ދިއިސްލާމް ސާކް ސަމިޓްގެ ހަވާސާ – ލާދީނީ ކަންތައްތަކުން ދިވެހި ފަސްގަނޑު ނުޠާހިރުކުރަނީ!!!

ސާކް ސަމިޓްގެ ހަވާސާ – ލާދީނީ ކަންތައްތަކުން ދިވެހި ފަސްގަނޑު ނުޠާހިރުކުރަނީ!!!

ސާކް ސަމިޓްގެ ހަވާސާ – ލާދީނީ ކަންތައްތަކުން ދިވެހި ފަސްގަނޑު ނުޠާހިރުކުރަނީ!!!

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބާއްވާ 17 ވަނަ ސާކް ސަމިޓާ ދިމާކޮށް އެ ސަރަޙައްދަށް ވަނީ އުމްރާނީގޮތުން ބޮޑެތި ތަރައްޤީތަކެއް ގެނެސްދީފައެވެ. ތެދެކެވެ. ރީތި، މޮޅު ޢިމާރާތްތައް އަޅައިފިއެވެ. މަގުތަކުގައި ތާރައަޅައި، ގާއަޅައި، މަގުތައް ހަދާދީފިއެވެ. ވިޔަފާރި އަށް ފުރުޞަތު ހޯދަދީފިއެވެ. ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ބޭނުންކުރި ކުރިން ދޫގަސް ވެސް މިހާރު ބަނގުރަލުގެ ހިދުމަތް ލިބޭ ގޮތަށް އެތަންވެސް "ރިސޯޓަކަށް" ބަދަލުކޮށްދީފިއެވެ.

އެ ސަރަހައްދުގެ ބައެއް ރައްޔިތުންގެ ހިތްތައް ވަނީ "އުފަލުން ފޮޅިފައި" ކަމަށް ވެއެވެ. "މިވަރުގެ ކަމެއް އަދި އަހަރެމެން ނުދެކެން. މިތިބެނީ އުފަލުން ގޮސް ކުރާނެ ކަމެއް ވެސް ނޭނގިފައި" ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވާފައި، ދަނޑިވަޅުގެ ނާޖާއިޒް ގޮތުގައި ބޭނުން ހިފާ، ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ، އެސަމިޓްގެ އަސްލު "ޗާޓުން" ބޭރުން މިއަދުގެ ސަރުކާރުން ސިއްރުގައާއި ފާޅުގައި ދަނީ ދިވެހި ފަސްގަނޑު ނުޠާހިރުކުރަމުންނެވެ. އެބައިމީހުން ވަނީ ލާދީނީ އެތައް ކަންތައްތަކެއް ބުނެ ދިވެހި ޖައްވުގައި ކުރަން ފަށާފައެވެ.

ތިމާ ނިސްބަތްވާ ނުވަތަ ސަޕޯޓް ކުރާ ޕާޓީ ކަމަށް ވުމުން، އެއީ އެމްޑީޕީ ކަމަށް ވިޔަސް، އެހެން ޕާޓީ އެއް ކަމަށް ވިޔަސް، ދިވެހި ބިމުގައި ލާދީނީ ކަންތައްތައް ކުރަމުންދާއިރު އެކަމާ ދެކޮޅަށް އެއްވެސް އެއްޗެކޭ ނުބުނެ ލޮނުމަޑުވެފައި ތިބެން ހެޔޮވާނެ ހެއްޔެވެ؟ ނޫނެކެވެ. ދިވެހިން ހޭއަރަން ވެއްޖެއެވެ. މަޑުން ތިބެވޭކަށް ނެތެވެ. މިއަދު އެބައިމީހުން އެކުރަމުން ދަނީ އިސްލާމް ދީނަށް ލޮޅުން އަރާފަދަ ކިތައް ކިތައް ކަންތޯ ލޯހުޅުވައި ރަނގަޅަށް ބަލަން ވެއްޖެއެވެ. އެކަންތައްތައް ހުއްޓުވަން ލަސްނުކޮށް ނިކުންނަން ވެއްޖެއެވެ.

މި ކަންތައްތަކުގެ ތެރެއިން މިހާރު ފާޅުވެ، ކަޝްފުވެފައިވާ ދެތިން ކަމަކަށް ބަލާލާނަމެވެ.

1- ޘަޤާފީ ކުޅިވަރުގެ ނަމުގައި ލާދީނީ ޝިޢާރުތައް ފާޅުކުރުން :

ސާކް ސަމިޓުގެ ހަވާސާގައި ކަމަށް ބުނެ މިހާރު ފަށާފައިވާ ޘަޤާފީ ކުޅިވަރުތަކުގެ ތެރޭގައި ދަނީ ލާދީނީ ޝިޢާރުތައް ފާޅުކުރަމުންނެވެ. މިމަހުގެ 5 ވަނަ ދުވަހުގެރޭ (އަޟްހާ ޢީދު ވިލޭރޭ) އައްޑޫ ސިޓީގެ މަރަދޫ އަވަށުގައި ބޭއްވި ޝޯއެއްގައި ވަނީ ވަރަށް ބޮޑަށް ބުދު ދީނުގެ ޝިޢާރު ފާޅުކޮށް، އިންޑިއާގެ އަންހެނުންގެ ފާޙިޝް އަދި ހުތުރުކަން ބޮޑު ނެށުންތައް ދައްކާފައެވެ.  މި ނެށުމުގައި ބުދު ދީނުގެ ކަލާނގެ ސިފަކޮށްދޭ ނެށުންތައް ދައްކާފައި ވެއެވެ.  މި ނެށުމުގެ ފޮޓޯތައް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ އާއްމުވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން އައްޑޫގެ ބައެއް ފަރާތްތަކުންނާއި ބައެއް ދިވެހިން ވަނީ މިއީ މާބޮޑު ކަމެއް ނޫން ކަމަށާއި، ތިމަންނަމެން ފިލްމުތަކާއި ޑްރާމާތަކުން ވެސް މިފަދަ މަންޒަރު ބަލާ ކަމަށް ބުނެފައެވެ. އެމީހުންގެ އިސްލާމީ އަޤީދާ އާއި އީމާންތެރިކަމަށް މިފަދަ ހުތުރު ނެށުންތަކުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެމީހުން ދައުވާކުރެއެވެ.

ނަމަވެސް، ލާދީނީ ޝިޢާރު ފާޅުކޮށް އެއްކައުވަންތަ ﷲ އަށް ޝިރުކުކުރާ މަންޒަރު ބަލަން އެއްވެސް ނުރުހުމެއްނެތި ތިބުމަކީ ކޮންފަދަ ނުބައި، ހުތުރުކަން ބޮޑުވެގެންވާ ފާފައެއްތޯއެވެ؟ މިފަދަ ކަންތައްތައް މުސްލިމުންގެ ފަސްގަނޑުގައި ކުރުން މަނާކުރައްވާ، ޝިރުކުގެ ނުޠާހިރުކަމުން މި ބިންމަތި ސާފުކުރެއްވުމަށް ﷲ ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންނަށް ވުރެވެސް މިހާރު މިއުޅޭ މުސްލިމުންގެ އަޤީދާ އާއި އީމާންތެރިކަން ހަމަ ވަރުގަދަ ކަމަށް ވަކާލާތުކުރަނީ ހެއްޔެވެ؟ ނޫނެކެވެ. ހަމަހިލާ އެހެނެއް ނުވާނެއެވެ.

2- އީސާގެފާނުގެ ސޫރަ ކުރަހައި، ފުރައްސާރަކޮށް އެހެނިހެން ލާދީނީ ޝިޢާރު ފާޅުކުރުން :

ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ކްރިސްޓިއަންދީނުގެ ޝިޢާރުކަމަށް ލާދީނީ މީހުން ބޭނުންކުރާ، އީސާގެފާނުގެ ސޫރަ ހިމެނޭ ބެނާތަކެއް އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ހިސާބުތަކުގައި ވަނީ ހަރުކޮށްފައެވެ. އެއާޕޯޓްގައި މަސައްކަތްކުރާ ޒުވާނަކު ބުނީ އެ ބެނަރތަކުގައި ހިމެނެނީ ހަމައެކަނި ކްރިސްޓިއަން ދީނުގެ ނިޝާން އެކަންޏެއް ނޫން ކަމަށާއި، ބުދު ދީނާއި އެހެނިހެން ދީންތަކުގެ ޝިޢާރު ފާޅުވާފަދަ ކުރެހުން ވެސް ދައްކުވާ ކަމަށެވެ.  އެ ބެނަރތައް ކުރެހީ މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޑިޒައިނިން ކޮންސަލްޓެންޓް މޫއިންކު ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނީގެ ކްރިއޭޓިވް ޑައިރެކްޓަރ އަލީ ސައީދު ވިދާޅުވީ އެކުރެހުން ކުރަހާފައި ވަނީ ކެބިނެޓުން ފާސްކުރި، ސާކުގެ ގައުމުތަކުގެ ތައުލީމާއި ދީނާއި އަދި ޘަޤާފަތް ރަމްޒްކޮށްދޭ 5 ތީމެއްގެ މައްޗަށް ބަލައިގެން ކަމަށެވެ. އަދި އެ ކުރެހުމުގައި އީސާގެފާނުގެ ސޫރަ ހިމެނެނީ ސާކުގެ 8 ގައުމުގައި، 10 ދީނެއްގެ މީހުންވެސް އުޅޭކަން ރަމްޒުކޮށްދިނުމަށް ކަމަށެވެ.

ދީނީ އަދި އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ފުޅާގޮތެއްގައި މަސައްކަތްކުރާ ޖަމްޢިއްޔަތުއްސަލަފުން ވަނީ އެކަން ކުށްވެރިކޮށް އިއްޔެ ކުއްލި ނޫސްބަޔާނެއް ނެރެފައެވެ. ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ސޮއިކުރައްވާ ނެރެފައިވާ އެ ބަޔާނުގައި ބުނަނީ މާތް ﷲ ފޮނުއްވާފައިވާ އެއްވެސް ނަބިއްޔެއްގެ ޤަދަރުކުޑަވާފަދަ ކަމެއް ކުރުމަކީ އިސްލާމްދީނުން ބޭރުވެ، މުރުތައްދުވާނެ ކަމެއް ކަމަށެވެ. ޢީސާ އަލައިހިއްސަލާމްގެ ކަރާމަތަށް ހުތުރުވާފަދަ އެއްވެސް ރަމްޒެއް ވިޔަސް، އެފަދަ ނިޝާނެއް ވިޔަސް އަދި ކުރެހުމެއް ވިޔަސް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާ އަދި އެކަންކަން ލޮލަށް ހާނުވާލައިގެން ތިބުމީވެސް އެއްވެސް ޙާލެއްގައި މުސްލިމުންގެ ތެރޭގައި ހުއްދަކުރެވޭނެ ކަންކަމެއް ނޫން ކަމުގައި ސަލަފުން ބުންޏެވެ.

ނަބިއްޔުންގެ ކަރާމާތް ނަގާލައި، އިސްލާމްދީނުގެ އަޤިދާ ފުނޑުފުނޑުކޮށް އިސްލާމްދީނަށް ގޮންޖަހާލަން މަސައްކަތްކުރާ އަނިޔާވެރި ބައެއްގެ ސަބަބުން ދިވެހި އުއްމަތުގައި ތިބި ޣީރަތްތެރި މުސްލިމުން، އިސްލާމްދީނާއި ނަބިއްޔުންގެ ދިފާޢުގައި ޖިހާދުކުރުމަށް ނުތެދުވަނީސް، ނޭއްގާނީ އެންމެހާ ކަމެއް ހުއްޓުވައި، ދިވެހި ޖައްވު ޠާހިރުކޮށްދިނުމަށް ސަލަފުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

3- އައްޑޫ ސިޓީގެ ހިތަދޫގައި ކާފަރުން އަޅުކަންކުރާ ބުދުތައް ހިމެނޭ ބިނާއެއް ބެހެއްޓުން

އައްޑޫ ސިޓީ ހިތަދޫގެ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ކާފަރުން އަޅުކަންކުރާ ބުދުތައް ހިމެނޭ ބިނާއެއް ބަހައްޓާފައި ވަނީ އިއްޔެއެވެ. އެ ބިނާ ބަހައްޓާފައިވާ ސަރަހައްދަށް އެއަވަށުގައި އުޅޭ ރައްޔިތުން އެއްވެ އެކަމާ ދެކޮޅަށް ރޭ މުޒާހަރާ ކުރުމުން ރޭ އެ ބިނާ ވަނީ އެތަނުން ނަގާފައެވެ. ނަމަވެސް، ފަހުން އަނެއްކާވެސް ބުދުތައް ހިމެނޭ އެ ބިނާ ސަރުކާރުން ވަނީ އަލުން އެތަނުގައި ބަހައްޓާފައެވެ.

އެ މޮނިއުމަންޓްގައި ކަނޑާނަގާފައި ހަދާފައި ހުރި ބުދުތަކާމެދު އެއީ ބުދުތަކަށް ވާނެތޯ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް އެއްބަސްވެނުލައްވައެވެ. އަދި އޭނާ ވަނީ އޭގައި ހުރީ ބުދުތަކެއްތޯ ސުވާލު އުފައްދަވާފައެވެ.

“ފުރަތަމަ ކަނޑައަޅަންވީ ކުރެހުމެއް ބުދަކަށް ވާނެތޯ؟ އެ މޮނިއުމަންޓުގައި ހުރި ފޮތެއްގެ ސިފަ ވެސް ފެންނަން. ހަނދުފަޅިއެއް ހުންނާނެ. ހަނދުފަޅި ރަމްޒުކޮށްދެނީ އިސްލާމްދީން. ވެދާނެ ނޫންތޯ އެ މޮނިއުމަންޓުން ދައްކަނީ ބުދު ދީނުގައި ތިބި ބަޔަކު އިސްލާމްދީނަށް ބަދަލުވި ވާހަކަ ކަމަށް ވެސް؟” އެމްޑީޕީ އަށް ނިސްބަތްވާ ޞާދިޤް ރޭ "ހަވީރު" ނޫހަށް ވިދާޅުވިއެވެ. އެ މޮނިއުމަންޓްގެ މަތީގައި ހުރި ބޮޑު ބުދުން ދައްކުވަނީ ޕާކިސްތާނަށް މިނިވަންކަން ހޯއްދަވައިދެއްވި މުހައްމަދު އަލީ ޖިނާހުގެ ބުދު ކަމަށް ވެއެވެ. އަދި ތިރީގައި ކާފަރުން އަޅުކަންކުރާ ތަފާތު ވައްތަރުގެ ބުދުތައް ހަދާފައިވެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިކަމަކީ ސަރުކާރު ހިންގާ ޕާޓީން ދިވެހިރާއްޖެ ހަލަބޮލިކޮށްލައި، އެމީހުންގެ ލާދީނީ އެޖެންޑާއެއް ޙާޞިލްކުރުމަށްޓަކައި ކުރަމުންދާ ކަންތައްތަކެވެ.

މިފަދަ ބޮޑެތި ލާދީނީ ކަންތައްތައް ފާޅުވެ ލޯމައްޗަށް ފެނުމުންވެސް ތިމާގެ ޕާޓީ ކަމަށް ވުމުން ނުވަތަ ތިމާ ތާއީދުކުރާ ޕާޓީ ކަމަށް ވުމުން މިފަދަ ނުބައި ކަންތައްތަކުގެ ދިފާއުގައި ބައެއް މީހުން ދަނީ ވާހަކަދައްކަމުންނެވެ. އެމީހުން ދަނީ ލާދީނީ ކަންތައްތަކާ އެއްކޮޅަށް ޣާފިލްކަމުގައި ތިބެނަމަވެސް ތަފާތު ބަހަނާތައް ދައްކަމުންނެވެ. ތިމަންނާނެމެން ލާދީނީ ކަންތައްތަކަށް އެއްގޮތަކަށްވެސް ތާއީދުކުރަނީއެއް ނޫނޭ ކަމަށް ވެސް އެމީހުން ބުނެއެވެ. އަދި އެކަންތައްތަކާ ދެކޮޅުހަދާ މީހުންނަށް ވެސް ފުރައްސާކޮށް މަލާމާތުގެ ބަސްތައް ވެސް ބައެއް ދިވެހި ދަރިން ދަނީ ބުނަމުންނެވެ. ތިމާ އިސްކަންދޭންވީ އިސްލާމްދީނަށް ހެއްޔެވެ. ނުވަތަ ތިމާ ލޯބިކުރާ ޕާޓީއަށް ހެއްޔެވެ؟ ނުވަތަ ތިމާ ލޯބިކުރާ ވެރިއަކަށް ހެއްޔެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.