މިމަހުގެ 10 ން 11 ށް އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ކްރިސްޓިއަން ދީނުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރާ، އީސާގެ ފާނުގެ ސޫރަ ހިމެނޭ ބެނާތަކެއް އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ހިސާބުތަކުގައި ހަރުކުރަން ފަށައިފި އެވެ.
އެއާޕޯޓްގައި މަސައްކަތްކުރާ ޒުވާނަކު "ދިއިސްލާމަށް" މަޢުލޫމާތު ދެމުން ބުނީ މި ބެނަރތަކުގައި ހިމެނެނީ ހަމައެކަނި ކްރިސްޓިއަން ދީނުގެ ނިޝާން އެކަންޏެއް ނޫން ކަމަށާއި، ބުދު ދީނާއި އެހެނިހެން ދީންތަކުގެ ޝިޢާރު ފާޅުވާފަދަ ކުރެހުން ވެސް ދައްކުވާ ކަމަށެވެ. އޭނާ ބުނީ އެ ބެނަރތައް އެއާޕޯޓަށް އަރާތަނުގައި ވެސް ހަރުކޮށްފައިވާ ކަމަށާއި އެކަން ފާހަގަކުރެވުނީ މިއަދުގެ އިރާކޮޅު ކަމަށެވެ.
މި ބެނަރތައް ކުރެހީ މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޑިޒައިނިން ކޮންސަލްޓެންޓް މޫއިންކު ޕްރައިވެޓް ލިމިޓެޑުން ކަމަށް "ސަން" އޮންލައިންގައި ބުނެފައި ވެއެވެ.
އެ ކުންފުނީގެ ކްރިއޭޓިވް ޑައިރެކްޓަރ އަލީ ސައީދު އެނޫހަށް ވިދާޅުވީ އެކުރެހުން ކުރަހާފައި ވަނީ ކެބިނެޓުން ފާސްކުރި، ސާކުގެ ގައުމުތަކުގެ ތައުލީމާއި ދީނާއި އަދި ޝަގާފަތް ރަމްޒްކޮށްދޭ ފަސްތީމެއްގެ މައްޗަށް ބަލައިގެން ކަމަށެވެ. އަދި އެ ކުރެހުމުގައި އީސާގެ ފާނުގެ ސޫރަ ހިމެނެނީ ސާކުގެ 8 ގައުމުގައި، 10 ދީނެއްގެ މީހުންވެސް އުޅޭކަން ރަމްޒުކޮށްދިނުމަށް ކަމަށެވެ.
އެ ކުރެހުމުގައި އިސްލާމްދީން ވެސް އަދި ބައެއް އެހެންދީންތައް ވެސް ރަމްޒްކޮށްދޭ ނިޝާންތައް ހިމަނާފައި ވެއެވެ. ބުދުދީނާއި އެހެނިހެން ވެސް ސާކުގެ ގައުމުތަކުގައި ޕްރެކްޓިސް ކުރާ ދީންތަކުގެ ޝިޢާރުތައް ދައްކުވައެވެ.
ސާކުގެ ޕުރޮމޯޝަންގެ ކަންތައްތައް ވިލަރެސް ކުރައްވާ އެމްޕީއާރުސީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތައްޔިބް މުޙައްމަދު އެނޫހަށް ވިދާޅުވީ ވަކިދީނެއްގެ މާނަ ދޭހަވާ ގޮތަށް އޭގައި އެއްޗެއް ހިމަނާފައި ނުވާނެ ކަމަށާއި މިއީ ގައުމީ ކަމެއް ކަމަށެވެ.
ސަން އޮންލައިނުން ބުނާގޮތުގައި، އެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރކަށް ހުންނަވަނީ ކުރިން މިނިވަން ނޫހުގައި ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވި ސައިމަން ހޯކިންސް އެވެ.
ސާކް ސަމިޓުގެ ހަވާސާގައި ކަމަށް ބުނެ މިހާރު އައްޑޫ ސިޓީގައި ފަށާފައިވާ ޘަޤާފީ ކުޅިވަރުތަކުގެ ތެރޭގައި ލާދީނީ ޝިޢާރުތައް ދަނީ ފާޅުކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މަރަދޫ އަވަށުގައި ބޭއްވި ޝޯއެއްގައި ވަނީ ވަރަށް ބޮޑަށް ބުދު ދީނުގެ ޝިޢާރު ފާޅުކޮށް، އިންޑިއާގެ އަންހެނުންގެ ފާޙިޝް އަދި ހުތުރުކަން ބޮޑު ނެށުންތައް ދައްކާފައި ވެއެވެ. މި ނެށުމުގައި ބުދު ދީނުގެ ކަލާނގެ ސިފަކޮށްދޭ ނެށުންތައް ދައްކާފައި ވެއެވެ.
ސަރުކާރުން މިއަހަރުގެ ސެޕްޓެމްބަރު 17 ގައި އާއްމުކޮށްފައިވާ "ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދު" ގެ 9 ވަނަ މާއްދާގައި ބުނާ ގޮތުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި އާއްމު ތަންތަނާގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...