ދިއިސްލާމް އިޓަލީގެ ބޮޑުވަޒީރު ބާލުސްކޯނީ އިސްތިއުފާ ދެއްވައިފި

އިޓަލީގެ ބޮޑުވަޒީރު ބާލުސްކޯނީ އިސްތިއުފާ ދެއްވައިފި

އިޓަލީގެ ބޮޑުވަޒީރު ބާލުސްކޯނީ އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބާލުސްކޯނީ މަޤާމުން އިސްތިއުފާދެއްވުމަށް ފަހު އޭނާ ކުރިން ހުންނެވި ސަރުކާރުގެ މަރުކަޒުން ނިކުމެވަޑައިގަންނަވަނީ

އިޓަލީގެ ބޮޑުވަޒީރުގެ މަޤާމުން ސިލްވިއޯ ބާލުސްކޯނީ ރޭ އިސްތިއުފާ ދެއްވައިފިއެވެ.

ބާލުސްކޯނީ އިސްތިއުފާ ދެއްވީ އިޓަލީގެ ސިޔާސީ މަސްރަހުގައި 17 އަހަރު އިސްކޮށް އުޅުއްވުމަށް ފަހުއެވެ. އިސްތިއުފާ ދެއްވުމަށްފަހު ބާލުސްކޯނީ އިޓަލީގެ ވެރިރަށުގައި އޭނާ އުޅުއްވި މަރުކަޒުން ނުކުންނެވި އިރު އެކަން ފާހަގަކުރުމަށްޓަކައި 1,000 ވަރަކަށް މީހުން އެތަނަށް އެއްވިއެވެ.

ބާލުސްކޯނީގެ އިސްތިއުފާގެ ސިޓީ އިޓަލީގެ ރައީސް ޖޯޖިއޯ ނަޕޮލިޓާނޯ އަށް އެރުވީ، ޔޫރަޕްގެ އިއްތިހާދުން ހުށަހެޅި އޮސްޓެރިޓީ ޕެކޭޖްގެ (ޚަރަދު ކުޑަކުރުމުގެ ޕެކޭޖެއް) ސިޔާސަތުތައް އިޓަލީގެ ޕާލަމެންޓްގެ ދަށުގެއިން ފާސްކުރި ފަހުން، ރޭގެ ވަގުތެއްގައި ކަމަށް ރޮއިޓަރސް އިން ބުނެއެވެ.

ބާލުސްކޯނީގެ ބަދަލުގައި ދެން މަޤާމަށް ހަމަޖައްސަވާނެ ކަމަށް ބެލެވެނީ ޔޫރަޕް އިއްތިހާދުގެ ކުރީގެ ކޮމިޝަނަރ މާރިއޯ މޯންޓީ އެވެ.

އުމުރުން 75 އަހަރުގެ ބާލުސްކޯނީގެ މަޤްބޫލްކަން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ދަށްވެފައެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި އޭނަގެ މަޤްބޫލްކަން 22% ށް ދަށަށް ވެއްޓުނީ ޔޫރަޕް ސަރަހައްދަށް ކުރިމަތިވެފައިވާ އިޤްޠިޞާދީ ލޮޅުންތަކުގެ މައްޗަށް އޭނަގެ ސަރުކާރުން ބަލާލެވިފައި ނުވާތީ އެވެ. އޭގެ އިތުރުން، ބާލުސްކޯނީ އަށް ވަނީ ރިޝްވަތާއި، ޓެކްސް ނެގުމުގައި މަކަރު ހެދުމާއި، ނާޖާއިޒް ގޮތުގައި ބާރުގެ ބޭނުންކުރުމުގެ ޤާނޫނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ.

އިޓަލީގެ ދަރަނި ވަނީ އެޤައުމުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓްގެ (ޖީޑީޕީ) ގެ 120% ގައެވެ. މިއަހަރުގެ އޯގަސްޓް މަހުގައި އެޤައުމުން ވަނީ 2013 ވަނަ އަހަރުގެ ބަޖެޓް ހަމަޖެއްސުމަށް 60 ބިލިއަން ޔޫރޯގެ އޮސްޓެރިޓީ ޕެކޭޖެއް (ޚަރަދު ކުޑަކުރުމުގެ ޕެކޭޖެއް) ފާސްކޮށްފައެވެ.

އިޓަލީ އަށް ކުރިމަތިވެފައިވާ މި އިޤްޠިޞާދީ ލޮޅުންތައް، ގްރީސް އާއި، އަޔަލެންޑް އަދި ޕޯޗްގަލް އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑުވެދާނެ ކަމަށްޓަކައި ޔޫރަޕްގެ އިއްތިހާދުގެ އިސްވެރިން ވަނީ ކަންބޮޑުވެފައެވެ.

_________

މަސްދަރު : ޕްރެސް ޓީވީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.