
"އޭ ބޭބޭ.. އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ ލާރިކޮޅު ވަގަށްނަގައިގެން ކޮޓަރީގެ ކުލި ނުދެއްކިގެން. އެގޭ މީހުންބުނީ މިއަދު ލާރިނުދައްކައިފިއްޔާ ކޮޓަރިން ނެރޭނަމޭ... އަންހެނުންނަކީވެސް ބުރުގާ އަޅައިގެން އިންނަ ކުއްޖަކަށްވާތީ ކޮޓަރިން ނުކުންނަން ޖެހިއްޖެއްޔާ ވަރަށް ދަތިވާނެ..ﷲ އަށްޓަކައި އަޅުގަނޑަށް އެހީވެދީ.. އާދޭސްކޮށްފައި މިބުނީ އަޅުގަނޑަށް އެހީވެދީ....."
ދީނީ ކުއްޖެއްގެ ސިފަޖެހިގެން (ތުނބުޅިލައި ބޮލުގައި ފަގުޑިއެއް ނުވަތަ ތާކިހަލެއް އަޅައިގެން) ކުއްޖަކުއައިސް ވަރަށް އަސަރާއިއެކު މަތީގައިއެވާ ޢިބާތްތަކުން މުސްލިމެއްކައިރީ ބުނެފިއްޔާ އެކުއްޖަކަށް ލާރިނުދޭނޭ އެއްވެސް މުސްލިމަކު ނުހުންނާނެއޭ ބުނުމަކީ ކުށަކަށްނުވާނެއެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު ވަރަކުން އެހީވާނެކަން ޔަޤީނެވެ.
ޢާއްމުގޮތެއްގައި ވައްކަންކޮށް، ބަނގުރާބޮއެ، މަސްތުވާ ތަކެތި ބޭނުންކުރާކުދިންނަކީ އެކުދިން ފެނުނީމައި އެންމެނަށްވެސް އެއީ މިވެނިއެވެނި ކަހަލަ ބައެއްކަން ދަނެގަންނަން ފަސޭހަ ބައެކެވެ. ޢާއްމުންނަށް މިބައިމީހުންނަކީ ކޮންކަހަލަ ބައެއްކަން އެނގޭތީ މިހާރު މީގެތެރެއިން ބައެއްމީހުންވަނީ ވައްކަންކުރުމުގެ ސްޓައިލް މުޅީން ބަދަލުކޮށްފައެވެ. ދިރިއުޅުމުގެ އެހެނިހެން ކަންތައްތައް ތައްޤީކުރާހެން ވައްކަންކުރުމުގެ ސްޓައިލަށްވެސް ބޮޑެތި ބަދަލުތަކެއްގެނެސް ތަރައްޤީކޮށްފިއެވެ.
އެއީ ކިހިނެއްކަމަށްތޯއެވެ. ދީނީ ކުލަ ނުވަތަ ދީނީ ސިފަ ޖެހިގެން ވައްކަން ކުރުމެވެ. ފިރިހެނެއްވެއްޖެއްޔާ ތުނބުޅިލައިގެން ބޮލުގައި ތާކިހަލެއް ނުވަތަ ފަގުޑިއެއް އަޅައިގެން ފައިކުރި ކުރުކޮށް ތިމާއަކީ ދީނީ ކުއްޖެއްކަން އެހެން މީސްތަކުންގެ ލޯމައްޗަށް ދައްކައިގެން ވައްކަންކުރުމެވެ. އަންހެން ކުއްޖަކުވިއްޔާ ބުރުގާ އަޅައިގެން ވައްކަންކުރުމެވެ. މިއަދު މިއީ ހަމައެކަނި ވައްކަންކުރުމަށް ބޭނުންކުރާ އުކުޅެއްނޫނެވެ. މަސްތުވާތަކެތި ބުއިމަށާއި ދުނިޔޭގައި ލެއްވިހައި ނުބައިކަމެއްކުރުމަށް މިއަދު މި ފޭރާން ބޭނުންކުރެއެވެ. ބޭނުމަކީ އެހެންމީސްތަކުންނަށް އޮޅުވާލުމެވެ. އަދި މި ސްޓައިލަށް ވައްކަންކޮށްގެން ވަރަށްގިނަ ކުދިން ލައްކައިން ލައްކައިން ލާރިވެސް ޖަމާކޮށްފިއެވެ.
މި ބައިމީހުންނަކީ ދީނީކުދިންގެ ގޮތުގައި ޢާއްމުން ޤަބޫލު ކުރެއެވެ. އަދި މިފަދަކުދިން ފުލުހުން އަތުލައިގަންނަ ވަގުތު ތުނބުޅިލީމީހުން ވައްކަން ކުރަނީއޭ ގޮވައި ހަޅޭއްވެސް ލަވައެވެ. އަދި ދީނަށް ފުރައްސާރަކުރުމުގައި މެކުހަށްޖަހާފައިވާ ބައެއް މީޑިއާތަކުން މިކަން ދީނަށް ނިސްބަތްކޮށް ވަރަށް ހަޑިހުތުރުގޮތްގޮތަށް މިކަން އިޢުލާނު ކުރެއެވެ. އެއީ އެމީހުންގެ ހިތުގައި އިސްލާމްދީނަށް އޮންނަ ނަފްރަތެއްގެ ބޮޑުކަމުންނެވެ.
ދަންނަވަންތޯއެވެ. މުސްލިމެއްގެ ސިފަޖެހިގެން ދުނިޔޭގައި ލެއްވިހައި ނުބައިކަމެއްކުރުމަކީ އެކަމަކުން އިސްލާމްދީނަށް އެއްވެސް އުނިކަމެއް އަންނާނޭކަމެއްނޫނެވެ. އަދި ކިއެއްތަ، އެފަދަ ހުރިހައިކަމަކުން އިސްލާމްދީން ވަނީ ބަރީޢަވެގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...