ފޭސްބުކުގައި އިސްލާމްދީނަށް ފުރައްސާރަކުރި މިޞްރުގެ ރައްޔިތެއްގެ މައްޗަށް ކުށް ޘާބިތުވުމާ ގުޅިގެން، އޭނާ 3 އަހަރުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް މިޞްރުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
އައިމަން ޔޫސުފް މަންޞޫރު ނަމަކަށް ކިޔާ މި މީހާ "ޤަޞްދުގައި އިސްލާމްދީނުގެ ކަރާމާތަށް ފުރައްސާރަކޮށް، ފޭސްބުކުގައި ހުތުރު ބަހުން އެދީނަށް މަލާމާތްކޮށްފައިވާ ކަމަށް" ޤާހިރާގެ ކޯޓުން ބުނެ އެވެ.
މަންޞޫރު ބޭނުންކޮށްފައި ވަނީ ކޮން ޢިބާރާތެއް ކަން ކޯޓުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިޞްރުގެ ނޫސްތަކުން ބުނާގޮތުގައި މަންޞޫރު ފާޑުކިޔާފައިވަނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ އަހުލު ބައިތުންނަށެވެ.
މަންޞޫރު ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހު ފުލުހުން އޭނާގެ އިންޓަރނެޓް އެޑްރެސް ޓްރެކްކޮށްގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އައިމަން ޔޫސުފް މަންޞޫރަކީ ކޮން ދީނެއްގެ މީހެއްކަން ކޯޓުން ކަށަވަރުކޮށްދީފައި ނުވިޔަސް، އިސްލާމް ދީނަށް މަލާމާތްކުރުމަކީ މިޞްރުގެ ޤާނޫނު އަސާސީއާ ޚިލާފްކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...