ތުއްތު ކުއްޖަކަށް ފަރުވާދިނުމަށްފަހު އެކުއްޖާ މަރުވެފައި އޮތްކަމަށް ނިންމި މައްސަލައެއް ޗައިނާގައި ތަޙްޤީޤްކުރަން ފަށައިފިއެވެ.
އެ ޤައުމުގެ ޞިއްޙީ ދާއިރާގެ ފަރާތްތަކުން ބުނަނީ އެމައްސަލައިގައި ޑޮކްޓަރުންގެ ޓީމާ ސުވާލުކުރަމުންދާ ކަމަށެވެ. މިކަން ހިނގާފައިވަނީ ޗައިނާގެ ގުއަންޑޮންގ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ފޮޝާންގެ ނަންހާއި ރެޑްކްރޮސް ހޮސްޕިޓަލުގައި މިދިޔަ މަހު 26 ވަނަ ދުވަހުކަމަށް އެސަރަޙައްދުގެ ޞިއްޙަތާއި ބެހޭ މަރުކަޒުން އޭއެފްޕީއަށް ފޮނުވި ބަޔާނެއްގައިވެއެވެ.
އެބަޔާނުގައި ވާގޮތުން ކުއްޖާގެ މަންމަ ހޮސްޕިޓަލަށް ގެންދެވިފައިވަނީ އެތެރަހައްޓަށް ލޭއެޅި، ބަނޑަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ. އެއަށްފަހު، އެމެރޖެންސީ ގޮތެއްގައި ދަރިފުޅުވިހެއީއެވެ. އަދި ވިހެއިފަހުން އެކުއްޖާ އެއްވެސްގޮތަކަށް ނޭވާވެސް ނުލައި، ރޮއިވެސް ނުލާކަމަށާއި ހަންގަނޑު ދަނބުކުލައަކަށް ބަދަލުވެފައިވާކަމަށެވެ. އެހެންކަމުން، ކުއްޖާ މަރުވެފައިކަމަށް ޤަބޫލުކުރެވި ކުއްޖާ ދޫކޮށްލީ ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަނުކޮށެވެ.
ފޮޝާން ނިއުސް އާއި ޙަވާލާދީ އެކުއްޖާ ވިހެއުމަށްފަހު ގާތްގަނޑަކަށް 30 މިނެޓް ފަހުން ކުއްޖާ ދެކިލުމަށް އެކުއްޖާގެ ފަހަރިއަކު އެދުމުން ލިބުނީ ކުއްޖާ އަޅާފައި އޮތް ރީނދޫ ކޮތަޅެކެވެ. އެހެންނަމަވެސް އެކޮތަޅު ހުޅުވިއިރު އަތާއި ފައިތިލަ އަދި ބަނޑުވެސް ޙަރަކާތްކުރަމުންދިޔުމާއި އަގައިން ކުޅު ބޭރުވަމުންދިޔަ ކަމަށް އެކުއްޖާގެ ފަހަރި ހާމަކުރިއެވެ.
އޭގެއިތުރުން ލިބުނީ އަންހެންކުއްޖެއްކަމަށް ހޮސްޕިޓަލުން ކުރިން ބުނި ނަމަވެސް ކޮތަޅުގައި އޮތީ ފިރިހެން ކުއްޖަކަށްވުންވެސް އެއީ ލިބުނު އިތުރު ޙައިރާންކަމެއްކަމަށް އެކުއްޖާގެ ފަހަރު ބުންޏެވެ.
ނަރުހުން އެގޮތަށް ޢަމަލުކުރީ ކުއްޖާ މަރުވުމުން ލިބުނު ހިތާމަ އެކުއްޖާގެ އާޢިލާއަށް ލުއިކޮށްދިނުމަށްކަމަށް ފޮޝާން ނިއުސް އިން ހާމަކުރިއެވެ. އެއީ ޗައިނާގައި ކޮންމެ ދެމަފިރިއަކަށް އެއް ކުއްޖަކު ހޯދަން ކަނޑައަޅާފައި އޮތް ޕޮލިސީގެ ސަބަބުން ފިރިހެން ކުދިން ހޯދުމަށް އާޢިލާތަކުން އިސްކަންދޭތީއެވެ.
ކުއްޖާ ދިރިއޮތްކަން އެނގުމުން، އެމަރޖެންސީގައި އެކުއްޖާވަނީ އައިސީޔޫ އަށް ގެންދެވިފައެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ދޭން ހޮސްޕިޓަލުންވަނީ ދެކޮޅު ހަދާފައެވެ.
މީގެ ކުރީން އެންމެ ނަންހިނގި ޗައިނާގެ ޞިއްޙީ ޚިދުމަތްވަނީ އަގުބޮޑު، އެކަށީގެންވާފަދަ ޚިދުމަތެއްނުލިބޭ ދާއިރާއަކަށްވެފައެވެ. އަދި މިދާއިރާއަށް ކުރެވޭ ޚަރަދުވެސް ވަރަށް ބޮޑަށް މަދުވެފައިވެއެވެ.
ބެއިޖިންގ ނިއުސްއިން ހާމަކުރާ ގޮތުގައި މިކަމާއި ގުޅިގެން ބަދަލެއްގެ ގޮތުގައި 45,000 އެމެރިކާ ޑޮލަރު (300,000 ޔުއާން) ހޯދުމަށް ކުއްޖާގެ މައިންބަފައިން ދަނީ ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންނެވެ.
މިކަމާއި ގުޅިގެން ޑޮކްޓަރާއި 2 ނަރުހުން އަދި މާބަނޑުމީހުންގެ ވޯޑްގެ އިސްމީހަކަށް ހުރި މީހާވަނީ ތަޙްޤީޤް ނިމެންދެން ސަސްޕެންޑް ކޮށްފައެވެ.
_______
މަޞްދަރު: އޭއެފްޕީ

















ޚިޔާލު