އިސްލާމްދީނުގެ ފުރިހަމަކަން އެނގުނު ހިނދު، އަހަރެން އިސްލާމްވީ.
މިހާތަނަށް ތިއުޅުއްވީ ވަރަށް މުއްސަނދި ދިރިއުޅުއްވުމުއްގައި. އެހުރިހާކަމެއް ދޫކޮށްލީ ކީއްވެތޯ؟
ވަރަށް ގިނަ މީހުން ކާމިޔާބުވުން ސިފަކުރަނީ މާއްދީގޮތުން މީހާ ކުރިއެރުމަށް. އެހެނަސް އެއީ ޙަޤީޤަތެއްނޫން. އެއްވެސް ގޮތަކަށް ނުގަނެވޭނެ އެއްޗަކީ ނަފްސުގެ ހަމަޖެހުން. އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބުނު. އަހަރެން މަޝްހޫރުވެ ކާމިޔާބުވީ ވަރަކަށް އަހަރެންނަށް އެއްވެސް ހިތްހަމަޖެހުމެއް ނެތްކަން އިހްސާސްވާގޮތް ބޮޑުވި. މަރަކީ ޙަޤީޤަތެއް. އަހަރެންނަށް މާއްދީ ގޮތުން ލިބިފައިހުރި އެއްވެސް އެއްޗެއް މަރާއެއްކޮށް ނުގެންދެވޭނެކަން އެނގޭއިރު އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭނީ ކިހިނެއް؟ ﷲ ސުބުޙާނުހާ ވަތަޢާލާ އަހަރެންގެ ދުޢާ އިޖާބަކުރެއްވީ. އަހަރެން ބޭނުންވީ މިދުނިޔޭގެ ދިރިއުޅުމާއި ދުނިޔޭގައި މިބުނެވޭ ކާމިޔާބުތަކުން ދުރުވުން. އަހަރެންނަށް ޙަޤީޤީ މުއްސަނދިކަން އިހްސާސް ކުރެވެނީ ﷲ އަށް އަޅުކަން ކުރުމާއި އިސްލާމް ދީނުގެ މަޢުލޫމާތު ހޯދުމުން.
"ވަރަށް ގިނަ މީހުން ކާމިޔާބުވުން ސިފަކުރަނީ މާއްދީގޮތުން މީހާ ކުރިއެރުމަށް. އެހެނަސް އެއީ ޙަޤީޤަތެއްނޫން. އެއްވެސް ގޮތަކަށް ނުގަނެވޭނެ އެއްޗަކީ ނަފްސުގެ ހަމަޖެހުން. އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބުނު. އަހަރެން މަޝްހޫރުވެ ކާމިޔާބުވީ ވަރަކަށް އަހަރެންނަށް އެއްވެސް ހިތްހަމަޖެހުމެއް ނެތްކަން އިހްސާސްވާގޮތް ބޮޑުވި. މަރަކީ ޙަޤީޤަތެއް. އަހަރެންނަށް މާއްދީ ގޮތުން ލިބިފައިހުރި އެއްވެސް އެއްޗެއް މަރާއެއްކޮށް ނުގެންދެވޭނެކަން އެނގޭއިރު އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭނީ ކިހިނެއް؟ ﷲ ސުބުޙާނުހާ ވަތަޢާލާ އަހަރެންގެ ދުޢާ އިޖާބަކުރެއްވީ. އަހަރެން ބޭނުންވީ މިދުނިޔޭގެ ދިރިއުޅުމާއި ދުނިޔޭގައި މިބުނެވޭ ކާމިޔާބުތަކުން ދުރުވުން. އަހަރެންނަށް ޙަޤީޤީ މުއްސަނދިކަން އިހްސާސް ކުރެވެނީ ﷲ އަށް އަޅުކަން ކުރުމާއި އިސްލާމް ދީނުގެ މަޢުލޫމާތު ހޯދުމުން." - ލޫން
ރެޕް މިއުޒަކާއި ލަވަތައް ހެދުމުގައި މަޝްޣޫލުވެފައިވާ ގިނަ ޢަދަދެއްގެ މުސްލިމް ޒުވާނުންނާއި ދޭތެރޭ ދެކެނީ ކިހިނެއްތޯ؟
ﷲ އަހަރެމެން އެންމެންނަށްވެސް ތެދުމަގު ދައްކަވާށި. ﷲ އަށް އަހަރެމެން ބިރުވެރިވާންޖެހޭނެ. މިއުޒިކް އަޑުއަހައި އެކަހަލަ ދިރިއުޅުމެއްގައި އުޅެން މަސައްކަތްކޮށްގެން ލިބޭނޭ އެއްވެސް ފައިދާއެއް ނެތް. މުޅި ދުނިޔޭގައި ޒުވާނުންނަށް ނުފޫޒު ފޯރުވަމުންދާއިރު އެކަހަލަ ނުފޫޒެއްގައި ނުޖެހި ދިއުން ދަތިވާނެ. ތައުޙީދުގެ މިބިމުގައިތިބި ސައޫދީގެ ޒުވާނުންނަށް ބުނެލަން އޮތީ ރެޕް ލަވައެއްގެ ސަބަބުން ހޯދައި ނުގަނެވޭނެ ޝަރަފަކާއި ޢިއްޒަތެއް ތިކުދިންނަށް ލިބިގެންވެއޭ. "ފިފްޓީ ސެންޓަށް" ވުމަކީ ފަސޭހަ ކަމެއް. އެހެންނަމަވެސް، ޢުމަރު ބުނުލް ޚައްޠާބު އަދި އަބޫ ބަކުރު އައް ޞިއްދީޤަށް ވުމަކީ ފަސޭހަ ކަމެއްނޫން. އެހެނީ، އިސްލާމްދީނަކީ އެހެން ހުރިހާ އެއްޗަކުން ލިބޭނޭ ޢިއްޒަތަށްވުރެ މަތިވެރި ޢިއްޒަތެއް ލިބޭނޭކަމެއް.
"ﷲ އަހަރެމެން އެންމެންނަށްވެސް ތެދުމަގު ދައްކަވާށި. ﷲ އަށް އަހަރެމެން ބިރުވެރިވާންޖެހޭނެ. މިއުޒިކް އަޑުއަހައި އެކަހަލަ ދިރިއުޅުމެއްގައި އުޅެން މަސައްކަތްކޮށްގެން ލިބޭނޭ އެއްވެސް ފައިދާއެއް ނެތް. މުޅި ދުނިޔޭގައި ޒުވާނުންނަށް ނުފޫޒު ފޯރުވަމުންދާއިރު އެކަހަލަ ނުފޫޒެއްގައި ނުޖެހި ދިއުން ދަތިވާނެ. ތައުޙީދުގެ މިބިމުގައިތިބި ސައޫދީގެ ޒުވާނުންނަށް ބުނެލަން އޮތީ ރެޕް ލަވައެއްގެ ސަބަބުން ހޯދައި ނުގަނެވޭނެ ޝަރަފަކާއި ޢިއްޒަތެއް ތިކުދިންނަށް ލިބިގެންވެއޭ. "ފިފްޓީ ސެންޓަށް" ވުމަކީ ފަސޭހަ ކަމެއް. އެހެންނަމަވެސް، ޢުމަރު ބުނުލް ޚައްޠާބު އަދި އަބޫ ބަކުރު އައް ޞިއްދީޤަށް ވުމަކީ ފަސޭހަ ކަމެއްނޫން. އެހެނީ، އިސްލާމްދީނަކީ އެހެން ހުރިހާ އެއްޗަކުން ލިބޭނޭ ޢިއްޒަތަށްވުރެ މަތިވެރި ޢިއްޒަތެއް ލިބޭނޭކަމެއް." - ލޫން
ޢަރަބި ބަސް ދަސްކުރައްވަންތޯ؟
އަހަރެން މިސްރުގައި އުޅޭތާ އަހަރެއްހާ ދުވަސްވެއްޖެ. އަހަރެން ޢަރަބި ދަސްކުރަނީ ޤުރުއާންގެ މާނަ ދެނެގަތުމަށްޓަކައި. އަހަރެން ޤަބޫލުކުރާގޮތުގައި ހުރިހާ މުސްލިމުންވެސް ޢަރަބި ދަސްކުރުމަކީ މުހިންމު ކަމެއް. އޭރުން ޤުރުއާން ފަހުމްކުރަން ފަސޭހަވާނެ.
ކީއްވެތޯ މިޞްރު އިޚްތިޔާރުކުރެއްވީ؟
މިޞްރު އިޚްތިޔާރުކުރީ ބައިވަރު ސަބަބުތަކަށްޓަކައި. ފުރަތަމަ ސަބަބަކީ މިތާގެ ގިނަ ޒުވާނުންނަކީ ހިޕް ހޮޕް ލަވަ ތަކަށް ގެއްލިފައިތިބޭ ބައެއް ނޫން. އެހެންކަމުން ގިނަ ޒުވާނުންގެ ފަރާތުން ސަމާލުކަން ލިބުމާއި ދުރުވޭ. ކުވައިތު، އެކުވެރި ޢަރަބި ޢިމާރާތް ނުވަތަ ސަޢޫދީ ޢަރަބިއްޔާގައި ޒުވާނުން އަހަރެން ދަނޭ. އަހަރެން ބޭނުންވީ މިޞްރުގައި ހުރެގެން އިސްލާމްދީން ދަސްކުރުމާއި އަހަރެންގެ ސަލާމަތްކަންވެސް ހޯދުން. އެހެނީ، މުސްލިމަކަށްވުމުގެ ކުރީގައި އަހަރެންނަކީ އެއްވެސް ރައްކާތެރިކަމެއްނެތް މީހެއް. މުސްލިމް ޤައުމަކަށް އުފަންވުމަކީ މުސްލިމް ޒުވާނުންނަށް ލިބޭ ނަޞީބެއް.
ޙައްޖާ ދޭތެރޭ ދެކިލައްވަނީ ކިހިނެއްތޯ؟
ޙައްޖަކީ ވަރަށް މަތިވެރި ރޫޙާނީ އަޅުކަމެއް. އެއީ އިމްތިޙާނެއް. އެހެނީ އެތައް މިލިއަން މީހުންނާއި އެއްކޮށް އެއް މަޤްޞަދެއްގައި ކުރެވޭ އަޅުކަމެއް މިއީ. ތިބާގެ ނަފްސުވެސް އިމްތިޙާނުކުރެވޭ ދިމާވާ ޙާލަތްތަކާއި ގުޅިގެން. ﷲ އަހަރެމެން އެންމެންނަށްވެސް ފަސޭހަ ކުރައްވާށި.
ޙައްޖުގެ އިންތިޒާމްތަކާއި ދޭތެރޭ ދެކިލައްވަނީ ކިހިނެއްތޯ؟
ޙައްޖުވެރިންގެ ސަލާމަށްޓަކައި ސަޢޫދީ ސަރުކާރުން ކުރާ މަސައްކަތްތަކަށް ﷲ ހެޔޮ ދަރުމަ ދެއްވާށި.
"ރެޕް" ލަވަކިޔަން ބޭނުންވާ ފަރާތްތަކަށް ބުނުއްވާނެ އެންމެ ފަހުގެ ބަހަކީ ކޮބައިތޯ؟
ތިބާއަށް ތިބާގެ ވަގުތާއި، ޒުވާންކަމާއި މުދަލާއި ބެހޭގޮތުން ސުވާލުކުރެވޭނެ. މިއުޒިކާއި ޖެހިގެން މިކަންތައްތައް އިސްރާފުކޮށްނުލާ. އަހަރެން އުޅެ ބޮޑުވިތަނުގައި އުޅޭ ގޭންގްސްޓާރުން އެންމެ ފަހުން ދަނީ ދެތަނަކަށް: ކަށްވަޅަށް ނޫނީ ޖަލަށް. ގެއްލުންދެނިވި ކަންކަމުގައި ތިބާގެ އުމުރު ހުސްކޮށްނުލާ. ޤުރުއާނާއި ސުންނަތަކީ އެއަށް ތަބާވުން އެންމެ އައުލާކަން ބޮޑު މަގު.
"ތިބާއަށް ތިބާގެ ވަގުތާއި، ޒުވާންކަމާއި މުދަލާއި ބެހޭގޮތުން ސުވާލުކުރެވޭނެ. މިއުޒިކާއި ޖެހިގެން މިކަންތައްތައް އިސްރާފުކޮށްނުލާ. އަހަރެން އުޅެ ބޮޑުވިތަނުގައި އުޅޭ ގޭންގްސްޓާރުން އެންމެ ފަހުން ދަނީ ދެތަނަކަށް: ކަށްވަޅަށް ނޫނީ ޖަލަށް. ގެއްލުންދެނިވި ކަންކަމުގައި ތިބާގެ އުމުރު ހުސްކޮށްނުލާ. ޤުރުއާނާއި ސުންނަތަކީ އެއަށް ތަބާވުން އެންމެ އައުލާކަން ބޮޑު މަގު." - ލޫން
_________
މަޞްދަރު: ސަޢޫދީ ގެޒެޓް

ކޮމެންޓް (0)
ލޯޑް ކުރަމުން...