ރިޕޯޓްދިއިސްލާމް

ވިސްނުމުގެ ނަޒަރަކުން.....!!!

އެއްވެސް ދިވެހި ލޮބުވެތި ރައްޔިތަކު ދެކޮޅުނުވާނެ ފަދައިން ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އެހެނީ ފުރަތަމަ ދިވެހި ރައްޔިތަކަށް ވެވޭނީވެސް މުސްލިމަކަށެވެ. ނަމަވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތައް އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރެވޭތޯ ކުރެވޭ ސުވާލު ތިބާގެ އަމިއްލަ ނަފްސާ މިއަދު ކޮށްލުން ބުއްދިވެރިއެވެ. އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ދީނަކީ މިސްކިތަށް އެރުމުން އޮންނަ އެއްޗެއް ކަމަށެވެ. އެހެނީ މިސްކިތުން ފައިބުމަށްފަހު ތިބާއަކީ ހިތުހުރިހާގޮތަކަށް އުޅުމުގެ "މިނިވަންކަން" އޮތް "މިނިވަނެއް" ކަމުގެ ނުބައި ތަޞައްވުރެވެ.

އާނއެކެވެ. ތިބާއަކީ ފުރިހަމަ މިނިވަނެކެވެ. ނަމަވެސް އެއީ އިސްލާމީ އުޞޫލްތަކުގެ ތެރެއިންނެވެ. އިސްލާމްދީނަކީ އެހެން ދީންތައް ފަދައިން މީސްތަކުން އަޅުވެތިކުރާ ދީނެއް ނޫނެވެ. އަދި ކިއެއްތަ! އެއީ މީސްތަކުން މިނިވަންކުރުމުގެ ދީނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ ލަގަނުން ދޫވެ އިސްލާމްދީނުގެ އަސްލުތަކާއި އިއްޒަތްތެރިކަމާ ޚިލާފްވަމުން ދާއިރުވެސް އަޅުގަނޑުމެން އަތްޖަހަން ތިބެންވީތޯއެވެ؟ ޕޯޑިއަމްތަކުގައި ހިތުހުރި އެއްޗެއް ކިޔާއިރުވެސް އަޅުގަނޑުމެން އެބޭފުޅުންގެ "ޑިގާ" މަތިކުރަން ތިބެންވީތޯއެވެ؟ މަޢާފްކުރައްވާށެވެ. އަޅުގަނޑުގެ މަޢުޟޫއަކީ މިއެއްނޫނެވެ.

ވިސްނާވަޑައިގަންނަވާށެވެ. ތިބާ ނަމާދުނުކޮށް އުޅޭއިރު، އެކަންތައް އާދަޔާޚިލާފް ކަމަކަށް ނުވާއިރު، ފަސްވަގުތު ނަމާދުކުރަން ފެށުމުން އާދަޔާޚިލާފް ކަމަކަށްވެ، ލަޤަބުތައްދީ ފާޑުފާޑުގެ ނަންދީހަދަނީ ފަހެ ކީއްވެތޯއެވެ. އަޅުގަނޑުމެންނަށް އަންގަވާފަ އޮތީ ފަހެ ނަމާދު ޤާއިމްކުރުމަކަށް ނޫންތޯއެވެ؟ ވީއިރު ދީނުގައި އޮތްގޮތަށް ޢަމަލުކޮށްގެން މީހުންގެ މަލާމާތް ރައްދުވާނަމަ އެކަމާމެދު ފުންކޮށް ވިސްނަން ނުޖެހޭތޯއެވެ. މިކަމުންވެސް އަޅުގަނޑުމެންގެ އަޤީދާ އަށް އަންނަމުންދާ ބަދަލުތައް އެނގޭނޫންތޯއެވެ.

ބައެއް ބޭފުޅުންގެ ވާހަކަތަކުން ފާހަގަކުރެވުނު ކަމެއް ބަޔާންކޮށްލާނަމެވެ. މި ރާއްޖޭގެ ރިސޯޓްތަކުގައި ރާ ވިއްކާ ކަމަކީ އެންމެންވެސް ދަންނަ ކަމެކެވެ. އަދި އެއީ ޙަރާމް އެއްޗެއް ކަމާމެދު އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެ އެވެ. ނަމަވެސް މިހާރު އަޑު އިވެމުން ދަނީ "ކެސިނޯ" ނުހުޅުވިގެން އުޅޭ ވާހަކަ އެވެ. ހައިރާންވާންޖެހޭ ކަމަކީ މިކަން ކުރަން އުޅޭ ބައެއް މީހުން މީގެ ދިވެހި ލަފްޒު، "ޖުވާކުޅޭ ތަން" މި ލަފްޒު ބޭނުންކުރަން ޖެހިލުންވެ މީގެ އިނގިރޭސި ލަފްޒު ބޭނުންކުރާ ކަމެވެ.

ރައްޔިތުންނަށް އޮޅުވާލުމުގައި ހައްދުފަހަނައަޅައި ގޮސްފައެވެ. ޒުވާން ކުދިންނަށް އެއީ ކޯއްޗެއްކަން އެނގުނަސް ދުވަސްވީ މީހުންވެސް އުޅޭނެތާއެވެ. ކޮންމެ ނަމެއްގައި އަޔަސް ޖުވާ ވާނީ ހަމަ ޖުވާ އަށެވެ. ރައްޔިތުންގެ ބަޔަކު މިއީ ކޮށްގެންވާނެ ކަމެއް ނޫނޭ ކިޔާ އަޑު އުފުލުމުން ބައެއް ބޭފުޅުން ރާ ވިއްކާކަން ހުއްޖަތަކަށް ހަދާ މިއީ މައްސަލައެއް ނޫންކަމަށް ފަތުވާދޭން ފަށައިފި އެވެ. އަޅުގަނޑުގެ ސުވާލަކީ ޙަރާމް ކަންތައް މި ޤައުމުގައި ހިނގާތީ އެކަން ހުއްޖަތަކަށް ހަދާ ދެންހުރި ޙަރާމް ކަންތައްވެސް މި ދިވެހި ފަސްގަނޑަށް ގެންނަންވީ ތޯއެވެ؟ އަޅުގަނޑުމެންގެ ވިސްނުން މި ހުރި ހިސާބާމެދު އަޖައިބުވަމެވެ. މިއުޅެނީ އެއްކަމަކުން ސަލާމަތް ނުވެވިގެނެވެ. އެއްބަޔަކު އިތުރު ކޮންމެވެސް ކަމެއް ގެނެވެތޯ ކެނޑިނޭޅި ހަމަ ނިދި ނުލިބިގެން މަސައްކަތްކުރަނީ އެވެ.

ކިޔުންތެރިންނޭވެ! ﷲ އަށް ބިރުވެތިވެލައްވާށެވެ. މުދާ ހޯދުމުގައި ރަނގަޅުގޮތް އިޚްތިޔާރުކޮށްގެން ތިބާއަށް ވަނީ ކޮން ގެއްލުމެއްތޯއެވެ. އެއީ ދެ ދުނިޔޭގައިވެސް ކާމިޔާބުވާނެ މަގެވެ. އޭ އަޚުންނާއި އުޚްތުންނޭވެ. ތިބާއަކީ ވެސް މަރުވާނެ މީހެކެވެ. އެހެނީ މާތް ﷲ ވަހީކުރައްވާފައިވާ ފަދައިން ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. ވީއިރު، ތިބާ މިސްކިތަށް ގޮސް ސުންނަތާ އެއްގޮތަށް އުޅުމަށް މަސައްކަތްކުރާ މީހުންނަށް މަލާމާތްކުރަނީ ފަހެ ކީއްވެތޯއެވެ؟ ދީނަކީ ހަމައެކަނި މިސްކިތަށް އެރޭ ފަހަރަކު މިސްކިތް ތެރޭގައި އޮންނަ އެއްޗަކަށް ހައްދަވަނީ ފަހެ ކީއްވެތޯއެވެ. މުސްލިމުންގެ ދީނަކީ ހުރިހާ ކަމެއްގައި ވެސް އެބައިމީހުންގެ އަސާސްކަން ފަހެ ތިބާ ހަނދުމަނެތިކުރުވީ ދުނިޔެގެ ކޮން އުފަލެއް ހެއްޔެވެ. ތިބާ ﷲ ގެ ދީނަށް ފުރިހަމަ ގޮތުގައި ވަންނާށެވެ. ތިބާ އަށް ކާމިޔާބު ހުރި ގޮތަކީ އެއީ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް