ކޮމަންވެލްތުގެ 54 ގައުމުގެ ވެރިން ،މި ޒަމާނާ އެއްގޮތަށް އެ ޖަމާއަތް އިސްލާހު ކުރަން ނިއްމައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ގިލާޑް ވިދާޅުވީ މި ޖަމާއަތް އިސްލާހު ކުރުމަށް މުހިއްމު ކަންތައްތަކެއް ކަނޑައެޅި އެއްބަސްވެވިފައިވާކަމަށާއި އަދި މި ޖަމާއަތަކީ ގާބިލު ޖަމާއަތެއްކަނ ސަމިޓުގެ ނިންމުމުން އެނގިގެން ދިޔަކަމަށެވެ.
މި ހާއްސަ ސަމިޓުގައި ކޮމަންވެލްތުގެ ވެރިންވަނީ މެމްބަރު ހުރިހާ ގައުމަކުން އެއްބަސްވާ އުސޫލުތަކެއް ހިމެނޭ ޗާޓަރެއް އެކުލަވާލުމަށް އެއްބަސްވެފައެވެ. މި ނިންމުމުގެ ސަބަބުން ދުނިޔޭގެ އެތަށް ބަޔަކަށް ފައިދާ ކުރާނެ ކަމަށް ގިނަބަޔަކު ދަނީ ގަބޫލުކުރަމުންނެވެ.
މި ސަމިޓުގައި އިންސާނީ ހައްގުތަކުގެ މައްސަލާގައި ގައުމުތަކުގެ ވެރިން ޚިޔާލު ތަފާތު ވިޔަސް، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ތެރެއިން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ގައުމުތަކަށް ފިއްތުން އިތުރުކުރުމުގައި ޖަމާއަތަށް މިހާރަށް ވުރެ އިތުރު ބާރުތައް ދިނުމަށް ވެސް ވެރިން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. މީގެ ކުރިން އާންމު ހަމަތަކާ ހިލާފުވެ ދުނިޔެއަށް ދެކޮޅުވެރިކަން ދައްކާ މެންބަރު ގައުމެއް ނަމަ ޖަމާއަތުން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރާގޮތަށް ހަމަޖެހިފައިވިޔަސް، މި ނިންމުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.
މި ކަންކަމުގެ އިތުރުން 300 އަހަރުވީ އިނގިރޭސި ވިލާތުގެ ރަސްކަން ވާރުތަވާގޮތް ކަނޑައެޅިފައިވާ ގާނޫނަށް ވެސް ވަނީ ބަދަލުގެނެއުމަށް ފާސްކޮށްފައެވެ. މިހާރު ގެންނަން ނިންމާފައިވާ ބަދަލުގެ ސަބަބުން ވަލީއަހުދަކު ކްރިސްޓިއަނަކާ ކައިވެނިކޮށްގެން ލިބޭ އަންހެންދަރިންނަށް، އެ ބޭފުޅުންގެ ފިރިހެން ބޭފުޅުންގެ ކުރިން ވެސް ރަސްކަން ލިބޭނެއެވެ.
ގިނަ ކަންތަތްތައް ފާސްވެގެން ދިޔަ މި ސަމިޓުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާ ބެހޭ މިނިވަން ކޮމިޝަނަރަކު ކަނޑައެޅުމަށް ހުށައެޅި ނިންމުން ފާސްވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މި އިސްލާހު ކުރެވުނު ކަންކަމުގެ ސަބަބުން މީގެ 62 އަހަރު ކުރިން އުފެއްދި މި ޖަމާއަތުގެ ހިންގުމަށް ގިނަ ގުނަ އިސްލާހީ ބަދަލުތަކެއް އަންނާނެކަމަށްދަނީ ބެލެވެމުންނެވެ. އަދި ގިނަ ބަޔަކަށް ފައިދާ ކުރާނެކަމަށްވެސް ވަނީ ބެލެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...